އެސްޓީއޯ އިން ވިއްކާ ފިޔައާއި އަލުވީގެ އަގު އިއްޔެ (25 ފެބުރުއަރީ) އިން ފެށިގެން ހެޔޮކޮށްފިއެވެ. އެސްޓީއޯއިން ވިދާޅުވެފައިވަނީ މިއީ ރޯދަމަހު އާންމުކޮށް ބޭނުންކުރާ މިފަދަ ތަކެތީގެ އަގުތައް ކުޑަކޮށް، ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ.
މީގެ އިތުރުން، ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލްކޮށް އެއް ހަމައެއްގައި ބެހެއްޓުމަށް ވެސް އެކުންފުނީން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެކުންފުނީން މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ދަތިކަމެއް ނެތި އެ ތަކެތި ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް ކަމަށް ވެސް އެސްޓީއޯއިން ވަނީ ވިދާޅުވެފައެވެ.
އަގުތަކަށް އައި ބަދަލު:
- ކުރިން 12 ރުފިޔާއަށް ވިއްކި ފިޔާ ކިލޯއެއް މިހާރު 10 ރުފިޔާއަށް.
- ކުރިން 250 ރުފިޔާއަށް ވިއްކި ފިޔާ ބަސްތާއެއް މިހާރު 190 ރުފިޔާއަށް.
- ކުރިން 14 ރުފިޔާއަށް ވިއްކި އަލުވި ކިލޯއެއް މިހާރު 12 ރުފިޔާއަށް.
- ކުރިން 300 ރުފިޔާއަށް ވިއްކި އަލުވި ބަސްތާއެއް މިހާރު 160 ރުފިޔާއަށް.
އެސްޓީއޯއިން އެތެރެކުރާ އަސާއީ ކާބޯތަކެތީގެ ބާވަތްތައް އާންމުންނަށް ވަކިން ގަންނަން ލިބޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުންނެވެ. ހަމައެއާއެކު، ގަނޑުކޮށް މި ތަކެތި ބޭނުންވާ ފަރާތްތަކަށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރުތަކުން ލިބޭނޭ ކަމަށް އެކުންފުނީން ވަނީ ވިދާޅުވެފައެވެ.






