އެމްޑީޕީ ސަރުކާރުން މޮރިޝަސް އަށް ފޮނުވި ސިޓީ އަނބުރާ ގެންނަން ނިންމައިފިން: ރައީސް

ޟަމްރަތު އަހްމަދު
ފެބްރުއަރީ 5, 2026

ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ފޯޅަވައްސާ ބެހޭގޮތުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ އަނބުރާ ގެންނަން ނިންމަވައިފި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 22 އޮގަސްޓު 2022 ގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި އެ ސިޓީގެ އަނބުރާ ގެންނަން ނިންމެވީ އޭގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާދަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބައިނަލްއަޤްވާމީ މާހިރުން ލަފާ ލިބިފައިވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

”ދިވެހިރާއްޖެއިން އެސިޓީ އަނބުރާ ގެނައުމަށް ނިންމިކަން މި ފަޚްރުވެރި ދިވެހި ދައުލަތާއި ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުންގެ ޙައްޤުގައި، ތިޔަ ޢިއްޒަތްތެރި މަޖިލިސް މެންބަރުންގެ ކުރިފުޅުމަތީގައި މި ވަގުތު އަޅުގަނޑު އިޢުލާނުކުރަން. މީގެ އިތުރަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސް ޕޮއިންޓްތަކަށް ޙަވާލާދީ، ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަޙައްދަކީ، ދޫކޮށްލި ކަނޑުގެ ސަރަޙައްދު ހިމެނޭ ގޮތަށް، ޤާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމައި، ތިޔަ ޢިއްޒަތްތެރި މަޖިލިސް މެންބަރުންގެ ހާޒިރުގައި އެ ކަން އިޢުލާނުކުރަން. އަދި ޤާނޫނުއަސާސީއަށް ގެނެވުނު 6 ވަނަ އިޞްލާޙަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނު އިޞްލާޙުކުރުމަށް މި ޢިއްޒަތްތެރި މަޖިލީހަށް ސަރުކާރުން ފޮނުވާނަން،“ ރައީސް ވިދާޅުވިއެވެ.

”މީގެ އިތުރުން، ދިވެހިރާއްޖޭގެ ސަރަހައްދުތައް ކަނޑައެޅުމާއި، ސަރަހައްދުތަކުގެ ކޯޑިނޭޓްތަކާއި ބޭސްލައިން ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އެންމެހައި ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރާނެ އޮފީހެއް ގާއިމުކުރުމަށް ވަނީ މާހިރުންގެ ފަރާތުން ލައްވާ ދެއްވާފައި. އެހެންކަމުން މި ކަމުގައި ސަރުކާރުގެ ވަކި ޚާއްޞަ އިދާރާއެއް ޤާއިމުކުރުން މުހިންމުކަމަށް ފެންނާތީ، ”ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް“ އަޅުގަނޑު އިރާދަކުރެއްވިއްޔާ ޤާއިމުކުރާނަން،“

ރައީސް ވިދާޅުވީ ފޯޅަވައްސަކީ އިސްތިޢުމާރީ އެއްވެސް ބާރެއް މި ސަރަހައްދަށާއި ދިވެހި މާކަނޑަށް އައުމުގެ އެތައް ޤަރުނެއް ކުރިއްސުރެ ވެސް، ދިވެހީން އެތަނެއް ދަންނަ ތަނެއް ކަމަށެވެ. އަދި އެތަނަކީ ދިވެހި ކާބަފައިން ދިވެހި ބަހުން އެ ތަނަށް ނަން ކިޔަމުން އަންނަ، ދިވެހިރާއްޖޭގެ ޤުދުރަތީ ސަރަހައްދުގައި އޮތް ތަނެއް ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ދައުލަތުގެ ރަސްމީ ލިޔުންތަކުގައި ދިވެހި ރަސްކަމުގެ ފަރާތުން ރާއްޖޭގެ ސިޔާދަތީ އިމުގެ ތެރޭގައި ފޯޅަވަހި ހިމަނާފައިވާކަން ތާރީޚުން ކަށަވަރުވާ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވިއެވެ.

”މި ކަންކަމާއެކު ފޯޅަވަހީގެ އަތޮޅުތަކަކީ އޭރު ވެސް މިހާރު ވެސް، ދިވެހި މަސްވެރީން ދުވަހުން ދުވަހަށް ފަސޭހަކަމާއެކު އެ ސަރަހައްދަށް މަހަށް ނިކުމެ ތިބޭ، ޒަމާނުއްސުރެ ދިވެހީންގެ ކަނޑުވެރިކަމާއި މަސްވެރި ސަގާފަތުގެ ދިރިއުޅުމުގެ ބައެއް. އެހެންކަމުން ފޯޅަވައްސާއި ދިވެހިރާއްޖެއާ ދެމެދު ސިޔާދަތީ ގުޅުންތަކެއް އޮތްކަން މި ފަދަ އެތައް ގޮތަކުން ކަށަވަރުވާތީ، ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހިރާއްޖޭން އިޢުތިރާޒުކޮށް އެ ކަމާ ދިވެހި ދައުލަތުން ދެކޮޅު ހަދާކަން ބަޔާންކޮށް ދިވެހި ސަރުކާރުގެ ފަރާތުން ވާނީ، އިނގިރޭސި ސަރުކާރަށް 8 ނޮވެމްބަރ 2024 ގައި އަދި 18 ޖެނުއަރީ 2026 ގައި ލިޔުމުން ހުށަހަޅާފައި. އަދި 15 ޑިސެންބަރު 2025 ގައި އަޅުގަނޑާއި އިނގިރޭސި ވިލާތުގެ ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ ދަ ރައިޓް އޮނަރަބްލް ޑޭވިޑް ލެމީއާއެކު އޮތް އޮންލައިން ފޯން ކޯލެއްގައި މިކަން އަޅުގަނޑުވާނީ އެމަނިކުފާނުގެ ސަމާލު ކަމަށް ގެނެސް، މި ކަމުގައި ދިވެހި ސަރުކާރުން އިނގިރޭސި ވިލާތުގެ ސަރުކާރާއެކު މަޝްވަރާކުރަން ބޭނުންވާކަމަށް ދަންނަވާފައި،“

ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް މިއަދު ވިދާޅުވީ ފޯޅަވަހި ސަރަހައްދުގެ އިޤްތިޞާދީ ބޭނުން ހިފުމުގައި މޮރިޝަސް އިން ކަނޑައަޅާ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް، ޚާއްޞަކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ޞިނާޢަތަށް، ކޮށްފާނެ ނެދޭވޭ އަސަރުތަކުގެ ސަބަބުން އެކަންތައްތަކަށް ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ދެކޮޅުހަދާކަން މޮރިޝަސް ސަރުކާރަށާއި އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ނޭޗަރ ކޮންޒަވޭޝަން (އައި.ޔޫ.ސީ.އެން) އަށް ހިއްސާކޮށްފައިވާނޭ ކަމަށެވެ.

މި ލިޔުމާ ގުޅޭ