މަސްޖިދުއްނަބަވީ

ރަސޫލުﷲ ﷺ އަށް ޢިއްޒަތްދީ މާތްކޮށްހިތުން-14

އަޙްމަދު ފަޔާޟު ޙަސަން
މާރޗް 13, 2026

ރޯފިލާފައިތިބި ނުވަތަ ތަންދޮރު ދަންނަ ބައެއް މުސްލިމުން ދައްކާ ވާހަކައެއް އޮވެއެވެ. އެމީހުން ބުނާގޮތުގައި ﷲ ވަނީ ކީރިތި ޤުރްއާން ރައްކާތެރިކުރައްވާފައެވެ. އެހެންވެ އެމީހުން ކީރިތި ޤުރްއާނަށް ތަބާވަނީ އެޤުރްއާނާމެދު އެއްވެސް ޝައްކުކަމެއްނެތިއެވެ. އެކަމަކު ރަސޫލުﷲ ﷺ ގެ ޙަދީޘްފުޅުތަކުގެ ޞައްޙަކަމާމެދު އެފަދަމީހުންނަށް ޔަގީންކަންމެއްނުވެއެވެ. އެހެންވެ ޙަދީޘް ގަބޫލުކުރަން ދަތިކަމަށް އެފަދަ މީހުން ބުނެއެވެ. ހައިރާންވެ އަންތަރީސްވާންޖެހެނީ ﷲ ޤުރްއާން ރައްކާތެރިކުރެއްވިގޮތް އަޅުގަނޑުމެންނަށް ނޭގޭތީއެވެ. ކީރިތި ޤުރްއާން އަޅުގަނޑުމެންނާއި ހަމައަށް ވާސިލުކޮށްދެއްވީ މަލާއިކަތުންނެއްނޫނެވެ. އެކަމަކު އެކަންކުރެއްވީ މުސްލިމުންނެވެ. ﷲ ކީރިތި ޤުރްއާނުގައި އެޤުރްއާން ރައްކާތެރިކުރެއްވިގޮތް ބަޔާންކުރައްވާފައިވެއެވެ.

ޙިޖުރު ސޫރަތުގެ 49 ވަނަ އާޔަތުގައި ﷲ ބަޔާންކުރައްވަނީ ޢިލްމުވެރިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ހުރި ވާހަކައެވެ. ޝައްކެއްނެތްގޮތުގައި އެބޭކަލުންނަކީ ޤުރްއާން ހިތުދަސްކުރެއްވި ރަސޫލުﷲ ﷺ ގެ ޞަޙާބީންނެވެ. އެއަށްފަހު އެބެއިކަލުންނަށް ތަބާވި މުސްލިމް އަޙުންނާއި އުޚުތުންނެވެ. ކީރިތި ޤުރްއާނެކޭ އެއްގޮތަށް ރަސޫލުﷲ ﷺ ގެ ޙަދީޘްފުޅުތައް އަޅުގަނޑުމެންނާހަމައަށް ގެނެސްދެއްވީ އެކަލޭގެފާނުގެ ޞަޙާބީންނެވެ. ކީރިތި ޤުރްއާނުގައި ﷲ ބަޔާންކުރެއްވި ހިތްތަކުގައި ރަސޫލުﷲ ﷺ ގެ ޙަދީޘްފުޅުތައް ބިންވަޅުނެގުނެވެ. އެހެންކަމުން އެކަލޭގެފާނުގެ ޙަދީޘްފުޅުތަކާމެދު ސުވާލު އުފައްދާ މީހާއަށް ހަގީގަތުގައި އެޝައްކުއުފެއްދެނީ ޤުރްއާނާމެދުގައެވެ. އެކަލޭގެފާނުގެ ޞަޙާބީންނާމެދު ﷲ ތަކުރާރުކޮށް އަންގަވަނީ އެބޭކަލުންނާމެދު އެކަލާނގެ ރުހިވޮޑަތްކަމަށާއި އެބޭކަލުން ﷲ އާމެދު ރުހުނުކަމަށެވެ. އެހެންވެ އެބޭކަލުންގެ ނަޒާހަތްތެރިކަމުގައި އެއޮތީ ފުރިހަމައަށް ސިއްކަޖެހިފައެވެ.

ރަސޫލުﷲ ﷺ ގެ ޙަދީޘްފުޅުތަކަށް ނުވަތަ އެކަލޭގެފާނުގެ ސުއްނަތުގައި ފިސާރި ވަރުގަދައަށް ހިފަންޖެހޭކަމަށް ހެކިވަނީ ކީރިތި ޤުރްއާންއެވެ. ނިސާ ސޫރަތުގެ 65 ވަނަ އާޔަތުގައި ﷲ އެއިލާހަށް ގަންދެއްވުމަށްފަހު ރަސޫލުﷲ ﷺ އަށް އެންގެވީ ކީކޭތޯއެވެ؟ މީހަކު އީމާންވިކަމަށްވާނީ ހަމަކޮންމެ ކަމެއްގައިމެ އެމީހާ ރަސޫލުﷲ ﷺ ގެ ނިންމެވުން ގަބޫލުކުރުމުން ކަމުގައެވެ. ރަސޫލުﷲ ﷺ ގެ ސުންނަތް ކުޑަގޮތަކަށް ނަގަންޖެހުނުނަމަ މިއާޔަތުގައި ﷲ އެންގެވީހީ ކޮންމެކަމެއްގައިމެ ކީރިތި ޤުރްއާނަށް ބެލުމަށެވެ. މިކަމުން އެނގި ކަށަވަރުވަނީ ﷲ އެކަލާނގެ ރަސޫލާ ﷺ މާތްކުރައްވައި މަތިވެރިކުރައްވާފައިވާވަރެވެ. އަދި އަޅުގަނޑުމެން މުސްލިމުން އެކަލޭގެފާނަށް މާތްކޮށް ހިތަންޖެހޭވަރުގެ ބޮޑުކަމެވެ. މިއީ މިއަދު މުޅި މުސްލިމް އުއްމަތްކުރަންޖެހިފައިވާ ބޮޑުމަސައްކަތެކެވެ.

ޤުރްއާނާއި ރަސޫލޫﷲ ﷺ ވަކިކުރެވޭނެ އެއްވެސްގޮތެއްނުވެއެވެ. ނުވަތަ އެއްވެސްގޮތަކުން އެކަލޭގެފާނުގެ ސުންނަތް ދޫކޮށެއްނުލެވޭނެއެވެ. މިކަން ތަކުރާރުކޮށް ކީރިތި ޤުރްއާނުގައި ﷲ އަޅުގަނޑުމެންނަށް ހަނދާންކޮށްދެއްވައިފައިވެއެވެ. ނިސާ ސޫރަތުގެ 61 ވަނަ އާޔަތުގައި ﷲ އަންގަވަނީ ކީރިތި ޤުރްއާނަށް އަންނަންޖެހޭފަދައިން ﷲ ގެ ރަސޫލާ ﷺ އަށްވެސް އަޅުގަނޑުމެން އަންނަންޖެހޭކަމަށެވެ. މިފަދަ އެތައް އާޔަތަކުން އެނގިކަށަވަރުވަނީ ރަސޫލުﷲ ﷺ މާތްކުރައްވައި މަތިވެރިކުރައްވާފައިވާވަރެވެ. އަދި ކީރިތި ޤުރްއާނާއި އެކަލޭގެފާނުގެ ސުންނަތް ގުޅިލާމެހިފައިވާކަމެވެ.

-ނުނިމޭ

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *