އީސީގެ ރައީސް ޒާހިދު

ލޯކަލް ކައުންސިލް އިންތިޚާބު: ޓީއޯޓީ ޕްރޮގްރާމް ފަށައިފި

މުހައްމަދު އަލީ
ޖެނުއަރީ 3, 2026

މި އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ގާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނޭ އޮފިޝަލުން ތަމްރީނުކުރުމަށް ހަރަކާތްތެރިވާ ޓްރެއިނަރުންނަށް ބާއްވާ ”ޓްރެއިނިންގ އޮފް ޓްރެއިނަރސް“ (ޓީ.އޯ.ޓީ) ޕްރޮގުރާމު މިއަދު ފަށައިފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންދަނީ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) މާލޭ ގައި، މިއަދުން ފެށިގެން، ޖަނަވަރީ 9 ވާ ހުކުރު ދުވަހުގެ ނިޔަލަށް ކަމަށް އީސީން ވިދާޅުވެފައިވެއެވެ.  މި ޓްރެއިނިންގ ޕްރޮގުރާމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 95 ޓްރެއިނަރުން ބައިވެރިވެފައިވެއެވެ. މީގެއިތުރުން މި ޕްރޮގުރާމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ބައިވެރިވެއެވެ.

ޕްރޮގްރާމްގެ މަޤުޞަދަކީ އިންތިޚާބު ކުރިއަށްދާއިރު މާލެއާއި، އަތޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ބެހެއްޓޭ ވޯޓުފޮށިތަކުގައި މަސައްކަތްކުރާ އޮފިޝަލުންނަށް، ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ވޯޓުނެގުމާއި ވޯޓުގުނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ކިޔައިދިނުމާއި، އެފަރާތްތައް މިމަސައްކަތަށް ތައްޔާރުކުރުމެވެ. މިގޮތުން ޕްރޮގްރާމުގައި އިންތިޚާބުގެ ކަންކަން އަމަލީގޮތުން ހިންގުމަށް ބޭނުންވާ އިލްމީ އަދި ފަންނީ ތަމްރީނު ދޭނޭ ކަމަށް ވެސް އީސީން ވިދާޅުވެފައިވެއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމަށްފަހު މާލެއާއި، އަތޮޅުތަކުގައި ވޯޓުނަގާ އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ޖަނަވަރީ 11 ވާ އާދީއްތަ ދުވަހުން ފެށިގެން ކުރިއަށްދާނޭ ކަމަށްއީސީން ވިދާޅުވެފައިވެއެވެ.

 

މި ލިޔުމާ ގުޅޭ