މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ (އެމްއެސްޑީ) އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) ގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެމްއެސްޑީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނޫރްބާން ފަހުމީ އައްޔަންކޮށްފިއެވެ. ނޫރްބާން ފަހުމީ އަކީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ކޮއްކޮއެކެވެ.
އެމްއެސްޑީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެ ކުންފުނީގެ ހިންގުމުގެ އެންމެ އިސް މަގާމުގެ އިތުރުން އެމްއެސްއީގެ ޗީފް ސްޓްރެޓަޖީ އޮފިސަރުގެ މަގާމަށާއި، ދެ ކުންފުނީގެ ބޯޑަށް ވެސް ނޫރްބާން ވަނީ އައްޔަންކޮށްފަ އެވެ. މި ބަދަލުތަކަށް އަމަލުކުރަން ފަށާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.
އެމްއެސްޑީ އާއި އެމްއެސްއީގެ ބޯޑުން މި ބަދަލުތައް ގެނައީ، އިދާރީ ހިންގުން ހަރުދަނާކޮށް، ޖަވާބުދާރީކުރުން އިތުރުކުރުމަށެވެ. އަދި ސްޓްރެޓަޖިކް އަމާޒުތަކުގެ ދަށުން ރާއްޖޭގެ ކެޕިޓަލް މާކެޓު އާ ހަރުފަތަކަށް ގެންދިޔުމަށް މަގުފަހިކުރުމަކީ ވެސް މި ބަދަލުތަކުގެ ބޭނުމެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ގާނޫނީ ދާއިރާ އާއި ޕަބްލިކް މެނޭޖްމަންޓްގެ ދާއިރާއިން އިނގިރޭސިވިލާތުން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ނޫރްބާން ފަހުމީ ވަނީ އެމްއެސްޑީ އާއި އެމްއެސްއީގެ ތަފާތު އިސް މަގާމުތަކުގައި ހަތް އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފަ އެވެ.
މީގެ ކުރިން އޭނާ އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ސީއޯއޯގެ މަގާމާއި، ލީގަލް ކައުންސެލް އަދި ކޮމްޕެނީ ސެކްރެޓަރީގެ މަގާމު ހިމެނެ އެވެ. މީގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ކައުންސެލްގެ މަގާމު ވެސް ނޫރްބާން ވަނީ ފުރުއްވައިފަ އެވެ.






