ކުފުރުގެ މައްސަލައެއް ތަހުގީގު ކުރަން ފަށައިފި

އިބްރާހީމްް ސަމީރު
ސެޕްޓެމްބަރ 24, 2024

ފޭސްބުކުގައި ކޮށްފައިވާ ކުފުރުގެ ޕޯސްޓްތަކެއްގެ ތުހުމަތުގައި ޕާކިސްތާނުގެ ފިރިހެނެއްގެ މައްސަލަ ބަލަން ފަށައިފިއެވެ. އެގައުމުގެ ފުލުހުން ބަލަންފަށައިފައިވަނީ އުމުރުން 25 އަހަރުގެ ޒުވާނެއްގެ މައްސަލައެވެ.

ޝައްކު ކުރެވޭ މީހާއަކީ މީގެ ކުރިން އިސްލާމްއާބާދުގެ ސެނެޓުގައި މަސައްކަތް ކުރި މީހެކެވެ. މިހާރު އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށް ޑޯން އިން ރިޕޯޓްކޮށްފައިވެ އެވެ.

ގާނޫނުލްއުގޫބާތާއި އެންޓި ޓެރަރިޒަމް ގާނޫނުގެ ދަށުން ހުށަހެޅި އެފްއައިއާރުގައި ބުނެފައި ވަނީ ޝައްކު ކުރެވޭ މީހާ އަކީ ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، ނަފްރަތު އުފެދޭ މައްދާތައް ޕޯސްޓްކޮށްފައިވާ މީހެއް ކަމަށެވެ.

އޭނާއަށް ކޮށްފައިވާ ތުހުމަތުގައި އިސްލާމްދީނުގައި އިޙްތިރާމް ލިބިގެންވާ ފަރާތްތަކާ ބެހޭ ގޮތުން ފުރައްސާރަ ކުރާފަދަ ކޮމެންޓްތައް ކޮށްފައިވާ ވަކިވަކިން ހަތަރު ޕޯސްޓަކަށްވެސް އިޝާރާތްކޮށްފައިވެ އެވެ.

ފުލުހުން ވަނީ މި ޕޯސްޓްތަކުގެ ސްކްރީންޝޮޓް ނަގައިފައެވެ. އަދި ތުހުމަތު ކުރެވޭ މީހާގެ އަތުން ވަނީ ޔޫއެސްބީ ޑްރައިވެއްވެސް ހޯދާފައެވެ. ފުލުހުން ތުހުމަތު ކުރުމަށްފަހުވެސް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ބުނެފައި ވަނީ ދާދި އަވަހަށް އޭނާ ހައްޔަރު ކުރާނެ ކަމަށެވެ. އޭނާގެ މައްސަލަ ހުށަހެޅިގެން ބެލިއިރު އޭނާ ރަށުގައި ނޫޅެއެވެ.

މިއީ ތިން ކުދިންގެ ބައްޕައެކެވެ. ޕާކިސްތާންގެ ސެނެޓުގައި ކުރިން އޭނާ މަސައްކަތްކޮށްފައިވަނީ ކްލާރކެއްގެ ގޮތުގައެވެ.

ޑޯން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުލުހުން ވަނީ ޝައްކު ކުރެވޭ މީހާގެ އާއިލާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ރައްކާތެރި ތަނަކަށް ބަދަލުކޮށްފައެވެ. ފުލުހުން ބުނާ ގޮތުގައި މި މައްސަލަ ހުށަހެޅިފައިވާ ސާހިވާލްގައި ކުފުރުގެ ހަތް މައްސަލައެއް މިއަހަރު ރަޖިސްޓްރީކޮށްފައިވެއެވެ.

ކުފުރު ކުރުމާ ބެހޭ ޕާކިސްތާނުގެ ގާނޫނުތަކުން ގިނަ ބަޔަކަށް އަނިޔާތަކާ ކުރިމަތިލާން ޖެހެއެވެ. އަދި މި ކަންކަމާ ގުޅިގެން އެގައުމުގައި ޝަރީއަތުން ބޭރުން މީހުން މަރާލާކަމަށް ބުނެ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ޕާކިސްތާނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައި ވެއެވެ.

މި ލިޔުމާ ގުޅޭ