ސަބަބު (އެގާރަވަނަ ބައި)

ޝިޔާމާ އަޙްމަދު (ސިޔައްތަ)
މާރޗް 28, 2026

އަހަރެންގެ އަތުގައި އޮތް ވަޅި ބައްޕައާއި ދިމާއަށް ހޫރާލި ވަޤުތު ޖުމާނާއާއި ޖުވޭދާ އެއްފަހަރާ ހަޅޭއްލަވައިގަތެވެ. ހަމަ އެވަޤުތުމެ، ޖުމާނާ ހޭނެތިގެން ބިންމައްޗަށް ވެއްޓުނެވެ. ޖުވޭދާ ދުވެފައިގޮސް ޖުމާނާ ކައިރިޔަށް ތިރިވިއެވެ. އަހަރެންނަށްވެސް ހަމަ ހޭވެރިކަންވީ އެމަންޒަރު ފެނިފައެވެ. ބާރަށް ދުވެފައި ޖުމާނާއާއި ހަމައަށް ދިޔައިމެވެ. އޭރު ޖުވޭދާ ކައިރީގައި އިށީންދެ އިނދެގެން ޖުމާނާއަށް ގޮވަމުން ގެންދިޔައެވެ. އަޑުގެކޮޅަށް ރޮމުންނެވެ. ”ދޮންތާ، ދޮންތާ.“ ދެން އެނާ އެނބުރިލީ އަހަރެންނާއި ދިމާއަށެވެ. ”ދޮންބެ ކީއްތިކުރީ؟ ބައްޕައަށް ގޮތެއްވިނަމަ ދޮންބެވެސް ސަލާމަތެއް ނުވީހެއްނު.“ ޖުވޭދާގެ އެޖުމުލަ އަޑު އިވުމާއިއެކު އަހަރެންނަށް ބަލއިލެވުނީ، ގޭގެ ބޭރު ދޮރާއި ދިމާއަށެވެ. ހައިރާންކަމާއި އެކީގައެވެ. އެހެނީ އަހަރެން ބައްޕައާއި ދިމާއަށް ވަޅި އެއްލިއިރު، ބައްޕަހުރީ ބޭރު ދޮރުގެ ތަޅުގައި ހިފަހައްޓާލައިގެންނެވެ. އެހެންނަމަވެސް މިހާރަކު ބައްޕައެއް އެތަނަކު ނެތެވެ. ބައްޕައާއި ދިމާއަށް ހޫރާލި ވަޅި ދޮރުކައިރީގައި، ބިންމަތީގައި އޮތެވެ. އަހަރެންނަށް ހަމަޖެހުމުގެ ފުން ނޭވާއެއް ލެވުނެވެ. ނަސީބަކުން އެވަޅި، ބައްޕަގެ ގަޔަކު  ނުޖެހެއެވެ. އެވަޤުތު އަހަރެންނަށް ހެދުނު ގޯސް، އިހުސާސް ކުރެވުނެވެ. އެހެންނަމަވެސް އަހަރެން އަވަސްވެގަތީ ޖުމާނާ ނަގާ، ހަމަޖެހޭ ތަނެއްގައި ބޭއްވުމަށެވެ. އޭރުވެސް ޖުވޭދާ ރޮމުން ގެންދިޔައެވެ. އޭނާގެ ދޮންތައަށް އެކަހަލަ ގޮތެއް ވެފައިއޮއްވާ ފެނުނު އެއީ ފުރަތަމަ ފަހަރުކަމަށް ވުމުންވެސް ވެދާނެއެވެ. އަހަރެންގެ އަތްދަނޑިމައްޗަށް ޖުމާނާ ނަގައިގެން ގެންގޮސް ކޮޓަރީގެ އެނދުމަތީގައި ބޭއްވީމެވެ. ”ދޮންބޭ ހިނގާ ދޮންތަ ގޮވައިގެން ހޮސްޕިޓަލަށް ދާން. ދޮންތަ އަދިވެސް އެއޮތީ ލޯމަރައިގެން ވިއްޔަ. މަންމަވެސް އެދުވަހު އޮތީ ހަމަ މިހެންވިއްޔަ.“ ޖުވޭދާ ބިރުންހުރެ އަހަރެންނަށް އިލްތިމާސް ކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް ޖުވޭދާ ދައްކަމުން ގެންދިޔަ ވާހަކައަށްވުރެ ބޮޑަށް އަހަރެންގެ ސަމާލުކަން ހުރީ ޖުމާނާއަށެވެ. އެހެނީ އަހަރެން މަސައްކަތް ކުރީ ޖުމާނާއަށް ހޭވެރިކަން ވޭތޯއެވެ. އެގޮތުން މޭޒުމަތީގައި ހުރި ފެންތައްޓެއް ނަގާ މަޑުމަޑުން ޖުމާނާގެ މޫނުމައްޗަށް ބުރުވާލީމެވެ. ދެފަހަރަކު ބުރުވާލަން ވާއިރަށް ޖުމާނާގެ އެސްފިޔަ ތަޅުވާލިތަން ފެނުނެވެ. އެހެންނަމަވެސް ޖުވޭދާގެ ކަންބޮޑުވުން ކުޑަތަންކޮޅެއްވެސް މަދެއް ނުވެއެވެ. އެވަޤުތު އަހަރެން ހަމަޖެހިލާފައި، ޖުވޭދާއަށް ގޮވާލީމެވެ. ”ކޮއްކޯ ބަލާލަބަލަ، ދޮންތަ މިހާރު ރަނގަޅޭ. ދޮންތަގެ ލޮލަށް ބަލާލަބަލަ، އެއޮތީ ލޯ ހުޅުވައިގެންނެއްނު.“ އަހަރެން އެހެން ބުނުމުން ޖުވޭދާ ކޮންމެވެސް ވަރަކަށް މައިތިރި ވާގޮތްވިއެވެ. އަދި ހަމަޖެހިލާފައި ޖުމާނާއާއި ދިމާއަށް ބަލައިލިއެވެ. ”ދޮންތާ، އޯކޭތަ؟ ދޮންތާ، ދޮންބޭ،  ތީ އަހަރެންގެ މައިންބަފައިން. ތި ދެމީހުންނަށް ގޮތެއް ވެއްޖެއްޔާ އަހަރެންނަށް ކިހިނެއް ވާނީ؟“ ޖުމާނާގެ ގައިގާ ބައްދާލައިގެން އިނދެ ޖުވޭދާ ބުނަމުން ގެންދިޔައެވެ. ”އެވަޤުތު ޖުމާނާވެސް ޖުވޭދާގެ އެހީގައި ތެދުވެލާފައި މަޑުމަޑުން  އިށީންދެލިއެވެ. ”އެއީ ތެދެއް ދޮންބޭ. ދެންމެގަވެސް އަހަރެން ހާދަ ބިރެއްގަތޭ. ތީ އަހަރުމެން ދެބެންގެ ބެލެހެއްޓުންތެރިޔާ. ދޮންބެއަށް ކަމެއް ވެއްޖެއްޔާ އަހަރުމެންނަށް ވާނެގޮތަކާމެދުވެސް ވިސްނާލައްޗޭ. ދެން އެހެންނޫނަސް އެއީ އަހަރުމެންގެ ބައްޕަ. އޭނައަށް އެއްވެސް ގޮތެއް ވާކަށްވެސް އަހަރެމެން ބޭނުމެއްނޫން ދޯ ކޮއްކޯ.“ ވަރުދެރަވެފައިވާ ކަހަލަ ގޮތަކަށް އިނދެ، ޖުމާނާ ވާހަކަ ދައްކަމުން ގެންދިޔައެވެ. ޖުމާނާގެ ވާހަކައަށް އެއްބަސް ވެލުމުގެ ގޮތުން ޖުވޭދާ މަޑުމަޑުން ބޯޖަހާލިއެވެ. އަހަރެން ކޮންމެވެސް ވަރަކަށް ހަމަޖެހިލާފައި އެކުދިންގެ ކައިރީގައި އިށީންދެލީމެވެ. އަދި އެކުދިންނާއި ވާހަކަ ދައްކަން ފެށީމެވެ. ”ދޮންބެއަށް މަޢާފުކުރޭ. ދެން އެކަހަލަ ގޯހެއް ނުހަދާ ވޭތޯ ދޮންބެ ވަރަށް މަސައްކަތް ކުރާނަން. ދޮންބެގެވެސް ހުރީ ހަމަ ތިދެކުދިން.“ އަހަރެންގެ ވާހަކަ އެހާ ހިސާބަށް ދާންވާއިރަށް ދެކުދިން އެއްފަހަރާ އަހަރެންގެ ގައިގާ ބައްދާލިއެވެ. އަހަރެންނަށްވެސް ހިތްހަމަ ޖެހުމެއް ލިބުނެވެ. ކުރިޔަށް އޮތްތަނުގައި ވިސްނައިގެން އުޅުމަށް ހަމަ އެވަޤުތުމެ ޢަޒުމު ކަނޑައެޅީމެވެ. ”ކޮއްކޮމެން ކަންބޮޑުނުވޭ. އިންޝާﷲ ދެން އެކަހަލަ ކަމެއް ދޮންބެގެ ފަރާތަކުން ނުފެންނާނެ. އިނގޭ“ ދެކުދިންނަށް އެއްފަހަރާ ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އެވަޤުތު އަހަރެންގެ ލޯމައްޗަށް ފެންނަން ފެށީ ހިނގާދިޔަ ޙާދިސާގެ މަންޒަރުތަކެވެ. ހަމައެއާއިއެކު، ބައްޕަގެ ވިސްނުން ހުރިގޮތާއި މަންމަ ގެއްލިގެން ދިޔުމުންވެސް ބައްޕައަށް އެއްވެސް އެއްޗެއް ނުވިސްނުނީތީ އަހަރެން ހައިރާންވިއެވެ. ބައްޕައަށް ހެޔޮވިސްނުން ދެއްވާތޯ ހިތާއިހިތުން ދުޢާވެސް ކޮށްލެވުނެވެ.

ކޮއްކޮމެންނަށް ކާނެ އެއްޗެއް ހޯދައިދީފާ، އަހަރެން ދިޔައީ ގަރާޖަށެވެ. އޭރު ހަވީރުވާން ކައިރިވަނީއެވެ. އެހެންނަމަވެސް ކުރަން ހުރި މަސައްކަތްތަކެއް ހުރީތީ ދިޔައީއެވެ. އަހަރެންގެ ޣައިރު ޙާޟިރުގައި ބައްޕަ އަތުވެއްޖެނަމަ ކަންތައް ކުރާނެ ގޮތުގެ ފުރިހަމަ އިރުޝާދު އެކުދިން ދިނީމެވެ. އަދި އެއްވެސް ކަމަކާ ކަންބޮޑުނުވެ ހިތްވަރާއިއެކީ ކުރިމަތިލާން ހިތްވަރުވެސް ދިނީމެވެ. އަހަރެން ގަރާޖުގައި މަސައްކަތުގައި އުޅުނެއްކަމަކު، ޚިޔާލުގައި އޮންނަނީ ބައްޕައެވެ. ބައްޕަގެ ފަރާތުން ކޮއްކޮމެންނަށް ކުރިމަތިވެދާނެ ނުރައްކަލެވެ. އެހުރިހާ ވިސްނުމަކާއިއެކު، އަހަރެންނަށް މަސައްކަތް ކުރަންވެސް

އުނދަގޫވެއެވެ. ޙަޤީޤަތަށް ބުނާނަމަ، އަހަރެން މިކުރަނީ ވަރަށް ޒިންމާދާރު މަސައްކަތެކެވެ. މި މަސައްކަތުގައި އެއްވެސް އިހުމާލެއް ވެއްޖެނަމަ، ދިމާވާނެ ކޮންމެ ނުރައްކަލަކަށް އަހަރެން ޒިންމާވާންވެސް ޖެހޭނެތާއެވެ. ކަންއޮތީ އެހެންކަމަށްވާއިރު، މިފަދަ ޙާލަތެއްގައި ހުރެ މަސައްކަތް ކުރުމަކީ އެހާ ރަނގަޅު ގޮތެއްކަމަކަށް އަހަރެންނަށް ނުފެންނާތީ، މަސައްކަތް ހުއްޓާލާފާ ގޮސް މަޑުމަޑުން އިށީންދެލީމެވެ. އެހިނދު އަހަރެން ސިއްސައިގެން ދިޔައީ ތަންކޮޅެއް ދަންނަ އަޑަކުން އަހަރެންނަށް ގޮވާލި އަޑު އިވިގެންނެވެ. އިސްއުފުލާ ބަލައިލިއިރު ކައިރީގައި ހުރީ އައިޝާއެވެ. އަހަރެން ފުންމައިގެން ކަހަލަ ގޮތަކަށް ތެދުވީމެވެ. އެވަޤުތު އައިޝާވެސް ސިއްސައިގެން ގޮސް ފަހަތަށް ޖެހިލިއެވެ. އޭނާއަށް ހެދުނު ގޯހަކުން އަހަރެން ސިއްސައިގެން ދިޔައީކަމަށް ހީކޮށްފައެވެ. އެހެނީ އޭނާ ވަރަށް ކަންބޮޑުވެ ހުރެ، އަހަރެންގެ ކިބައިން މަޢާފަށް އެދުނެވެ. ”ނޫނޭ، އައިޝާގެ އެއްވެސް މައްސަލައެއް ނެތް. އަހަރެން ކޮންމެސް ޚިޔާލަކަށް ގެއްލިފަ އިންދާ އައިޝާ ގޮވާލީމަ ސިއްސައިގެން ދިޔައީ.“ އެވަޤުތު، އައިޝާ މަޑުމައިތިރި ގޮތަކަށް ހިނިތުން ވެލިއެވެ. ”އަނެއްކާ ޚިޔާލުކުރާ ވަރުގެ ފަރާތެއްވެސް ހުރީތަ؟“ ސަމާސާ ރާގަކަށް އައިޝާ ސުވާލުކޮށްލިއެވެ. ”ނޫނޭ، އިތުރު އެއްވެސް ފަރާތެއް ނުހުންނާނެ.“ އަހަރެންނަށް ބުނެވުނު އެއްޗަކާއިމެދު ވިސްނާލުމުން ކަންބޮޑުވާގޮތް ވެވުނެވެ. އެކަން އައިޝާއަށް ފާހަގަވެސް ކުރެވުނެވެ. އެހެނީ އެވަޤުތު އަހަރެންނާއި ދިމާއަށް ވަރަށް ރަނގަޅަށް އައިޝާ ބަލައިލިއެވެ. މޫނުމަތީގައި ފޮރުވިފައިވާ ސިއްރެއް ހޯދަން އުޅޭ ފަދައިންނެވެ. އަހަރެންނަށް އިސްދަށަށް ޖަހާލުން ފިޔަވާ އިތުރު އެއްވެސް ކަމެއް ނުކުރެވުނެވެ. އެހެނެއްކަމަކު އަހަރެންގެ އަމިއްލަ ބަސް ދިފާޢު ކުރާކަށްވެސް މަސައްކަތެއް ނުކުރެވުނެވެ. އެހެންނަމަވެސް އައިޝާގެ ފަރާތުން އެއްވެސް ކަހަލަ ރައްދެއްވެސް ނުދެއެވެ. އެހެންކަމުން އަހަރެން ދެން މަސައްކަތްކުރީ ލިބުނު ފުރުޞަތުގެ ބޭނުންކޮށްލައިގެން ވާހަކަ އޮޅުވާލާށެވެ. ”އައިޝާ ތި އައީ އެއްވެސް ކަމަކުތަ؟“ ”ނޫނޭ، އަނެއްހެން އެއްވެސް ކަމަކުއެއް ނޫން. އަހަރެން މިތަނުން ހުރަސްކޮށްލި ވަޤުތު ޖުނޭދު ތިހެން އިންދާ ފެނުނީމަ ކައިރިޔަށް އައިސްލަން ހަމަ ހިތަށް އެރީ.“ އައިޝާގެ ޖަވާބުން އަހަރެންގެ ހިތުގައި އުފެދުނީ ސުވާލެކެވެ. އެހެނީ އަހަރެންގެ ހިތުގައި އައިޝާއަށްޓަކާ އޮތް އިހުސާސް އައިޝާގެ ހިތުގައިވެސް އަހަރެންނަށްޓަކާ އޮތީބާއެވެ؟

އެ ޚިޔާލުތަކަށް އަހަރެން ގެއްލިފާ ހުއްޓާ، އަނެއްކާވެސް އައިޝާ ގޮވާލި އަޑު އިވުނެވެ. ”އަހަރެންނާ އެއްކޮން ތަނަކަށް ދާން ކެރިދާނެތަ؟“ އައިޝާ ސުވާލުކޮށްލިއެވެ. އެއްވެސް ޖެހިލުމެއް ނެތިއެވެ. ”ކޮންތާކަށް؟“ އަހަރެންވެސް އަހާލީމެވެ. ”ކޮފީއަކަށް. އެކަމަކު ދާންވާނީ އަހަރެންނަށް އިތުބާރު ކުރަންޏާ އިނގޭ.“ ވަރަށް މަޑުމައިތިރި ގޮތަކަށް އައިޝާ ބުނެލިއެވެ. ”އަހަރެންނަކަށް އައިޝާއެއް މާ ރަނގަޅަކަށް ނޭންގެ. ހަމަ އެގޮތަށް އައިޝާއަކަށްވެސް އަހަރެންމީ ކާކު ކަމެއް އަސްލު ނޭންގޭނެ. އެހެންނަމަވެސް ތިވަރުގެ ކަމަކު އަހަރެންގެ ކައިރީގަ އައިޝާ ބުނާނީ، އައިޝާގެ ހިތުގަ އަހަރެންނަށްޓަކާ ކޮންމެސް އިތުބާރެއް އޮތީމަ. އެހެންވީމަ، އަހަރެންވެސް އައިޝާއަށް އިތުބާރު ނުކުރަންވީ ސަބަބެއް ނެތް. އެކަމަކު…“ އަހަރެން ބުނަން އުޅުނު އެއްޗެއް ނުބުނެވި ހުއްޓުން އެރީ ކީއްވެކަމެއް ޚުދު އަހަރެންނަކަށްވެސް ނޭންގުނެވެ. ”އެކަމަކު އެހެން މީހުން ފާޑުފާދުގެ ވާހަކަ ދައްކާނެ. އަހަރެންގެ ސަބަބުން އައިޝާ ބަދުނާމު ވެދާނެ. އައިޝާގެ މައިންބަފައިންނަށް އެނގިއްޖެއްޔާ އެކަމާ ސުވާލު ކުރާނެ.“ އަހަރެން ޖުމުލަ ނިންމާލި ހިސާބުން އައީޝާ، އޭނާގެ ހިތަށް އައި އެއްޗެހި ކިޔަމުން ގެންދިޔައެވެ. ލުއިލުއި ހިނިތުންވުމަކާއި އެކުގައެވެ. އެހެންނަމަވެސް ސަމާސާއަކަށް ހަދާފައި ނަމަވެސް އައިޝާ އެ ބަޔާންކުރީ ޙަޤީޤަތެވެ. ”އެއީއެއް ނޫންތަ ކަންތައް ވާނެ ގޮތަކީ؟“ މަޑުމައިތިރި ކަމާއިއެކީ އަހަރެން ބުނެލީމެވެ. ”ކަމޯން ޖުނޭދު، އަހަރެން މީ ކާކުކަން އެނގޭނީވެސް އެންމެ ފަހަރަކު ނަމަވެސް އަހަރެންނާ އެކީ ވަޤުތުކޮޅެއް ހޭދަ ކޮށްލީމަ ދޯ. މީހުން ކިޔާނެ އެއްޗަކަށް ބަލައިގެން އުޅެން ވެއްޖެއްޔާ އޮންނަން ޖެހޭނީ ބޮޑު ފޮށީގެ އަޑީގަ ފިލާ.“ މިފަހަރު އައިޝާގެ އަޑުގައި ހުރީ ސީރިޔަސް ކަމެވެ. އަހަރެން ކައިރިޔަށް ހިނިއަންނަ ގޮތްވިއެވެ. ކީއްވެގެން ކަމެއް ނޭންގުނެވެ. އެހެންނަމަވެސް އަހަރެންނަކަށް ދެން އިތުރަކަށް އައިޝާއާއި އިދިކޮޅު ހަދާކަށް ނުކެރުނެވެ. ހަމަ އެހެންމެ ބޭއިޚްތިޔާރުގައި އެއްބަސްވެސް ވެވުނެވެ. ދާން އެއްބަސް ވެވުނު ނަމަވެސް އަހަރެން އައިޝާގެ ކިބައިން އިލްތިމާސްއެއް ކުރީމެވެ. ދެމީހުން އެކުގައި ނުދިޔުމަށެވެ. އެހެންނަމަވެސް އެއީ އައިޝާ އެހާ ރުހޭ ގޮތަކަށް ނުވިއެވެ. އެންމެފަހުން އޭނާ ރުހޭގޮތަށް އަހަރެން އެއްބަސްވީ، މާބޮޑު ދެބަސްވުމަކަށް ދާން ބޭނުން ނުވީތީއެވެ. އެވަޤުތު އަހަރެންގެ އަމިއްލަ ނަފްސާ އަހަރެން ސުވާލުކުރަމުން ގެންދިޔައީމެވެ. އަހަރެންނަށް މިވަނީ ކީއްބާވައެވެ. އަމިއްލަ މިޒާޖުގައި ހަރުކަށި ގޮތެއް ގެންގުޅެވޭ މީހަކު، މީގެ ދުވަސްކޮޅެއް ކުރިން ފެނުނު ޖިންސުއްލަތީފެއްގެ ބަސް، އެހާ ފަސޭހައިން މި ޤަބޫލުކުރެވެނީ ކީއްވެގެން ބާވައެވެ. ކިތަންމެ ސުވާލެއް ހިތުގައި އުފެދުނު ކަމުގައި ވީނަމަވެސް، ޙަޤީޤަތަކީ، އަހަރެންނަށް އޭނާއާއި ދެބަސް ނުވެވުނު ކަމެވެ.

ދެމީހުން އެކުގައި ގޮސް ވަނީ، އަހަރެންގެ ކޮއްކޮމެން ގޮވައިގެން ދިޔަ ރެސްޓޯރެންޓަށެވެ. އެއީ އައިޝާ އަހަރެންނާއި އެންމެ ފުރަތަމަ ވާހަކަވެސް ދެއްކި މާޙައުލެވެ. އެހެންކަމުން އަހަރެންނަށް ޤަބޫލު ކުރެވުނީ، ދެމީހުންގެ ފުރަތަމަ އެކަހެރި ބައްދަލު ވުމަށް އެއަށްވުރެ މުނާސަބު ޖަގަހައެއް ނޯންނާނެ ކަމަށެވެ. ދެކޮޅު ހޯދާ ބަލާލުމަށްފަހު ރަނގަޅު ދިމާލެއްގައި ހުރި މޭޒެއްގައި ގޮސް އިށީނީމެވެ. ކާނެ އެއްޗަކަށް އޯޑަރު ދިނުމަށްފަހު، ހަމަޖެހުމުގެ ނޭވާއެއް ލީމެވެ. ހަމަ އެވަޤުތުމެ އަހަރެންގެ ޚިޔާލަށް އައީ، މިއަދު ހިނގާދިޔަ ޙާދިސާއެވެ. މީގެ އިރުކޮޅެއް ކުރިޔާއި ހަމައަށް އަހަރެން ކުރަމުންދިޔަ ފިކުރުތަކެވެ. ހިނދުކޮޅަކަށް ނަމަވެސް އަހަރެންގެ ހިތާއި ސިކުނޑިން އެކަންތައްތައް ފިލައިގެން ދިޔައީތީ މިހާރު އެބަ ހައިރާންވެއެވެ. އެހިނދު އަހަރެންނަށް އައިޝާއާއި ދިމާއަށް ކަޅި ހިންގާލެވުނެވެ. އޯގާތެރި ނަޒަރަކުންނެވެ. އެވަޤުތު ވެގެންދިޔައީ، އައިޝާވެސް އަހަރެންނާއި ދިމާއަށް ބަލައިލެވުނު ވަޤުތަކަށެވެ. އެހެންނަމަވެސް އިތުރު ސުވާލެއް ކުރުމުގެ ބަދަލުގައި އައިޝާ ކޮށްލީ ޢިޝާރާތެކެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. ކިހިނެއްވީތޯ ސުވާލުކޮށްލި ކަހަލައެވެ. އަހަރެންވެސް ކަމެއް ނުވާކަމަށް ބުނުމުގެ ގޮތުން މަޑުމަޑުން ދެއަތަށް ބޯ ހޫރާލީމެވެ. ދެމީހުންގެ މެދުގައި ވަނީ ހަމަހިމޭންކަމެވެ. އެކަހަލަ ގޮތަކަށް ކުޑަ ވަޤުތުކޮޅެއް ދިޔުމަށްފަހު، އެ ހަމަހިމޭންކަން ނައްތާލީ އައިޝާގެ ސުވާލަކުންނެވެ. ”ޖުނޭދުގެ ހިތުގަ ހަމަ އެއްވެސް ސުވާލެއް ނުއުފެދޭތަ؟“ އަހަރެން ކުޑަކޮން ހައިރާންވާ ގޮތްވިއެވެ. ”އަހަރެންގެ ހިތުގަ އުފެދެންވީ އަނެއްކާ ކޮންކަހަލަ ސުވާލެއްބާ؟“ ސަމާސާ ރާގަކަށް އަހަރެން ބުނެލީމެވެ. ”އަހަރެން އަމިއްލައަށް އެދިގެން މިތަނަށް ޖުނޭދު މިގެނައީ ކީއްވެގެންތޯވެސް ބަލާކަށް ބޭނުމެއް ނޫންތަ؟“ ”ނޫނޭ، ތީ އަހަރެން ކޮށްލަން ބޭނުންވާ ސުވާލެއް.“ އައިޝާ މަޑުމަޑުން އިސްދަށަށް ޖަހާލިއެވެ. ލަދުވެތި ގޮތަކަށެވެ. އެހެންނަމަވެސް އޭނާ ދައްކަން ބޭނުންވި ވާހަކަ ދައްކާކަށް ފަހަކަށް ނުޖެހުނެވެ. ”އަހަރެންނަށް އެނގޭ ޖުނޭދު އަހަރެންނަށް ލައިކް ވާކަން. އެއްރޭ އަހަރެންގެ ފަހަތުން ގޭދޮށަށް ދިޔަކަންވެސް.“ އަހަރެންނަށް އަމިއްލަ ނަފްސަށް ރަކިވާ ކަހަލަ އިހުސާސެއް ކުރެވުނެވެ. އައިޝާ ދައްކަމަން ދިޔަ ވާހަކައަށް ޖަވާބު ދޭންވެސް އަހަރެން ބޭނުންވީމެވެ. އެހެންނަމަވެސް އެއަށްވުރެ މާބޮޑު ވާހަކައެއް އައިޝާ ބުނަން ބޭނުންވެފާ އިންހެން އަހަރެންނަށް ހީވިއެވެ. ”އަހަރެންނަކަށްވެސް ނޭންގެ ވީގޮތެއް ޖުނޭދު އެހެން ކަންތައް ކުރިކަން އެނގިހުރެވެސް އަހަރެންނަކަށް ޖުނޭދު ދެކެ ރުޅިއެއް ނާދެވުނު. އަހަރެންގެ ފަހަތުން އަންނަކަން ކަނޑައެޅިގެން އެނގިހުރެ މަގު އޮޅުވާލާ، ނޫނީ ސައިކަލު މަޑުކޮށްފަ ޖުނޭދުއާ ދިމާއަށް އެއްޗެކޭ ބުނާކަށްވެސް އަހަރެން ބޭނުމެއް ނުވި. ދެން އޭގެފަހުންވެސް އަހަރެންނަށް ޖުނޭދުއާ ދޭތެރޭގަ ވިސްނުނު. އެހެންވެގެން އަހަރެން އިސްވެ ޖުނޭދުއާ ވާހަކަވެސް ދެއްކީ. އަނެއްކާ އެއީ މައްސަލައެއްތަ؟“ އައިޝާ ދައްކަން ބޭނުން ވަރަށްގިނަ ވާހަކަތައް އެއްފަހަރާ ދައްކާ ނިންމާލިއެވެ. ”ނޫނޭ، އެއީ އެއްވެސް މައްސަލައެއް ނޫން. އެކަމަކު، އަހަރެންނަށް އައިޝާ އެނގޭ މިންވަރަށްވެސް އައިޝާއަކަށް އަހަރެންނެއް ނޭންގޭނު. އެކަމަކަވެސް އައިޝާ ބޭނުންތަ އަހަރެންނާ ވާހަކަ ދައްކަން؟“ ”ބޭނުންނުވާނަމަ މިތަނުގަ މިހެން އިންނާނެތަ؟“ އައިޝާ ކޮށްލީ ވަރަށް އާދައިގެ ސުވާލެއް ކަމަށް ވިޔަސްވެސް އޭގެ މާނަ ވަރަށް ފުނެވެ. ”ޖުނޭދު ތިބުނިހެން އަހަރެންނަކަށް ޖުނޭދުއެއް ނޭންގެ. އެކަމަކު ޖުނޭދު ނުބުންޏަސް އަހަރެންނަށް އެނގޭ އެއްޗެއް އެބައޮތް.“ އަހަރެން ކުޑަކޮން ކަންބޮޑުވާގޮތް ވިއެވެ. އަނެއްކާ ކޮންކަމެއް ބާއެވެ؟ އަހަރެންގެ ޙަޔާތުގެ އަނދިރި ފަރާތް އައިޝާއަށް އެނގެނީބާއެވެ. ނޫނެކެވެ. އެއީ ޙާޝިމް ފިޔަވާ މީގެ ކުރިން އެއްވެސް މީހަކަށް އެނގޭނެ ވާހަކަތަކެއް ނޫނެވެ. އަހަރެން ޙާޝިމްއަށް އިތުބާރު ކުރަމެވެ. އޭނާ އެކަހަލަ އެއްވެސް ވާހަކައެއް އައިޝާ ކައިރިޔަކު ނުދައްކާނެއެވެ. އޭނާއަކާއި އައަޝާއަކާ މާބޮޑު ގުޅުމެއްވެސް ނޯންނާނެތާއެވެ. ދެން އެހެންވިއްޔާ، އަހަރެންގެ ކޮންކަމެއް އައިޝާއަށް އެނގެނީ ބާއެވެ.

އެފަދަ ޚިޔާލަކަށް ގެއްލިފައި އިންދާ، އަހަރެން ސިއްސައިގެން ދިޔައީ، އައިޝާ ހީގަތް އަޑަށެވެ. ”ހާދަ ވަރަކަށް ތި ކަންބޮޑުވީ؟ އަނެއްކާ ނުރައްކާތެރި ކަމެއް އުޅެނީތަ؟ އެއްގޮތަކަށްވެސް ކަންބޮޑުނުވޭ، ޖުނޭދު ކަންބޮޑުވާން ޖެހޭކަހަލަ އެއްވެސް ކަމެއް ނެތް.“ އައިޝާގެ ވާހަކަ އެހިސާބަށް ދިޔުމުން ކުއްލިޔަކަށް އޭނާގެ މޫނުމަތީގެ ހިނިތުންވުން ފަނޑުވެލިއެވެ. އަދި ސީރިޔަސް ކަމާއެކީ ވާހަކަ ކުރިޔަށް ގެންދަން ފެށިއެވެ. ”އަހަރެންނަށް ފާހަގަ ކުރެވުނީ ޖުނޭދުގެ އެތެރެ ހަށީގަ ވަރަށް ވަރުގަދަ ތޫފާނެއް އުޅޭކަން. އެތޫފާނާ ޖުނޭދު އަމިއްލައަށް ހަނގުރާމަ ކުރަމުން ގެންދާކަން. ދެންމެގަ އަހަރެންނަށް ޖުނޭދު ގަރާޖުތެރެއިން ފެނުނުއިރުވެސް އެކަހަލަ އެއްޗެއް ހީވެގެން އަސްލު އަހަރެން ޖުނޭދު ކައިރިޔަށް ދިޔައީ. ފަހަރެއްގަ އެހީތެރިކަމުގެ އަތެއް ދިއްކޮށްލެވިދާނެ ކަމަށް ބަލާފަ.“ އަހަރެންނަށްކަށް ބުނާނެ އެއްޗެއް ނޭންގުނެވެ. މަޑުމަޑުން ފެންކަޅިވާގޮތް ވިއެވެ. އެކަން އައިޝާވެސް ފާހަގަ ކުރިއެވެ. ”އަސްލުގަ އަހަރެންނަށް އިތުބާރު ކުރަންތޯ އަހާލީވެސް އެހެންވެގެން. އަސްލުގަ ޖުނޭދު ތިހުރީ މީހެއްގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންވެފަހެން އަހަރެންނަށް ހީވޭ. އެންމެ ފުރަތަމަ ދުވަހު އަހަރެންނަށް ޖުނޭދު ފެނުނުއިރުވެސް ހަރަކާތްތައް ހުރިގޮތުން އެކަހަލަ އެއްޗެއް ފާހަގަ ކުރެވުނު އިނގޭ. އެހެންވެގެން ކަންނޭންގެ އަހަރެންނަށް ރުޅި ނާދެވުނީ.“ އަހަރެން އިސްއުފުލާ ބަލައިލީމެވެ. އައިޝާ އިނީ ލުއިލުއި ހިނިތުން ވުމަކާއިއެކު އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އަހަރެންނަށް އަނެއްކާވެސް އިސްދަށަށް ޖަހާލެވުން ފިޔަވާ އިތުރު އެއްވެސް ކަމެއް ނުކުރެވުނެވެ. ”ޖުނޭދު“ އައިޝާ އަނެއްކާވެސް އަހަރެންނަށް ގޮވާލިއެވެ. ”އަހަރެންނަކީ ރައްޓެއްސެއް ކަމަށް ޤަބޫލުކުރާނަންތަ؟“ އަހަރެން އިސްއުފުލާ ބަލައިލިއިރު، ފެންކަޅިވެފައިވާ އަހަރެންގެ ލޮލަށް އައިޝާ ފެނުނީ ވަރަށް ފުސްކޮންނެވެ. އަވަސްއަވަހަށް އެސްފިޔަ ޖަހާލުމާއިއެކު، ލޮލަށް ޖަމާވެފައިހުރި ފެންތައް، ލޮލުގެ އެތެރޭގައި ރައްކާކޮށްލީމެވެ. އަދި ފުން ނޭވާއެއް ލުމާއިއެކު އަހަރެންގެ ފުރިހަމަ ސަމާލުކަން އައިޝާއަށް ދިނީމެވެ. ”ލައްބަ. އެންމެރަނގަޅު، މިހާރުދެން އަހަރެންނާއި ބެހޭގޮތުން އައިޝާއަށް ލައްކަ ކަންކަން އެނގޭކަމަށް އަހަރެން ޤަބޫލުކޮށްފިން. އައިޝާ ތި ހުށައެޅި ރައްޓެހިކަންވެސް އަހަރެން ޤަބޫލުކޮށްފިން. އެކަމަކު..“ ”އަނެއްކާވެސް އެކަމަކު..“ އަހަރެންގެ ވާހަކަ އައިޝާ މެދުކަނޑުވާލީ އިތުރު އެއްޗެއް އަހަރެން ބުނެދޭން ބޭނުން ނުވެގެން އުޅެނީކަމަށް ބަލާފައެވެ. ”އައިޝާ، އިހަށް އަހަރެންގެ ޖުމުލަ ފުރިހަމަ ކުރަންދެން މަޑުކޮށްލަބަލަ. އަހަރެންނަކީ އެހާ ފަސޭހައިން މީހުންނާ ވާހަކަ ދެއްކޭ މީހެއްވެސް ނޫން. މިހާ ހިތްވަރުކޮށްލާފަ ފެށީމަ ކުރިޔަށް ގެންދިޔަ ދިނުން އެދެން.“ ހީލާފާ އަހަރެން ބުނެލީމެވެ. އައިޝާ، އޭނަގެ ކަނާތު ޝަހާދަތް އިނގިލި މަޑުމަޑުން ތުންފަތްމަތީގައި ބާއްވާލަމުން ހީލިއެވެ. އަދި އަހަރެންގެ ވާހަކަ ކުރިޔަށް ގެންދިޔުމަށް ބުނެލިއެވެ. ”އަހަރެން އަސްލު ބުނަން މިއުޅެނީ އަހަރެންގެ ނިޔު ފްރެންޑްގެ މަޢުލޫމާތުވެސް އަހަރެންނަށް އެނގެން ޖެހޭނނެ ނޫންހޭ. އޭރުންތާދޯ ތަންކޮޅެއް ފަސޭހައިން އިތުބާރުކޮށްލަންވެސް އެނގޭނީ.“ ސަމާސާ ގޮތަކަށް އަހަރެން ބުނެލީމެވެ. އައިޝާ ވަރަށް ހަމަޖެހިލާފާ އޭނާގެ ވަނަވަރު އަހަރެންނަށް ކިޔައިދޭން ފެށިއެވެ. ”އަހަރެންނަކީ އަހަރެންގެ މަންމަޔާ ބައްޕަގެ ދެވަނަ ދަރިފުޅު. އަހަރުމެންގެ ގޭގަ ހުންނާނީ ތިން އަންހެން ކުދިން. ދޮންތަ، އަހަރެން ދެން ކޮއްކޮ. އަހަރެންގެ ޢުމުރުން މިހާރު އެކާވީސް އަހަރު. މިއީ އަހަރެންގެ ޑިގްރީގެ ފައިނަލް އަހަރު. އަހަރެން ކިޔަވަނީ ޗާޓެޑް އެކައުންޓިން. އަހަރެން ނިސްބަތްވަނީ ރާއްޖޭގެ އުތުރުގެ އަތޮޅަކަށް. އެކަމަކު މަންމަ މާލެ އިނގޭ.“ އައިޝާގެ އޭނާގެ ވަނަވަރު ކިޔައިދެމުން ގެންދިޔައިރު އަހަރެން ކަނުލާ އަޑުއަހަން އިނީމެވެ. އެކަމަކު އެވަޤުތު އަހަރެންގެ ހިތުގައި އުފެދު ސުވާޅެއް ކޮށްލީމެވެ. ”މަންމަ މާލެ ވިއްޔާ މާލޭގަ ގެދޮރު ހުންނާނެއެއްނު؟ ދެން ކީއްވެގެން ރާއްޖެތެރެއަށް ނިސްބަތްވެޔޭ ތިބުނީ؟“ އެސުވާލުގެ ޖަވާބު އައިޝާ ދިނީ ފުރިހަމަ ހިނިތުންވުމަކާއި އެކީގައެވެ. ”އަހަރެންގެ ބައްޕައަކީ ރާއްޖެތެރެ މީހެއް ވީމަ. އެހެންވީމަ ޢާއިލާވެސް އޮންނާނީ އެރަށުގައެއްނު. ބައްޕަގެ ރަށަށް އަހަރެން ދިޔައީ މުޅި ޢުމުރުގަވެސް އެންމެ ފަހަރަކު. އެވެސް ވަރަށް ކުޑައިރު،“ ”އެކަމަކުވެސް ތީ ރާއްޖެތެރެއަށް ނިސްބަތްވާ ކުއްޖެކޭ ތިބުނީ؟“ ހީލާފައި އަހަރެން އަހާލީމެވެ. ”ދެން ޖުނޭދުގެ ލައިފްއާ ބެހޭގޮތުން ކޮންމެސް މިންވަރެއް ނަމަވެސް އަހަރެންނަށް ކިޔައިދޭންވީނު ދޯ.“  އަހަރެންނަށް އަނެއްކާވެސް ޖަހާލެވުނީ އިސްދަށަށެވެ. އެހެންނަމަވެސް ހިތްވަރު ކޮށްލާފައި ވާހަކަ ދައްކަން ނިންމީމެވެ.

އައިޝާއަކީ އިތުބާރު ކުރެވިދާނެ ކުއްޖެއްކަމަށް އަހަރެންނަށް ޤަބޫލުކުރެވުނީ ކީއްވެގެން ކަމެއް ނޭންގުނެވެ. އޭނާގެ މަޢުސޫމުކަން ބާއެވެ؟ ނުވަތަ ސާދާ މިޒާޖުބާއެވެ؟ ނުވަތަ އޭނާގެ ކިބައިގާހުރި ހިތްހެޔޮކަން ބާއެވެ؟ އަހަރެން މަޑުމަޑުން ކަރުކެހިލާފާ ހަމަޖެހިލީމެވެ. ”އައިޝާގެ ކުރިމަތީގަ އަހަރެން މި ހުޅުވާލަނީ އަހަރެންގެ ޙަޔާތުގެ ޞަފްޙާތައް. އިތުބާރުކުރެވުނީމަ އިނގޭ. އަހަރެންގެ ޙަޔާތަކީ އަހަރެން ވަރަށް ސިއްރުން ރައްކާކޮށްގެން ގެންގުޅޭ އެއްޗެއް. އެކަމަކު..“ މިހެން ބުނުމާއިއެކު އަހަރެން ކައިރިޔަށް ކޮންމެވެސް ވަރަކަށް ހިނިއަންނަ ގޮތްވިއެވެ. އެހެނީ އައިޝާވެސް ހިނި އައީތީއެވެ. އެހެންނަމަވެސް އަހަރެންގެ ވާހަކަ ކުރިޔަށް ގެންދިޔައީމެވެ.  ”އަހަރެންނަކަށް ހިއެއްނުވޭ އަހަރެންގެ ވާހަކަތައް އަޑުއަހާނެހާ ހިތްވަރު އައިޝާގެ ކިބައިގަ ހުންނާނެހެނެއް.“ އެވަޤުތު އައިޝާ އަހަރެންގެ ވާހަކަ މެދުކަނޑުވާލިއެވެ. ”އަސްލު އަހަރެންނަކީ އެހާ ހިތްވަރުގަދަ މީހެއްނޫން. އެކަމަކު އަހަރެންނަށް ހީވަނީ ޖުނޭދުގެ ވާހަކަތައް އަޑުއަހާނެހާ ހިތްވަރު އަހަރެންނަށް ލިބިދާނެހެން. އެއީ އެންމެ ފުރަތަމަ ދުވަހުވެސް އަހަރެންގެ ހިތުގަ ޖުނޭދުއަށް ޚާއްޞަ މަޤާމެއް ދެވުނު.“ އަހަރެންނަށް އައިޝާއާއި ހަތަރުކަޅި ހަމަކޮށްލެވުމެވެ. އައިޝާވެސް އަހަރެންނާއި ދިމާއަށް ބަލައިލާފާ ހިނިތުންވެލިއެވެ. އަހަރެންގެ ވާހަކަ ކުރިޔަށް ގެންދިޔުމުގެ ކުރިން ވަށައިގެންތިބި މީހުންނާއި ދިމާއަށް އަހަރެން ނަޒަރު ހިންގާލީމެވެ. އެއީ އަހަރެން ކަހަލަ މީހެއްގެ ވާހަކަތައް އިއްވަން އެހާ ރަނގަޅު މާހައުލެއް ނޫންކަން އެވަޤުތު އަހަރެންނަށް އިހުސާސް ކުރެވުނެވެ. އަދި އެކަން އައިޝާއަށްވެސް އަންގާލީމެވެ. އޭނާވެސް އެކަމަށް އެއްބަސް ވިއެވެ. އެހެންކަމުން އަހަރެމެން އެތަނުން ނިކުމެގެން ދިޔައީ، ރަސްފަންނާއި ދިމާއަށެވެ. އޭރު ހުރީ އިރުއޮއްސެން ކައިރިވެފައެވެ. އައިޝާއާއިއެކު ވަޤުތު ހޭދަކުރެވުނު މިންވަރު އިހުސާސް ކުރެވުނީ އެވަޤުތުއެވެ. ”އައިޝާ، މިހާރު ވަރަށްބޮޑަށް ލަސްވެއްޖެއެއްނު ދޯ. އައިޝާ ގެއަށް ނުދިޔައިމަ މަންމަ ކަންބޮޑުވާނެއެއްނު.“ ”އެކަމާ ހާސްނުވޭ. އަހަރެން މިއޮއް ހުރިހާއިރު ޖުނޭދު ކައިރީގަ އިންއިރުވެސް އެއްވެސް ފޯނުކޯލެއް ނާދެއެއްނު ދޯ. އެއީ އަހަރެންގެ މީހުން އަހަރެންނަށް ޓްރަސްޓް ކުރާތީ. އެމީހުންނަށް އެނގޭނެ އަހަރެން އުޅޭނެތަނާ ދާނެ ތަންތަނާ.“ އެހެން ބުނުމާއިއެކު ލުއިލުއި ގޮތަކަށް އައިޝާ ހީލިއެވެ. ”އަހަރެން ޖުނޭދުއާ އެއްކޮން ރެސްޓޯރެންޓަށް ދަމުން މަންމައަށް މެސެޖެއް ކޮށްލިން. އެހެންވެގެން އަސްލު ނުގުޅީ. މިހާރު އޯކޭތަ؟“ އަހަރެން ހަމަޖެހުމުގެ ނޭވާއެއް ލީމެވެ.

ރަސްފަންނުގެ ބޭރު ތޮށިގަނޑު މަތީގައި އިށީންދެލައިގެން ހަމަހިމޭންކަންމަތީ ދެމީހުންވެސް ވަޤުތުކޮޅެއް ހޭދަކޮށްލީމެވެ. އެވަޤުތު އައިޝާ ކުއްލިޔަކަށް އަހަރެންނަށް ގޮވާލިއެވެ. ”އަހަރުމެން މިތަނަށް މި އައީ މިހެންލާފަ ހުރަސްކުރާ ލޯންޗުފަހަރު ގުނަންތަ؟“ ސާމާސާ ރާގަކަށް އައިޝާ ބުނެލިއެވެ. އެވަޤުތު ދެމީހުން އެކަކު އަނެކަކާއި ދިމާއަށް ބަލައިލުމާއިއެކު ހިނގަނޑު ފަޅައިގެން ދިޔައެވެ. އަނެއްކާވެސް ހަމަހިމޭން ވަޤުތުކޮޅެއް ދިޔުމަށްފަހު އަހަރެން ވާހަކަ ދައްކަން ފެށީމެވެ. ”އައިޝާ، އެނގޭތަ އަހަރެންގެ މަންމަ ނިޔާވިތާ އަދި މިވީ އެންމެ ތިންމަސްދުވަސް.“ އައިޝާ މަޑުމަޑުން އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. ހަމްދަރުދީގެ ނަޒަރަކުންނެވެ. ”މަންމައަށް ކިހިނެއްވީ؟ ބަލިވެ އުޅެފަތަ ނިޔާވީ؟“ އަހަރެންނަށް އިސްދަށަށް ޖަހާލެވުނެވެ. ”އާން، ވަރަށްބޮޑަށް ބަލިވެ އުޅެފަ. އެނގޭތަ، އަހަރެންގެ މަންމަ ނިޔާވީ އެއިޑްސް ޖެހިގެން.“ އަހަރެންގެ ދުލުން ބޭރުވި ޖުމުލައާއިއެކީ އައިޝާ ފުންމައިގެން ކޮޅަށް ތެދުވީއެވެ.

ނުނިމޭ –

 

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *