ބަންގްލަދޭޝްގެ ޖެސޯރްގައި ހިންދޫ ފެކްޓްރީއެއްގެ އޯނަރަކު ބަޑިޖަހާ މަރާލައިފި

އިބްރާހީމްް ސަމީރު
ޖެނުއަރީ 8, 2026
ބަންގްލަދޭޝްގެ ޖެސޯރްގެ މޮނީރާމްޕޫރުގައި ގޮތް ނޭނގޭ ބަޔަކު ބަޑިޖަހައި ހިންދޫ ފެކްޓްރީއެއްގެ އޯނަރަކު މަރާލައިފިއެވެ. މި ހާދިސާއަކީ އެ ގައުމުގެ މަދު އަދަދެއްގެ މީހުން އުޅޭ ދީނީ މައިނޯރިޓީތަކުގެ މެދުގައި ބިރުވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ހިނގި ހިތާމަވެރި ހާދިސާއެކެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މަރުވެފައިވަނީ އުމުރުން 38 އަހަރުގެ ރާނާ ޕްރަތާޕް ބައިރާގީ އެވެ. އޭނާ މަރާލާފައިވަނީ ކަޕާލިއާ ބާޒާރުގައި ހުންނަ އޭނާގެ އައިސް ފެކްޓްރީގައި ހުއްޓާ، ސައިކަލެއްގައި އައި ތިން މީހަކު އޭނާއަށް ގޮވާ ބޭރަށް ނެރުމަށްފަހު ކައިރީގައި އޮތް ގޯޅިއަކަށް ވައްދައި ކައިރިން ބަޑިޖަހައިގެންނެވެ. ހަމަލާ ދިނުމަށްފަހު އެ މީހުން ވަނީ އެ ސަރަހައްދުން ފިލާފައެވެ.

ބައިރާގީއަކީ އައިސް ފެކްޓްރީ ހިންގުމުގެ އިތުރުން، އެ ސަރަހައްދުގެ ނޫހެއް ކަމަށްވާ ”ދައިނިކް ބީޑީ ޚަބަރު“ ގެ އެކްޓިން އެޑިޓަރުގެ މަގާމުވެސް ފުރަަމުންދިޔަ މީހެކެވެ. އޭނާ މަރުވީ ހަމަލާދިން ތަނަށް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ މި މައްސަލައިގެ ތަހުގީގު ފަށާފައެވެ. ނަމަވެސް މި ހަމަލާ ދޭން މެދުވެރިވި ސަބަބެއް އަދި ދެނެގަނެވިފައެއް ނުވެއެވެ. މި މަރުގެ ހާދިސާ ހިނގާފައިވަނީ ބަންގްލަދޭޝްގައި ހިންދޫންނަށް އަމާޒުކޮށްދޭ ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި މިދިޔަ އާ އަހަރުގެ މުނާސަބަތުގައި ހިންދޫ ފިރިހެނެއްގެ ގައިގައި އަލިފާން ރޯކޮށްލި ހާދިސާވެސް ހިމެނެއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި، ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް މައިނޯރިޓީ ގްރޫޕްތަކަށް އޮތް ނުރައްކާ ދަނީ ބޮޑުވަމުންނެވެ.

މި ލިޔުމާ ގުޅޭ