އަންހެނުންގެ ތަރައްގީއަށް އެންމެބޮޑަށް މަސައްކަތްކުރަނީ މިސަރުކާރުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނުކުފާނު ވިދާޅުވީ މިއަދާ ހަމައަށް އައިރު މިސަރުކާރުން ވާނީ އެކަން ޢަމަލީގޮތުން ދައްކައި ނަތީޖާ ނެރެދެއްވާފައި ކަމަށެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ފަރާތުން ރޭ ބޭއްވި ”ދަ ގްރޭޓަރ އައްޑޫ ވިޝަން“ ގެ ތަފްސީލު ލޯންޗުކުރުމުގެ ހަފުލާގައި ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ތަރައްގީ ކުރުމަށް މިއަދާ ހަމައަށް އައިއިރު ކޮށްފައިވާ ކަމެއްވިޔާ ކޮށްފައިވަނީ ވެސް މިސަރުކާރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭގޮތް ހައްދަވައިދެއްވީވެސް މިސަރުކާރުން ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން އެ ކޮމިޓީގެ ރައީސާއަކީ ހުރިހާ ރައްޔިތުން ވޯޓުލައިގެން ހޮވާ، ފުލްޓައިމް އެގްޒެކެޓިވް މަޤާމަކަށް ބަދަލުކުރެއްވީވެސް މިސަރުކާރުން ކަމުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކައުންސިލްގެ ބަޖެޓުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރިން ލިބެމުންއައި ފަހެއް އިންސައްތައިގެ ބަދަލުގައި ދިހައެއް އިންސައްތައަށް ބޮޑު ކުރެއްވީ ވެސް މިސަރުކާރުން ކަމަށެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ކޮމިޓީއަކަށް ހަދައިދިނީ މި ސަރުކާރުން ކަމަށާއި އެކަން އެގޮތަށް ކުރައްވަން އެކިއެކި ލޯނުތައް ދޫކުރުމުގެ މަސައްކަތާއި އެކި ގޮތްގޮތުން އިގުތިސާދީ ގޮތުން ބާރުވެރިކުރުވުމަށްޓަކައި ކުރެވެން ހުރި ކަންކަން ކުރުމާއި އަދި މިއަހަރުގެ ތެރޭގައި އެގޮތުން ކުރިއަށް ގެންދަންހުރި ގިނަ ކަންތައްތަކެއް ތަރުތީބުކުރެވި، ރިޔާސީ ބަޔާނުގައިވެސް ބަޔާންކުރައްވާފައިވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރުމަކީ އަދި ވިމެން އެންޕަވަރމަންޓް މެއިންސްޓްރީމް ކޮށްދެއްވުމަކީ އެމަނިކުފާނުގެ ސިޔާސަތުކަމަށާއި ސަރުކާރުން މި ސިޔާސަތު ތަންފީޒު ކުރައްވަމުން ގެންދަވާނެކަމަށް ވެސް ވިދާޅުވިއެވެ.






