ޑިސެމްބަރު މަހު އިންފްލޭޝަން ވަނީ 8.49 އިންސައްތައަށް އަރާފަ

އިބްރާހީމްް ސަމީރު
ޖެނުއަރީ 23, 2026

ބަންގްލަދޭޝްގައި ތަކެތީގެ އަގު އުފުލޭ މިންވަރު 8 އިންސައްތައަށްވުރެ މަތީގައި ހުރުމުން އިގްތިސާދީ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި:

  • 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންފްލޭޝަން ވަނީ 8.49 އިންސައްތައަށް އަރާފައެވެ.
  • އިންފްލޭޝަން ރޭޓް 8 އިންސައްތައަށްވުރެ މަތީގައި ހުންނަތާ ވިދިވިދިގެން 41 ވަނަ މަހެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު:

  • ކާބޯތަކެތީގެ އިންފްލޭޝަން 7.71 އިންސައްތައަށް އުފުލިފައި
  • ކާބޯތަކެތި ނޫން އެހެނިހެން ތަކެތީގެ އިންފްލޭޝަން ވަނީ 9.13 އިންސައްތައަށް އަރާފަ
  • މުވައްޒަފުންގެ އާމްދަނީ އިތުރުވާ މިންވަރު ހުރީ 8.07 އިންސައްތައިގައި
  • ތަކެތީގެ އަގު އުފުލޭ މިންވަރާ އެއްވަރަށް އާމްދަނީ އިތުރުނުވާތާ މިހާރު ވަނީ 47 މަސް ވެފަ

އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި މި މައްސަލައިގެ އަސްލަކީ ތަކެތީގެ ޑިމާންޑް ބޮޑުވުމެއް ނޫނެވެ. އޭގެ ބަދަލުގައި މައްސަލަ ދިމާވެގެން އުޅެނީ ތަކެތި ސަޕްލައި ކުރުމުގައި ހުރި ހުރަސްތަކުގެ ސަބަބުންނެވެ. ޑޮލަރުގެ ތަދިކަމާއި، ބޭންކިންގް ނިޒާމަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން މުދާ އެތެރެކުރުމަށް ބޭނުންވާ ލެޓަރ އޮފް ކްރެޑިޓް ހުޅުވުން ވަނީ 2025 ވަނަ އަހަރު 10 އިންސައްތަ ދަށްވެފައެވެ. މީގެ ސަބަބުން ބާޒާރުގައި މުދާ މަދުވެ، މަދު ވިޔަފާރިވެރިތަކެއްގެ އަތްމައްޗަށް މުޅި މާކެޓްގެ ކޮންޓްރޯލް ވަނީ ގޮސްފައެވެ.

ބަންގްލަދޭޝްގައި އިންފްލޭޝަން މަތިވާ އެންމެ ބޮޑު އެއް ސަބަބަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ބާޒާރަށް ފޯރުމުގެ ކުރިން ހަލާކުވެގެންދާ މިންވަރު އިތުރުވުމެވެ. އެކި އިދާރާތަކުން ހަދާފައިވާ ދިރާސާތަކުން ދައްކާގޮތުގައި:

  • ހަނޑުލާއި ގޮދަނުގެ 17-18 އިންސައްތަ ގެއްލިގެންދެއެވެ.
  • މޭވާއާއި ތަރުކާރީގެ 17-32 އިންސައްތަ ބާޒާރަށް ނުފޯރާ ހަލާކުވެއެވެ.
  • މަހާއި، ކިރާއި، ބިހުގެ އުފެއްދުންތަކުން 12-17 އިންސައްތަ ގެއްލުންވެއެވެ.
  • އެކަށީގެންވާ ފިނިކުރި ގުދަންތައް ނެތުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 2.4 ބިލިއަން ޑޮލަރުގެ މޭވާއާއި ތަރުކާރީ ބަންގްލަދޭޝްގައި އުކާލަން ޖެހެއެވެ.

އިންތިގާލީ ސަރުކާރުން މި މައްސަލަތައް ހައްލުކުރުމަށް އިދާރީ ފިޔަވަޅުތަކެއް އެޅި ނަމަވެސް، އޮނިގަނޑަށް ގެންނަންޖެހޭ ބޮޑެތި ބަދަލުތައް ގެނައުމަށް ވަގުތާއި ވަސީލަތްތައް މަދުކަން ސަރުކާރުން ވަނީ ގަބޫލުކޮށްފައެވެ. ދިގު މުއްދަތުގެ ހައްލުތައް ކަމަށްވާ ޒަމާނީ ގުދަންތައް ހެދުމާއި، ދަތުރުފަތުރުގެ ނިޒާމު ރަނގަޅުކުރުން ފަދަ ކަންކަމަކީ ކުރު މުއްދަތެއްގެ ތެރޭގައި ކުރެވޭނެ ކަންކަމެއް ނޫނެވެ.

އިގްތިސާދީ މާހިރުން އިންޒާރު ދޭގޮތުގައި ބަންގްލަދޭޝް މިހާރު އޮތީ އުނދަގޫ ހާލަތެއްގައެވެ. އެއީ މުދަލަށް އޮތް ޑިމާންޑާއި އުފެއްދުންތެރިކަން ދަށްވެފައިވީ ނަމަވެސް، ތަކެތީގެ އަގުތައް އިންތިހާއަށް މަތީގައި ހުރުމުގެ ސަބަބުން އުފެދިފައިވާ ބޮޑު ގޮންޖެހުމެކެވެ.

މި ލިޔުމާ ގުޅޭ