އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރު މުޙައްމަދު/ ފޮޓޯ އެސްއެމް

އެއްވެސް ދަތިކަމެއްނެތި ތޭލާއި ގޭހާއި ކާބޯތަކެތި ރާއްޖެއަށް ލިބޭނެ: ސަޢީދު

ޟަމްރަތު އަހްމަދު
މާރޗް 22, 2026

ރައްޔިތުންނަށް ބޭނުންވާ ތެލާއި ގޭހާއި ކާޑުގެ ބާވަތްތަކާއި، އަސާސީ ކާބޯތަކެތި އެއްވެސް ދަތިކަމެއްނެތި ރާއްޖެއަށް ގެނެސް ރައްޔިތުންނަށް ލިބެން ހުންނާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން ސަރުކާރުން ދެއްވައިފިއެވެ.

ސަރުކާރުން މިޔަޤީންކަން ދެއްވީ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރު މުޙައްމަދު ސަޢީދެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވެފައިވަނީ މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުންދާ ކަމަށެވެ. އޭގެ އިތުރުން ތެޔޮސަޕްލައި ކުރުމަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

”މި ޙާލަތުގެ އަސަރު ދިވެހި ޤައުމާއި ރައްޔިތުންނަށް ކުރާވަރު ވީހައިވެސް ކުޑަކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅާއެކު، ވަރަށް ހަލުވިކޮށް އަދި ރޭވުންތެރިކަމާއެކު ސަރުކާރުން ފިޔަވަޅުތައް އަޅުއްވައި، އެސްޓީއޯއިން އެ ގެންދަނީ ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނޭ ގޮތުގެމަތީން ދަމަހައްޓަމުންނެވެ.“

އެމަނިކުފާނު ވިދާޅުވެފައިވަނީ އެސްޓީއޯއިން ރާއްޖެއަށް ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައިގެން ކަމަށެވެ. އޭގެ އިތުރަށް ދުރާލާ ސަޕްލަޔަރުންނާއެކު އެސްޓީއޯއިން އެއްބަސްވެފައިވާ ”ނޮމިނޭޝަން“ އެރޭންޖްމެންޓުގެ ދަށުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މި އެރޭންޖުމެންޓުގެ ދަށުން މި ހަފުތާގައި ވެސް މިހާރުވަނީ ތެލުގެ އައު ދެޝިޕްމެންޓެއް ރާއްޖެ ގެނެސްފައި ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. ”އެސްޓީއޯއިން ސަޕްލަޔަރުންނާއެކު އެއްބަސްވެފައިވާ ނޮމިނޭޝަނާއި ތާރީޚުތަކާ އެއްގޮތަށް، ތެލުގެ އިތުރު ޝިޕްމެންޓްތައްވެސް ވަނީ ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައި“ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

 

މި ލިޔުމާ ގުޅޭ