މަސްތުވާތަކެއްޗާއެކު މާލެއިން ހަތަރު މީހަކު ހައްޔަރު ކޮށްފި

މުހައްމަދު އަލީ
ޑިސެމްބަރ 21, 2025

މާލޭގެ ގެސްޓުހައުސްއަކާއި އެޕާޓުމަންޓެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިއީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު ނަންބަރު ރސ. 10367 / މާލެ، ޙަސަން އަނަސް (22އ) އާއި އަތަގަސްދޮށުގެ / ދޫޑިގަން.ޏ. ފުވައްމުލައް، މޫސާ ޝަހީމް (22އ) އާއި އާވެލި / ބ. ގޮއިދޫ، ޙުސައިން ޝަރުވާން (25އ) އަދި ނޭޕާލް ރައްޔިތެއްކަމަށްވާ ނިޝާ ރާއި (21އ) އެވެ.

މިއޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 377.39 ގްރާމް ހުއްޓެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙަސަން އަނަސް އަށް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ. މޫސާ ޝަހީމް އާއި ޙުސައިން ޝަރުވާން ފަސް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

ނިޝާ ރާއި ގެ ބަންދު ކުރުމަށް އަމުރު ކުރެއްވީ އެންމެ ދުވަހަކަށެވެ. އެ މުއަދަތު ހަމަވުމުން ދެވަނަ ފަހަރަށް މުއްދަތަށް ކޯޓަށް ހާޒިރުކުރުމުން ދެވަނަ ފަހަރަށް ވެސް ބަންދުކުރީ އެއްދުވަހަށެވެ. ދެވަނަ ފަހަރަށް ދީފައިވާ އެއް ދުވަހުގެ މުއްދަތު ހަމަވުމުން ތިން ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ މުއްދަތެއް ޖަހައިދީފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

 

މި ލިޔުމާ ގުޅޭ