ގަލްފްގެ ތިން ގައުމެއް ކަމަށްވާ ބަހްރޭން، ކުވެއިތު އަދި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ހަކުރު އެކުލެވޭ ބުއިންތަކާއި އެނާޖީ ޑްރިންކްސް ބޭނުންކުރުން މަދުކުރުމަށްޓަކައި ޓެކްސް ބޮޑުކުރުމަށާއި، އިޝްތިހާރުކުރުން މަނާކުރުމަށް ނިންމައިފިއެވެ. މި ފިޔަވަޅުތަކުގެ މައިގަނޑު މަގްސަދަކީ އާންމު ސިއްހަތު ރައްކާތެރިކުރުމާއި ސިއްހީ ގޮތުން ގެއްލުންހުރި ތަކެތި ބޭނުންކުރުން މަދުކުރުމެވެ.
ބަހްރޭންގެ ވަޒީރުންގެ މަޖިލީހުން ވަނީ ގޭސް އެކުލެވޭ ބުއިންތަކުން ނަގާ ’އެކްސައިޒް ޓެކްސް‘ ބޮޑުކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައެވެ. މިއީ އެ ގައުމުގެ ސިއްހީ ސިޔާސަތުތަކުގެ ދަށުން، ހަކުރު ގިނައިން އެކުލެވޭ ތަކެތި ބޭނުންކުރުން މަދުކުރުވުމަށް އަޅާ ފިޔަވަޅެކެވެ.
ޔޫއޭއީ ސަރުކާރުން ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރެޑް ބުލްފަދަ ބުއިންތަކުން ޓެކްސް ނަގާނެ އާ އުސޫލެއް ކަނޑައަޅާފައެވެ. މި އުސޫލުގެ ދަށުން ބުއިންތައް ހަތަރު ބަޔަކަށް ބަހާލެވިފައިވެއެވެ. އެގޮތުން ހަކުރު ގިނައިން ހުންނަ ބުއިންތަކުން ލީޓަރަކަށް 1.09 ދިރުހަމް ނަގާއިރު، މެދު މިންވަރަކަށް ހަކުރު ހުންނަ ބުއިންތަކުން ނަގާނީ 0.79 ދިރުހަމެވެ. ނަމަވެސް ހަކުރު މަދު ބުއިންތަކާއި އާޓިފިޝަލްކޮށް ފޮނިކޮށްފައި ހުންނަ ބުއިންތަކުން ޓެކްސް ނުނަގާނެއެވެ.
ކުވެއިތުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ’ރެޑްބުލް‘ ފަދަ އެނާޖީ ޑްރިންކްސް ވިއްކުމާއި ބޭނުންކުރުމާ ގުޅޭ ހަރުކަށި ގަވާއިދެއް ނެރެފައެވެ. މި ގަވާއިދުގެ ދަށުން 18 އަހަރުން ދަށުގެ ކުދިންނަށް އެނާޖީ ޑްރިންކްސް ވިއްކުން ވަނީ މަނާކޮށްފައެވެ. އަދި ކޮންމެ މީހަކަށް ދުވާލަކު ގަނެވޭނީ ގިނަވެގެން ދެ ދަޅު ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ކުވެއިތުގައި އެނާޖީ ޑްރިންކްސް އިޝްތިހާރުކުރުމާއި، ކުޅިވަރު މުބާރާތްތައް ފަދަ ހަރަކާތްތައް ސްޕޮންސަރ ކުރުން ވަނީ މަނާކޮށްފައެވެ. އަދި ތައުލީމީ މުއައްސަސާތަކާއި، ސަރުކާރުގެ އިދާރާތަކާއި، ރެސްޓޯރަންޓްތަކާއި ކެފޭތަކުގައި މިފަދަ ބުއިންތައް ވިއްކުން ވަނީ މަނާކޮށްފައެވެ. މި ތަކެތި ވިއްކުމުގެ ހުއްދަ އޮންނާނީ ހަމައެކަނި ކޯޕަރޭޓިވް ސޮސައިޓީތަކާއި ބޮޑެތި މާރުކޭޓުތަކުގައި، ހާއްސަ އުސޫލެއްގެ ދަށުންނެވެ.
މިތަކެއްޗަކީ އެވިއްކާ ފަރާތަށް ފައިދާވާ ދައުލަތަށާއި އާންމު މީހާގެ ސިއްޙީ ޚަރަދުތަކުން ގެއްލުން ވާ އެއްޗެކެވެ.






