އެމްޑީޕީ ސަރުކާރުން ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓު ރަށުކައުންސިލުގެ އެއްވެސް ދައުރެއްނެތި ސަރުކާރުން މީހުންނާ ހަވާލުކުރާގޮތަށް ނިންމެވުމަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަކަރުވެރި ރޭވުމެއްގެ ތެރެއިން ސަރުކާރުން ކުރާ ކަމެއް ކަމަށް އެމްޑީޕީން ބުނެފިއެވެ. އެހެން ކަމުން އެކަން އެގޮތަށް ނުކުރުމަށް ސަރުކާރަށް އެޕާޓީން ވަނީ ގޮވާލައިފައެވެ.
އަދި، ސަރުކާރުގެ މި އަމަލުތައް ހުއްޓުވުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަށްތުޅާދޫ ކައުންސިލަށް އެމްޑީޕީން ވަނީ ގޮވާލައިފައެވެ. ”އެ މަސައްކަތުގައި މި ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ“ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގައި، ދިވެހިރާއްޖޭގެއިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެއާއެކު އެމް.ޑީ.ޕީގެ ފުރަތަމަ ސަރުކާރުގައި، އެކަމަށް ހާއްސަކޮށް އެކުލަވައިލެވުނު ޤާނޫނުނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުންހިންގުމުގެ ޤާނޫނު) އަށް އަމަލުކުރަން ފަށައި، ލޯކަލް ކައުންސިލްތައް ގާއިމުކުރުމަށްފަހު، ރައްޔިތުންގެ ބައިވެރިވުމާއެކު ރަށްރަށުގައި ހިދުމަތްތައް ދިނުމަށް ބޭނުންވާނެ ބާރުތަކާއި ވަސީލަތްތައް ކައުންސިލްތަކަށް ދިނުމަށް ޓަކައި މުހިންމު އިސްލާހުތައް އެގާނޫނަށް ގެނެސްފައިވާނޭ ކަމަށް ވެސް ބުނެފައިވެއެވެ.
”އެހެން ނަމަވެސް، މި ސަރުކާރުގެ ދައުރު ފެށުމާއެކު، އަނެއްކާވެސް މި ވަނީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވައިލައި، އިދާރީ ހިންގުމުގެ ބާރުތައް ވުޒާރާތަކަށް ޖަމާކުރަން ފަށައިފައެވެ.
މިގޮތުން، އެމް.ޑީ.ޕީ ސަރުކާރުން ތުޅާދޫގައި ބިނާކޮށް ނިންމައިފައިވާ 100 ހައުސިންގ ޔުނިޓު، އޭގެ ހައްގުވެރިންނަށް ދިނުމުގެ މަސައްކަތްތައް ރަށުކައުންސިލުން ކުރަމުން ދަނިކޮށް، ކޯޓު އަމުރެއްގެ ދަށުން މި ދެންނެވިމަސައްކަތްތައް ހުއްޓުވައިފައިވާ ދަނޑިވަޅެއްގައި، ދެންނެވުނު ހައުސިންގޔުނިޓުތައް ހަވާލުކުރުމުގެ އިދާރީ މަސައްކަތްތައް ސަރުކާރުން ވަނީ ކޯޓު އަމުރާޚިލާފަށް ކުއްލިއަކަށް ހައުސިންގ މިނިސްޓްރީގެ ދަށަށް ނަގައިފައެވެ.“
އެ ހައުސިންގ ޔުނިޓުތައް ދޫކުރުމަށް ރަށު ކައުންސިލުގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް މިނިސްޓްރީން އުސޫލެއް އާއްމުކޮށް، އަންނަ އޭޕްރިލް މަހުގެ11 ވަނަ ދުވަހުގެ ނިޔަލަށް ހައުސިންގ ޔުނިޓުތަކަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ހުޅުވައިލުމަކީ ސީދާ ޤާނޫނޫއަސާސީއާއި ލާމަރުކަޒީ ޤާނޫނާ ހިލާފަށް އަދި ލާމަރުކަޒީ ނިޒާމުގެ ރޫހާ ކަނޑައެޅިގެން ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.






