އޮޅިގެން ހަވާލުކުރެވުނު ފައިސާތަކެއް ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

މުހައްމަދު އަލީ
ފެބްރުއަރީ 26, 2026

އޮޅިގެން އެހެން މީހަކާ ހަވާލުކުރެވުނު 94000 ރުފިޔާ ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިކަން ހިނގާފައިވަނީ ފެބުރުވަރީ 10 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އެދުވަހު ޓީޖެޓީގައި އޮތް ބޯޓެއްގެ ކެޕްޓަނާ ހަވާލުކުރި 94000 ދިވެހި ރުފިޔާ ލާފައިވާ ސިޓީ އުރައެއް ލިބެންވާ ފަރާތަށް ނުލިބި ގެއްލިފައިވާ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ފެބުރުވަރީ 12 ވަނަ ދުވަހު އެވެ.

ފުލުހުން ވިދާޅުވެފައިވަނީ މިމައްސަލަ މާފަންނު ޕޮލިހަށް ހުށަހެޅުމުން ކަން ހިނގާފައިވާ ގޮތް ދެނެގަތުމަށް ސީސީޓީ ފުޓޭޖު ބަލާފައިވާ ކަމަށެވެ. އެހެންނަމަވެސް ފުޓޭޖުން ބޯޓު ދެނެގަނެވިފައިނުވާ ކަމަށް ވިދާޅުވެފައިވެއެވެ. އެހެން ކަމުން ބޯޓު އޮތް ސަރަހައްދަށް ފުލުހުން ގޮސް އެ ސަރަހައްދުން އެކި މީހުންނާ ސުވާލުކޮށް މައުލޫމާތު ހޯދައި، ބޯޓު ދެނެގަނެވިފައިވާ ކަމަށައި އެއަށްފަހު ކެޕްޓަނާ ގުޅުނުކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ކެޕްޓަނާ ގުޅުމުން ބޯޓު އޮތީ ވ. އަތޮޅުގައި ކަމަށާއި މީހަކު ގެނެސްދިން ސިޓީ އުރައެއް ބޯޓުގައި ހުރި ލޮކަރުގައި އޮތްކަމަށް ކެޕްޓަން ފުލުހުންނަށް މައުލޫމާތު ދިން ކަމަށް ވިދާޅުވެފައިވެއެވެ. އެ ފައިސާ ފެބުރުވަރީ 23 ވަނަ ދުވަހުގެ ރޭ ކެޕްޓަން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ފައިސާއަކީ ދ. އަތޮޅުގައި ތަރައްގީކުރާ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ރިސޯޓަށް ފޮނުވުމަށްޓަކައި ފައިސާ ހަވާލުކުރެވިފައިވަނީ ހަވާލުކުރަންޖެހޭ ބޯޓުގެ ކެޕްޓަން ނޫން އެހެން ބޯޓެއްގެ ކެޕްޓަނާކަން ވެސް އެނގިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

”ނަގުދު ފައިސާ ގެންގުޅުމުގައާއި ފައިސާ މީހުންނާ ހަވާލުކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ. ފައިސާ ހަވާލުކުރާއިރު، ހަވާލުކުރާ ފަރާތަކީ ކާކުކަން ޔަގީންކުރުމާއި، ބޯޓުގެ ނަމާއި ގުޅޭނެ މައުލޫމާތު ކަށަވަރުކުރުމުގެ އިތުރުން، ފައިސާ ހަވާލުކުރިކަމުގެ ލިޔުމެއް ނުވަތަ ޑިޖިޓަލް ކަށަވަރުކުރުމެއް ހޯދުމަކީ މިފަދަ ކަންކަން މަދުކުރުމަށް ކުރެވިދާނެ ކަމެކެވެ.“

މިގޮތަށް އަމަލުކޮށް، އެފަދަ މައުލޫމާތު އެއްކުރުމަށް ސަމާލުކަން ދިނުމަކީ މާލީ ބޮޑެތި ގެއްލުންތަކުން ސަލާމަތްވެ، މިފަދަ ހާލަތެއް މެދުވެރިވިޔަ ނުދިނުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

 

މި ލިޔުމާ ގުޅޭ