ގަލްފު ސަރަހައްދުގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކާއި އެހެނިހެން ކަންކަމަށް ބުރޫނާރާނޭގޮތަށް ކަންކަން އިންތިޒާމު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި މިނިސްޓަރ ވިދާޅުވީ ބޭހާއި ކާޑާއި ތެލާއި އަދި ރާއްޖެއިން ބޭރުގައި ކިޔަވަންތިބި ކުދިންނަށް ފޮނުވަންޖެހޭ ސްޓައިޕެންޑާއި ކޯސް ފީތައް ފޮނުވުމުގެ ކަންތައް ހަމައަކަށް އެޅުވުމާއި ޚަރަދު ކުޑަކުރުމަށް މަރުކަޒީ ބޭންކާއި މީރާގެ އިތުރުން މާލީ ވުޒާރާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. މީގެ އިތުރުން ސަރުކާރުގެ ކޭޝްފްލޯ ބެލެހެއްޓުމުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.
ހަނގުރާމައިގެ ސަބަބުން ގައުމުތަކުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުން ގެންދަނީ އެ ގައުމެއްގެ ހާލަތަށް ބަލައިގެން އެއާ އެކަށީގެންވާ ފިޔަވަޅުތަކެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ދިވެހިރާއްޖެއިން ސީދާ ފިޔަވަޅުތަކެއްގެ ގޮތުގައި ކަންތައްތަކެއް، އިޢުލާނު ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ސަރުކާރުން މިވަގުތަށް ނިންމާފައިވަނީ ޚަރަދު ކުޑަކޮށްގެން މިހާރު ލިބޭ ކޭޝްފްލޯ ބަލަހައްޓައިގެން މަސައްކަތް ކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ތެލާ ބޭހޭގޮތުން މިނިސްޓަރ ވިދާޅުވީ ކުރިއަށްއޮތް ހަފްތާތެރޭގައިވެސް ރާއްޖެއަށް ތެލުގެ ދެ ޝިޕްމެންޓް އަންނާނޭ ކަމަށެވެ. މިއީ ސިންގަޕޫރާއި އޮމާނުން ގެންނަ ތެޔޮކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ތެޔޮ އެތެރެ ކުރުމަށްޓަކައި އެސްޓީއޯއިން ވެސް ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފައި ކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ތެޔޮ ލިބުމުގައި އަދި އެއްވެސް ދަތިކަމެއްނެތް ކަމަށެވެ. ތެޔޮ އަގުބޮޑުވިޔަސް ސަރުކާރުން ވިސްނުންހުރީ މިހާރު ތެލުގެ އަގުހުރުވަރަށްވުރެ ބޮޑު ނުކުރަން ކަމަށް ވެސް ވިދާޅުވިއެވެ. މިކަން މިގޮތަށް ކުރައްވަނީ ސަބްސިޑައިޒް ކޮށްގެން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.






