ރާއްޖެއަށް ލާމަރުކަޒީ ނިޒާމް ތައާރަފުވުމަށްފަހު ލިބިވަޑައިގެންނެވި ތަޖުރިބާއާއެކު ލިބިވަޑައިގެންނެވި އެންމެބޮޑު ހިތްހަމަޖެހުމަކީ ރައްޔިތުން ލާމަރުކަޒީ ނިޒާމު ބަލައިގަތުން ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ލާމަރުކަޒީ ނިޒާމުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން އެ މިނިސްޓްރީގެ މުވައްޒަފުންނާއެކު ކުރިޔަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކަމަށް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމުގައި މަސައްކަތް ކުރުމުގައި ކައުންސިލުތަކަކީ ރަށްރަށުގައި ހުންނަ އެންމެ އިސް މުއައްސަސާކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މި ނިޒާމު ވުޖޫދުވުމަށްފަހު ފުރަތަމަ މަރުޙަލާގައި ކުރިމަތިވި ގޮންޖެހުންތަކާމެދު މިއަދު ވިސްނާލުން މުހިއްމު ކަމަށެވެ.
“ކިހާވަރަކަށްތޯ ރައްޔިތުން ލާމަރުކަޒީ ނިޒާމު އޭރު ބަލައިގަތީ، އެ ނިޒާމުގެ ސަބަބުން އަތުވެދާނެ ކުރިއެރުންތަކާމެދު ކިހާވަރަކަށްތޯ މީހުންނަށް ހޭލުންތެރިކަން ލިބިފައިވަނީ. އަދި އެ ނިޒާމު ކުރިއަށް ގެންދިއުމުގައި މަލްޓި ޕާޓީ ސިސްޓަމުގެ ތެރެއިން ކިހާވަރަކަށްތޯ މީހުން ތައްޔާރުވެފައި ތިބީ؟ މިއީ ހަނދާނަށް ގެންނަން ޖެހޭ ކަމެއް،“
މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އޭގެ ޒާތުގައި ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތް ދެވޭ އަދި އެންމެ ގާތުން ރައްޔިތުންނާއެކު މަސައްކަތްވެސް ކުރެވޭ ނިޒާމު ކަމަށެވެ. އެ ނިޒާމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރާ އެއް ބަޔަކީ ކައުންސިލްތައް ކަމަށާއި ކައުންސިލުތަކާއެކު މަސައްކަތް ކުރުމުގައި ފިކުރު މިހާރަށްވުރެވެސް ބޮޑަށް ދިރުވައި އާލާކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ދައުލަތުގެ ހުރިހާ ވުޒާރާއެއް އަދި މުއައްސަސާއަކުންވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް އެންމެ ގާތުން ހިދުމަތްދޭ ނިޒާމު ކަމަށްވާއިރު މި ނިޒާމުގައި މަސައްކަތް ކުރުމުގައި ކައުންސިލުތަކަކީ ރަށްރަށުގައި ހުންނަ އެންމެ އިސް މުއައްސަސާ. ކައުންސިލްގެ ޚިދުމަތަކީ ރައްޔިތުންނަށް އެއިރެއްގައި އޮންނަ ސަރުކާރަކުން ދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފިކުރު އަޅުގަނޑުމެންގެ ތެރޭގައި ދިރުވައި އާލާ ކުރުން،“
ލާމަރުކަޒީ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން މުހިއްމުކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންދަވަނީ އެ ނަމޫނާ ދައްކަވަމުން ކަމަށެވެ. އެގޮތުން އަތޮޅުތެރެއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގައި ކައުންސިލުތަކާ ބައްދަލުކުރައްވައި، ކަންކަމުގައި ރައްޔިތުންގެ ޚިޔާލާ މަޝްވަރާ އެ މަނިކުފާނު ހޯއްދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.






