މަލްޓި ގްރޫޕްގެ އާ ފިހާރަ ”މަލްޓި ހާޑްވެއާ“ އައްޑޫސިޓީ ހިތަދޫގައި ހުޅުވައިފިއެވެ.
މި ފިހާރަ ހުޅުވާފައިވަނީ ހިތަދޫ މޫލެކެޑެ ސަރަޙައްދުން ބޮޑު މަގުމަގުގައެވެ. މި ފިހާރަ ފަރުމާކޮށްފައި ވަނީ ޖާގަ ތަނަވަސް އަދި ކަސްޓަމަރުންނަށް ފަސޭހައިން ވިޔަފާރިކޮށްލެވޭގޮތަށެވެ.
ފެންވަރު ރަނގަޅު ހާޑްވެއާ، ޓޫލްސް، ގޭތެރޭގެ ސާމާނު، ކަރަންޓު ސާމާނު، އަދި ހިފާ ގެންގުޅޭ ގޭތެރޭގެ ގިނަ ސާމާނު ހެޔޮ އަގުގައި މިފިހާރައިން ލިބެން ހުންނާނެކަމަށް މަލްޓި ގްރޫޕުން ބުންޏެވެ.

”މަލްޓީ، މިނަމަކީ އައްޑޫގައި ވަރަށް ގިނަ ބަޔަކަށް އެނގޭ ނަމެއް. 90 ގެ އަހަރުތަކުން ފެށިގެން އައްޑޫގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ނަމެއް. ދެން، ރޯދަމާހާ ދިމާކޮށް އަޅުގަނޑުމެން އާ ފިހާރަ މިހުޅުވީ. މިއީ އައްޑޫގައި އަޅުގަނޑުމެން ހުޅުވާ ތިންވަނަ ފިހާރަ. އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ގިނަ ތަކެތި އެއްފުރާޅެއްގެ ދަށުން ހެޔޮއަގުގައި އައްޑޫގެ ރައްޔިތުންނަށް ފޯރުކޮށްދިނުން،“
ފިހާރަ ހުޅުވުމާ ދިމާކޮށް އެފިހާރައިން ވިޔަފާރިކުރާ ފަރާތްތަކަށް ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިގޮތުން އޭޕްރީލް 30 ވަނަ ދުވަހުގެ ނިޔަލަށް، އެފިހާރައިން ކުރާ 250 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ.

ލަކީޑްރޯގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުމުގައި ފުރަތަމަ ހޮވޭ ފަރާތަކަށް 65 އިންޗީގެ ޓީވީއެއް އިނާމަކަށް ލިބޭނެއެވެ. ދެވަނަ އަށް ހޮވޭ ފަރާތަކަށް އޮޓޮމެޓިކް ދޮންނަ މެޝިނެއް ލިބޭނެއެވެ. ތިންވަނަ އަށް ހޮވޭ ފަރާތަކަށް ލޮބޭނީ މައިކްރޯވޭވް އަވަނެއް ކަމަށް އެފީހާރައިން ބުންޏެވެ.






