ޑިސެމްބަރ 23, 2024 18:11

ރައްޔިތު މީހާއަށް ޑިމޮކްރަސީ އޮންނާނީ "ގެއާއި ބަދިގެއާ ދެމެދު"

ޟަމްރަތު އަހްމަދު
އޮކްޓޯބަރ 2, 2024

ރައްޔިތުންނޭވެ. ނިކަންވިސްނާށެވެ. ޑިމޮކްރަސީއަކީ ހާދަހާވާ ފާޑެއްގެ އެއްޗެކެވެ. އެއްވެސް ފުރާނައެއް ދިރުމެއްނުވާ އެއްޗެކެވެ. ރައްޔިތުން ލައްވައި އެއަށް ފުރާނަ އަޅުވަނީ ސިޔާސީންނެވެ. އެމީހުންގެ އަމިއްލަ ބޭނުމަށްޓަކައެވެ. އެބުނާ ޑިމޮކްރަސީގެ ހުރިހާ ފޮނިމީރުކަމެއްއޮތީ އެވެރިންނަށެވެ. ހުރީހާ ރީތިކަމަކާއި ނަމެއްވެސް އޮތީ އެވެރިންނަށެވެ. ރައްޔިތުންނަށް އޮތީ އެވެރީން ބުނީމައި ވޯޓު ދިނުމެވެ.

މީގެ އެތައް އަހަރެއްގެ ކުރިއެވެ. ރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްސީ ތައާރަފްވެގެން އައި އަހަރެވެ. ރާއްޖެއާ ބެހޭ މައުލޫމާތު ފަތުރައިގެން ސަރުކާރުން ދެއްވި ޚާއްސަ އިނާމް ހާސިލްކުރެއްވި ސްވިޑުންގެ ރައްޔިތެއް ކަމަށްވާ މިސްޓަރ ލަރޒް ވިލްގޯންއާ ދިމާވިއެވެ. އޭރު އޭނާގެ އުމުރަކީ ހަތްދިހަ ދެ އަހަރެވެ. އޭނާ ބުނިގިތުގައި އުމުރުން ފަނަރަ އަހަރުން ފެށިގެން ރާއްޖެއަށް އޭނާ އަންނަން ފެށިއެވެ. ރާއްޖެއަށް ހިތްޖެހުނު ބޮޑުކަމުންނެވެ.  ރާއްޖެ ދެކެވާންފެށި ވަރުގަދަ ލޯބެއްގެ ސަބަބުންނެވެ. އޭނާ ބުނީ ރައްޖެއަކީ ދެވަނަ ގެ ކަމަށެވެ. އޭނާގެ ގަބުރު ވަޅުލާން ވެސް ބޭނުންވަނީ ދިވެހި ފަސްގަނޑުގައި ކަމަށްބުންޏެވެ. މިބާވަތުގެ އެތައް ވާހަކައެއް ދައްކައި ރާއްޖެއާމެދު އޭނާގެ ހިތުގައި އޮތް ގަދަރާއި އިހުތިރާމާއި ލޯބި ހާމަކުރިއެވެ.

މިހުރިހާ ވާހަކައެއް އޭނާ ދެއްކީ އެންމެ ވާހަކައެއް ބުނެލުމުގެ މަގުސަދުގައެވެ. ދިވެހީން އެކަތިގަނޑަކަށްވެ ތިބުމަށް އޭނާ އެދޭ މިންވަރު ހާމަކުރުމަށެވެ. ޑިމޮކްރަސީއާއެކުގައި ވެސްމެއެވެ. އޭނާ އޭރުވެސް ބުނީ ރާއްޖެއަށް ޑިމޮކްރަސީ އަންނަންޖެހޭ ކަމަށެވެ. އެކަމާ އެއްވެސް ވަރަކަށް ދެކޮޅުނޫން ކަމަށެވެ. އެހެންނަމަވެސް އެކަމަށް ދިވެހި ސިކުނޑިތައް ތައްޔާރުތޯ ސުވާލު ކުރިއެވެ. ރާއްޖެއަށް އަންނަން އޭނާ ބޭނުންވީ ރާއްޖެއާ ގުޅޭ ޑިމޮކްރަސީއެކެވެ. ދިވެހިވެއްޓާ ގުޅޭ ޑިމޮކްރަސީއެކެވެ. އިސްލާމްދީނާ ގުޅޭ ޑިމޮކްރަސީއެކެވެ. ރާއްޖެ ހަލަބޮލިނުވާނޭ ޒާތުގެ ޑިމޮކްރަސީއެކެވެ. ފުރާޅަށް ގައު ނުއުކާނޭ ޑިމޮކްރަސީއެކެވެ. ގެތަކުގެ ބިއްލޫރި ނުތަޅާނޭ ޑިމޮކްރަސީއެކެވެ.

ރާއްޖެއަށް ޑިމޮކްރަސީ ގެނެސްފިއެވެ. ނަމަވެސް ޓީނޭޖު ފަހަނަޅައިދާއިރުވެސް ބުނަނީ ތަސައްރަފު ނުފުދޭ ކަމަށެވެ. އެތައްގެއަކަށް ކަޅުތެޔޮޖަހައިފިއެވެ. ސިޔާސީ ޖަގަހަތަކަށް އެތައް ގެއްލުމެއްދީފިއެވެ. އެތައް ގެއެގެ ފުރާޅަށް ގައު އުކައިފިއެވެ. އެތައް ސިޔާސީންނަކަށް ހަމަލާދީފިއެވެ. މިހެންގޮސް އެތައްކަމެއް ކޮށްފިއެވެ. މިހާރު އޭނާ ދުނިޔޭގައި އެބަހުރިބާވައެވެ؟ ހުރިނަމަ އޭނާ ބުނާނީ ކީކޭހެއްޔެވެ؟

ދިވެހިންނާއި ދިވެހީންގެ އާދަކާދައާއި އެކުވެރިކަމަށް ތައުރީފުކުރި އެދުލުން މިއަދު ބުނާނީ ކީކޭހެއްޔެވެ؟ ދިވެހީން އެކަކު އަނެކަކު ދެކެވީ ލޯބި މިއަދު އޭނާ ސިފަކުރާނީ ކިހިނެއްހެއްޔެވެ؟ ކޮންމެއަކަސް ޑިމޮކްރަސީގެ އަޅުންނަށް ދިވެހީން ވެއްޖެއެވެ. އޭގެ ހެވައިނުބައި އަދިވެސް މިދަނީ ތަޖުރިބާކުރަމުންނެވެ. އެކުވެރިކަމާމެދު ބުނާނޭ އެއްޗެއް ނެތެވެ. ގައުމިއްޔަތު އަލުން ގެނެސް އެއަށް ފެންދީ ހަދަން މިޖެހުނީ ކީއްވެހެއްޔެވެ؟ އަލުންދިރުވަންވެގެންތާއެވެ.

ދިވެހީންނަށް ޑިމޮކްރަސީއަކީ ކޮބައިކަން ވަރަށްރީއްޗަށް އޭނާ އެދުވަހު ބުނެދިނެވެ. އޭނާ ބުންޏެވެ. އެއީ ގެއާއި ބަދިގެއާ ދެމެދު އޮންނަ އެއްޗެކެވެ. އޭނާ ދުށްރާއްޖޭގެ ގޯތިތަކުގައި ގެ ހުންނާނީ ވަކީންނެވެ. ބަދިގެ ހުންނާނީ ވަކީންނެވެ. ތިން އިރަށް މި ދެމެދުގައި އަންހެންވެރީން ހިނގާނެއެވެ. ކައްކާށެވެ. ކާށެވެ. ކާންދޭށެވެ.

ވެރިކަން އުފެދިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އޭނާ ބުނާ ގޮތުން އެބާރުވެރިކަން ރައްޔިތުންނަށް ލިބެނީ ކޮންމެ ފަސް އަހަރުން އެއްއަހަރުއެވެ. ވޯޓުލާ ދުވަހެވެ. ގޭގައި ހުރެފައި ނުކުމެގެން ގޮސް ވޯޓުފޮށްޓަށް ވޯޓުލައިފައި ގެއަށް އައުމުން ރައްޔިތުންނަށް ޑިމޮކްރަސީ ނިމުނީއެވެ. ބާރުވެރިކަން ކެނޑުނީއެވެ. ބާކީ އަހަރުތަކީ ވެރީން ބޭނުންގޮތަކަށް އަމަލުކުރަން ލިބޭ އަހަރުތަކެކެވެ. ރައްޔިތުންނަކީ ތިބިބައެއް ކަމެއްވެސް ދެން އެނގޭނީ އަނެއްކާ ވެސް ވޯޓުލާން ބޭނުންވީމައެވެ. އެހެންވީމާ ރައްޔިތު މީހާއަށް ޑިމޮކްރަސީ މިއޮންނަނީ ގެއާ ބަދިގެއާ ދެމެދު ނޫންހެއްޔެވެ؟

މިގޮތުގައި ޖީލުތައް މާޒީވެދާން ތިބެންވީ ހެއްޔެވެ؟ ނޫނެކެވެ. ކޮންމެ ދުވަހަކު ކޮންމެ ވަގުތަކު ރައްޔިތުންގެ ޑިމޮކްރަސީ އޮންނަކަމާއި އޮންނާނޭކަން ގަބޫލުކުރަންވީއެވެ. ކޮންމެ ދުވަހަކު ސިޔާސީ މީހުންނާއި މުޅި ސަރުކާރު ޒިންމާދާރުކުރުވަންވީއެވެ. ދައުލަތް ހިންގާ ގޮތާއި ހިނގާގޮތަށް ފާރަލައި ރަނގަޅުކުރަންވީއެވެ. މިބު ކޮންމެ ދުވަހަކު ހަޅޭ ލެވުމާއި ގާއުކުމާއި ހުތުރުއެއްޗެއްހި ކިޔާ ވާހަކައެއް ނޫނެވެ. ސުވާލަކީ ދެން ކޮންކަމެއްހެއްޔެވެ؟

ޖަވާބަކީ މިއެވެ. ރައްޔިތުން ވިސްނަންވީއެވެ. މީހަކު އެއްޗެއް ބުނީމާ އެއީ ތެދެއްކަން ދޮގެއްކަން ވީވަރަކުން ސާފުކުރަންވީއެވެ. ސާފުކުރާނީ އެހެން ބުނި މީހާގެ މުސާރަވެރިންގެ ގާތަކުން ނޫނެވެ. ދުރުންނާއި އަމިއްލަ ބުއްދިންނެވެ.

މިނިވަންކަމާ އެކު ވޯޓުލައި ވޯޓުގުނައި ނަތީޖާ އިއުލާން ކުރަން ފުރުސަތު ލިބުނު ފަހުން ދިވެހިން ޑިމޮކްރަސީއަކަށް ވޯޓެއް ނުދެއެވެ. 2008 ގައި ވޯޓް ދިނީ ބަދަލަކަށެވެ. އޭގެ ފަހުން ވޯޓް ދީފައިހުރީ ނޫންގޮތެއް ހޯދުމަށެވެ. ޔާމީނު ނޫން ގޮތެކެވެ. އިބޫ ނޫން ގޮތެކެވެ. ނޫން ގޮތް ހޯދިއްޖެއެވެ. އެކަމަކު ނޫންގޮތް ހޯދަން ބޭނުންވި ސަބަބު އޮތީ އޮތްތާއެވެ.

ޑިމޮކްރަސީއަށްޓަކައި ރައްޔިތުން ފުރަތަމަ ކުރަންވީ ބުރަ މަސައްކަތަކީ ވިސްނުމެވެ. އެއްޗެހި ބުނުމާއި މުޒާހަރާ ކުރުން ގެންނަންވީ އޭގެ ފަހަތަށެވެ.

މި ލިޔުމާ ގުޅޭ