އުކާލެވޭ ކާބޯތަކެތި ބޭނުންކޮށްގެން ކާދު އުފައްދާނެ ގޮތް ޤައިދީންނަށާއި އޮފިސަރުންނަށް ދަސްކޮށްދީފި

މުހައްމަދު އަލީ
ފެބްރުއަރީ 1, 2026

”ކާދު ސަތޭކަ ޕްރޮގްރާމް“ ދަށުން، ގައިދީންނަށާއި އޮފިސަރުންނަށް ތިން ވަރކްޝޮޕެއް ހިންގައިފި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ވިދާޅުވެއްޖެއެވެ.

ޖަލުތަކުގައި ވޭސްޓް ގޮތުގައި އުކާލެވޭ ކާތަކެތި ބޭނުންކޮށްގެން ކާދު(ގަސްކާނާ) އުފެއްދުމަށް ސޮނެވާ ނަމޫނާ އާއެކު، ފަހުމުނާމާއެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 9ވަނަ ދުވަހު ކަމަށްވެސް އެތަނުން ވިދާޅުވެފައިވެއެވެ.

މިދިޔަ މަހުގެ 25 އިން ފެށިގެން 27ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ވަރކްޝޮޕްތައް ކުރިއަށް ގެންގޮސްފައިވަނީ އޮފިސަރުންނަށާއި އައްސޭރި ޖަލުގެ ގައިދީންނާއި މާފުށީ ޖަލުގެ ފިރިހެން ގައިދީންނާއި އަންހެން ގައިދީންނަށް ވަކިން ކަމަށްވެސް ކަރެކްޝަނުން ވިދާޅުވެފައިވެއެވެ.

މި ވަރކްޝޮޕްތަކުގައި 42 ގައިދީންނާއި 33 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މިފަދަ ޕްރޮގްރާމްތައް ގައިދީންނަށް ހިންގުމުގެ މަޤްޞަދަކީ، ޙުކުމް ތަންފީޛުކުރުމަށް ފަހު ޤައިދީން އަނބުރާ މުޖުތަމަޢަށް ނިކުންނައިރު ދިރިއުޅުމުގައި ޢާމްދަނީއެއް ލިބޭނޭ ފަދަ މަސައްކަތެއް ނޫނީ ހުނަރު ދަސްކޮށްދީ، ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށް ކަރެކްޝަނުން ވަނީ ވިދާޅުވެފައެވެ.

އެގޮތުން އުކާލެވޭ ކާބޯތަކެތި ބޭނުންކޮށްގެން ކާދު އުފައްދައި، ދިރިއުޅުން ތިމާވެއްޓާ ރައްޓެހިގޮތަށް ބައްޓަންކޮށް، ދަސްކޮށްދެވޭ މަސައްކަތްތަކުން މަންފާއެއް ހޯދުމުގެ ފުރުޞަތު ލިބިގެންދާނޭ ކަމަށްވެސް އެތަނުން ވިދާޅުވެފައިވެއެވެ.

މި ވަރކްޝޮޕްތައް ކުރިއަށް ގެންގޮސްފައިވަނީ ރިހެބިލިޓޭޝަން އެންޑް ރީއިންޓަރގްރޭޝަން ކޮމާންޑްގެ އިސްނެގުމުގެ ދަށުން އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒްއާ ގުޅިގެން ސޮނެވާ ނަމޫނާގެ މާހިރުންނެވެ.

މި ލިޔުމާ ގުޅޭ