އިހުއްސުރެން ރައްޔިތުންނަށް ޚިދުމަތް ދެވިފައިވަނީ ލާމަރުކަޒު ކުރެވިގެން: ރައީސް

މުހައްމަދު އަލީ
ފެބްރުއަރީ 26, 2026

އެންމެ އިހު ޒަމާނުއްސުރެވެސް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދައުލަތުގެ ފަރާތުން ފޯރުކޮށްދެއްވާފައި ވަނީ ލާމަރުކަޒު ކުރެވިގެން ކަމުގައި، ވޭތުވެދިޔަ ޒަމާންތަކުގައި ކަންހިނގާފައިވާ ގޮތަށާއި، އިހުގެ ރަސްމީ ލިޔުންތަކަށް ބަލާއިރު ފެންނާން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ލާމަރުކަޒީ ދުވަހު ދެއްވި ޚިތާބުގައެވެ. ”ޖިއޮގްރަފީ ގޮތުން ބަލާއިރު، ދިވެހިރާއްޖެ އުފެދިފައިވަނީ ވަކިވަކި ރަށްތަކެއްގެ މައްޗަށް ކަމަށްވުމާއެކު، އެންމެ އިހު ޒަމާނުއްސުރެވެސް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދައުލަތުގެ ފަރާތުން ފޯރުކޮށްދެއްވާފައި ވަނީ ލާމަރުކަޒު ކުރެވިގެން ކަމުގައި، ވޭތުވެދިޔަ ޒަމާންތަކުގެ ކަންހިނގާފައިވާ ގޮތަށާއި، އިހުގެ ރަސްމީ ލިޔުންތަކަށް ބަލާއިރު ފެންނާން އެބައޮތް،“ ރައީސް ވިިދާޅުވެފައި ވެއެވެ.

 

މިއާއެކު މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއާއެކު، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ފުރުޞަތު މިހާރުވަނީ އިތުރަށް ވަނީ ފަހިވެފައި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ފާއިތުވި ދެ އަހަރު ލާމަރުމަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

”ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށްދިނުމާއި، އ.ތ.މ. ކޮމިޓީތަކަށް ޙައްޤު މަޤާމާއި ޙައިޘިއްޔަތު ހޯދައިދިނުމާއި، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުން ފަދަ، ލާމަރުކަޒީ ޤާނޫނު ވުޖޫދުވީއްސުރެ ކައުންސިލުންތަކުން އިންތިޒާރުކުރަމުން އައި އެތައް ކަމެއް މިއަދު އެވަނީ ޙަޤީޤަތަކަށް ވެފައެވެ. ކައުންސިލްތަކަށް ވަސީލަތްތައް ފަހި، ޒަމާނީ އައު އިމާރާތްތައް ބިނާކޮށްދިނުމުގައި މި ސަރުކާރުން ވަނީ އިސްނަގައިފައެވެ.“

ރައީސް ވިދާޅުވެފައިވަނީ ރަށްރަށުގެ މީގެ ދަށުން ރަށްރަށުގައި މިހާރުވަނީ ޞިއްޙަތާއި، ތަޢުލީމާއި، އިޖުތިމާޢީ ޚިދުމަތްތައްވެސް ފުޅާކޮށްފައި ކަމަށެވެ. އެގޮތުން ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް، އޭ.ޓީ.އެމް.، ކޮންމެ އަތޮޅަކުން އައި.ޑީ ކާޑާއި ޕާސްޕޯޓު ހެދުން އެތައް ޒަމާނަކަށްފަހު މިސަރުކާރުން ވަނީ ޙަޤީޤަތަކަށް ހައްދަވާފައި ކަމަށް ވިދާޅުވެފައިވެއެވެ.

”ރަށްތަކުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ޕާކުތައް ޤާއިމުކުރުމުގައި އެންމެ ބޮޑު ކާމިޔާބު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދާނަމެވެ. ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފުރިހަމަކުރާނަމެވެ. މަގުހެދުން، ބަނދަރުހެދުން ފަދަ ޢުމްރާނީ އެންމެ ގިނަ މަޝްރޫޢު އެއްފަހަރާ މުޅި ރާއްޖޭގައި ހިނގަމުން ދާނީ މި ވޭތުވި ދެ އަހަރުގެ ތެރޭގައެވެ.“ ރައީސް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ރާއްޖޭގެ ޤައުމީ ތަރައްޤީގެ މައި ތަޞައްވުރު އެކުލަވައިލުމަށް ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ސަރުކާރުން ވަނީ ރައްޔިތުންގެ ޚިޔާލު ހޯއްދަވައިފައި ކަމަށެވެ. އެ ޚިޔާލަށްފަހު ރައްޔިތުން ކަންބޮޑުވާ ކަންކަމަށް ދާއިމީ ޙައްލު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަަމަށް ރައީސް ވިދާޅުވެފައިވެއެވެ.

”އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު، ކައުންސިލްތަކުގެ ދައުރާއި ވާޖިބު އަދާކުރުން އިތުރަށް ވަރުގަދަވެ، ސަރުކާރާ ގުޅިގެން ރަށްވެހި ތަރައްޤީއާއި ތަމައްދުން ގެނައުމުގައި، ދިވެހި ލޮބުވެތި ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ވަމުން ދިޔުމެވެ.“

 

މި ލިޔުމާ ގުޅޭ