އިޒްރޭލުގެ މީޑިއާން ބުނާ ގޮތުގައި، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ”އަބްރަހަމް ލިންކަން“ މިހާރު އޮތީ އިންޑިއާ ކަނޑުގައެވެ. އަދި ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑް ގެ ބެލުމުގެ ދަށުގައިވާ ސަރަހައްދަށް އެ މަނަވަރު ވަންނާނެ ކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން، އެމެރިކާގެ އެފް-15 މަރުކާގެ ހަނގުރާމަމަތީ ބޯޓުތަކުގެ ތިން ސްކޮޑްރަން މި ސަރަހައްދުގައި މިހާރު ވަނީ ގާއިމުކޮށްފައެވެ. އަދި ކޭސީ-135 މަރުކާގެ ތެޔޮ އަޅާ ބޯޓުތަކާއި ސީ-17 މަރުކާގެ މުދާ އުފުލާ ބޯޓުތަކުން ގިނަ ދަތުރުތަކެއް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ހަމައެއާއެކު، ޕެޓްރިއޮޓް އަދި ތާޑް ވައިގެ ދިފާއީ ނިޒާމުތައް ވެސް މި ސަރަހައްދުގައި ރުކުރުވާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، ކޮންމެ ފަދަ ހާލަތަކަށް ވެސް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ ކަނޑުގެ ސިފައިންގެ ގިނަ އަދަދެއްގެ މަނަވަރުތައް މިހާރު އީރާނާ ދިމާލަށް ދަތުރުކުރަމުންދާ ކަމަށެވެ.
”އަޅުގަނޑުމެންގެ ވަރަށް ބޮޑު ފްލީޓެއް އެދިމާލަށް އެބަދޭ. އަޅުގަނޑު ބޭނުމީ އެއްވެސް ހަމަނުޖެހުމެއް ނުހިނގުން، އެކަމަކު އަޅުގަނޑުމެން މިދަނީ ވަރަށް ގާތުން ބަލަމުން،“ ޓްރަމްޕް ވިދާޅުވިއެވެ.
މީގެ ދުވަސްކޮޅެއް ކުރިން ޓްރަމްޕް ވަނީ، އޭނާގެ ފުރާނައަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ، އީރާނު ”ބިމާ ހަމަކޮށްލާނެ“ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. މިއީ އީރާނާ މެދު އެމެރިކާއިން ގެންގުޅޭ ބަހުގެ ހަމަލާތައް ވަރަށް ބޮޑަށް ވަރުގަދަވެފައިވާ ދަނޑިވަޅެކެވެ.
އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާއިރު، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ހިމެނޭހެން އެ ގައުމުގެ އިސްވެރިން ވަނީ، އީރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީއަށް އެއްވެސް ހަމަލާއެއް ދީފި ނަމަ، އެއީ ފުރިހަމަ ހަނގުރާމައެއްގެ ފެށުން ކަމުގައި ބަލައި، ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމަށް ބުނެފައެވެ.






