އީރާނުގެ ފައިސާގެ އަގު ދަށްވުމާ ގުޅިގެން ފެށުނު މުޒާހަރާތަކަށް ތިން ހަފުތާ ވެފައިވާއިރު، ގައުމުގެ މަސްރަހު މިހާރު އަންނަނީ މަޑުމަޑުން އާންމު ހާލަތަކަށް ރުޖޫއަވަމުންނެވެ. އާދީއްތަ ދުވަހުގެ ރޭ ވެރިރަށް ތެހެރާނާއި އެހެނިހެން ސިޓީތަކުގައި މުޒާހަރާގެ އެއްވެސް ހަރަކާތެއް ރިކޯޑު ކުރެވިފައި ނުވާއިރު، މިއަދު ހެނދުނުން ފެށިގެން ސަރުކާރަށް ތާއީދުކުރާ އެތައް މިލިއަން ބަޔަކު ވަނީ މަގުތަކަށް ނުކުމެ ބޮޑެތި ހިނގާލުންތަކެއް ބާއްވަން ފަށާފައެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ފެށުނު މި މުޒާހަރާތަކުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ސަތޭކައަށްވުރެ ގިނަ މީހުން މަރުވެ، ގިނަ ބަޔަކު ވަނީ ޒަހަމްވެފައެވެ. އީރާނު ސަރުކާރުން ތުހުމަތުކުރާ ގޮތުގައި މި ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ އެމެރިކާ އާއި އިސްރާއީލެވެ. އަދި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ، ”މިހާރު މަސްރަހު އޮތީ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި“ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ހެނދުނު ވިދާޅުވީ އީރާނުގެ ހާލަތާ ގުޅިގެން އަޅާނެ ފިޔަވަޅުތަކެއް ދިރާސާ ކުރަމުންދާ ކަމަށެވެ. މީގެ ކުރިން ޓްރަމްޕް ވަނީ މުޒާހަރާތަކުގައި މީހުން މަރުވާނަމަ އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވާފައެވެ. އިޒްރޭލުން ޖެނޮސައިޑް ހިންގިއިރު ޓްރަމްޕް އޮތީ ކޯމާއެއްގައި ހެއްޔެވެ؟
ޗައިނާ އާއި ތުރުކީ ފަދަ ގައުމުތަކުން ވަނީ އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ގައުމުތަކުން ވަނުމާ ދެކޮޅަށް އިންޒާރު ދީފައެވެ.
ބައިނަލްއަގުވާމީ މައިދާނުގައި އީރާނަށް ފިއްތުންތައް ކުރިމަތިވަމުންދާއިރު، ޖަރުމަނުން ވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް ޓެރަރިސްޓް ލިސްޓުގައި ހިމެނުމަށް ގޮވާލާފައެވެ. އަދި ޔޫރަޕްގެ އިއްތިހާދުން އީރާނާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުންދާއިރު، ޔޫރަޕްގެ ޕާލަމެންޓުން ވަނީ އީރާނުގެ މަންދޫބުން އެ އިދާރާއަށް ވަނުން މަނާކޮށްފައެވެ.
އިޒްރޭލުން ޖަރީމާ ހިންގިއިރު މިމީހުން ތިބ ކޮންތާކު ބާވައެވެ؟
މި ހަމަނުޖެހުންތަކާ ގުޅިގެން އީރާނުގެ ޖުޑީޝަރީގެ އިސްވެރިޔާ ވަނީ ”ހަމަނުޖެހުން އުފައްދާ ފަރާތްތަކަށް“ ހަރުކަށި އަދަބު ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ހަމައެއާއެކު، ތެހެރާނުން ވަނީ އިނގިރޭސިވިލާތް، ޖަރުމަނު، ފްރާންސް އަދި އިޓަލީގެ ސަފީރުން ހާޒިރުކޮށް އިހުތިޖާޖު ރައްދުކޮށްފައެވެ. ގައުމުގެ ބައެއް ސަރަހައްދުތަކުން އަދިވެސް އިންޓަނެޓްގެ ޚިދުމަތް ކެނޑިފައިވީ ނަމަވެސް، ބާޒާރުތަކާއި އާންމު ވިޔަފާރިތައް މިހާރު ވަނީ އާންމު ހާލަތަށް ރުޖޫއަވާން ފަށާފައެވެ.






