ގަލޮޅު ދެކުނަށް ބެސްޓު ޗޮއިސް އުހުދު ޝަރީފް

ޟަމްރަތު އަހްމަދު
އޭޕްރިލް 1, 2026

ގަލޮޅު ދެކުނު ދާއިރާ އެދި ގޮވަނީ ތަރައްގީއަށެވެ. ކުރިއެރުމަށެވެ. ލުއިފަސޭހަތަކަށެވެ. ހަމަޖެހިގެން އުޅެވޭނޭ މާހައުލަކަށެވެ. ފަސޭހަކަމާއެކު ޚިދުމަތް ލިބޭނޭ ވަސީލަތްތަކަށެވެ.

މިކަންކަން ހާސިލްކުރުމަށް އެދާއިރާއަށް ލިބިފައިވާ ރަނުގެ ފުރުސަތަކީ އެޕްރީލް 4 ގައި އޮންނަ ލޯކަލްކައުންސިލް އިންތިޚާބެވެ. އެ އިންތިޚާބުގައި ތެދުވެރި، އިޚްލާސްތެރި ޚިދުމަތްތެރިއަކު ދާއިރާއަށް ހޮވީމައި މިކަންކަން ވުމުގެ ފުރުސަތު ވަރަށްބޮޑެވެ.

އެމީހަކީ ކާކު؟

އެފަދަ ކެރޭ އިޚްލާސްތެރި ބޭފުޅަކީ ގަލޮޅު ދެކުނުދާއިރާގެ ކައުންސިލް ގޮނޑިއަށް ވާދަކުރައްވާ އުހުދު ޝަރީފް އެވެ. އުހުދަކީ މިނިވަން ކެންޑިޑޭޓެކެވެ. ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތީން މަސައްކަތް ކޮށްދެއްވާނޭ ރައްޔިތުންގެ ކެންޑިޑޭޓެކެވެ. މިނިވަން ޚިޔާލުގެ ކެންޑިޑޭޓެކެވެ. މިނިވަން ކެންޑިޑޭޓަކަށްވުމަކީ ދާއިރާއަށް ވެސް އޮތް ހިތްހަމަޖެހުމެކެވެ. ޕާޓީ ކެންޑިޑޭޓުންނަށްވާހެން ދެއަތާއި ދެފައި ބަނދެވިފައި ތިބޭކަށް ނުޖެހޭނެއެވެ. ސިޔާސީ ޕާޓީއެއްގެ ފަލްސަފާގައި ޖެހި ތާށިވެފައި ހުންނާކަށް ނުޖެހޭނެއެވެ. މިނިވަންކަމާއެކު ރައްޔިތުން ތަމްސީލުކޮށްދެވޭނެއެވެ. ރައްޔިތުންގެ ހައްގުގައި ބުނެވޭ އެއްޗަކުން ގޮނޑި ނުގެއްލޭނެއެވެ. އެއީ ކަށަވަރު ކަމެކެވެ.

އުހުދު ހޮވަންވީ ކީއްވެ؟

މިއީ ބޮޑު ސުވާލެކެވެ. މާލޭސިޓީގެ ގަލޮޅު ދެކުނުދާއިރާގެ ގޮނޑިއަށް އުހުދު ހޮވަންވީ ސަބަބުތައް ވަރަށްގިނައެވެ. އެންމެބޮޑު އެއްކަމަކީ މިނިވަންކަމާއެކު ރައްޔިތުންގެ ފިކުރާއި ޚިޔާލާ އެއްގޮތަށް މަސައްކަތް ކުރައްވާނެތީއެވެ. ކޮރަޕްޝަނާއި ފަސާދައަށް ނޫނެކޭ ވިދާޅުވާނެތީއެވެ. ސާފު ދެފުށްފެންނަ ގޮތަށް ޚިދުމަތުގައި ދެމިހުންނަވާނެތީއެވެ. ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެތީއެވެ. ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކުރައްވާނޭތީއެވެ.

ހޮވައިދީފިނަމަ؟

ގަލޮޅު ދެކުނު ދާއިރާ ކައުންސިލް މެމްބަރުކަމަށް އުހުދު އިންތިޚާބު ކޮށްދެއްވައިފި ކަމަށްވާނަމަ ދާއިރާގެ ކަންކަން ދުވަހުން  ދުވަހަށް އޭނާ ބައްލަވާނެއެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލުގެ ބައްދަލުވުންތަކުގައި ތިލަކޮށް އެކަންކަމަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެއެވެ. ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ވަކާލާތު ކޮށްދެއްވާނެއެވެ.

”އަޅުގަނޑުގެ ވިސްނުމަކީ ދުވަހުން ދުވަހަށް ދާއިރާގެ ކަންކަން ބެލުން. ދާއިރާގެ ކޮންމެ ރައްޔިތެއްގެ އަޑުއެހުން. އަޅުގަނޑު ދާއިރާ ގޮނޑިއަށް ނިކުންނަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލާ ހަމަޔަށް ފޯރުކޮށްދީ އެކަންކަމަށް ހައްލު ހޯދައިދިނުމަށް. އެންމެ ބޮޑަށް އިސްކަންދޭނޭ އެއްކަމަކީ ދާއިރާގެ ހާލަތަށް މިހާރަށްވުރެ ހެޔޮ ބަދަލެއް ގެނެސް ދިނުން. ރައްޔިތުން އަޅުގަނޑަށްކުރާ އިތުބާރު އަބަދުވެސް ނަގަހައްޓައި ދަމަހައްޓައިދޭނަން،“ އުހުދު ވިދާޅުވިއެވެ.

އުހުދު މިދާއިރާއަށް މިނިކުންނެވީ ރައްޔިތުންނަށް އިޚްލާސްތެރި ޚިދުމަތެއް ކޮށްދެއްވުމުގެ އިޚްލާޞްތެރި ނިޔަތެއްގައެވެ. ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން ކޮށްދެވޭނޭ ހުރިހާކަމެއް ކޮށްދެއްވުމުގެ ޢަޒުމުގައެވެ. އެ ޚިދުމަތްވެގެންދާނީ ހުރިހާގޮތަކުންވެސް ތެދުވެރި ވަފާތެރި ޚިދުމަތްތަކަށެވެ.

”ޚިދުމަތަށް ނިކުންނަ ގޮތަށް، އެ ޚިދުމަތުގައި ދެމިހުންނާނީ  އިރާދަކުރެއްވިއްޔާ ތެދުވެރިކަމާއެކު. އަޅުގަނޑުގެ މައްޗައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުފޯރުވޭނެ. ރައްޔިތުން ދެއްވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންނުކުރާނަން. ކޮންމެ ވަގުތަކުވެސް، ރައްޔިތުންނާ އެންމެ ގާތުގައި އިރާދަކުރެއްވިއްޔާ ހުންނާނަން. އަޅުގަނޑާ ބައްދަލު ކުރެވޭނެ. ފަސާދައަށް ޒީރޯ ޓޮލަރަންސް. އެފަދަ އެއްވެސް ކަމަކަމަށް ފުރުސަތެއް ނޯންނާނެ. ނުކޮށްދެވޭނޭ ކަންކަމަށް ވަޢުދެއް ނުވާނަން،“ މިއީ އުހުދުގެ ވަރުގަދަ އަޒުމެވެ. މިފަދަ ވަރުގަދަ އަޒުމެއްގެ ވެރިއަކު ދާއިރާއަށް ނުހޮވަންވީ ކީއްވެހެއްޔެވެ؟

އުހުދު ގެ ވަޢުދުތައް:

އޭނާ ރައްޔިތުންގާތަށް އައިސް ހުންނެވީ ހުސްއަތާއެއް ނޫނެވެ. ފުއްދޭނޭ ވައުދުތަކަކާއިގެންނެވެ. އެއީ ރައްޔިތުންގެ ކުރިއެރުމާއި ލާބަޔަށް އޭނާވާ ވައުދުތަކެކެވެ. ކުރިއެރުމަށްވާ ވައުދުތަކެކެވެ. ކައުންސިލް ފެންވަރުގައި ފުއްދޭނޭ ކަމަށް އޭނާ ގަބޫލުކުރައްވާވަރުގެ ވައުދުތަކެވެ.

ދާއިރާގެ ކޮންމެ ގެއަކަށް ވަކިވަކީން ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލު ކުރުމަކީ އުހުދުގެ ވައުދެކެވެ. އެކަން ކުރައްވާނީ ކަނޑައަޅާ ވަކި އުސޫލެއްގެ ތެރެއިންނެވެ. ތާވަލެއް ހައްދަވައިގެންނެވެ. ބޭނުމަކީ ރައްޔިތުންގެ އަޑު އެއްސެވުމެވެ. ބޭނުންތައް ދެނެގަތުނެވެ. އެކަންކަން ނުއެނގި އެންމެ ރަނގަޅުގޮތުގައި ރައްޔިތުންނަށް ޚިދުމަތެއް ނުދެވޭނޭ ކަމަށް އޭނާ ގަބޫލުކުރައްވައެވެ. ކަންކަން ދެނެގަނެވީ ރައްޔިތުންނާ ބައްދަލުކުރެއްވި ވަރަކުންނެވެ.

”ފުރަތަމަ އަޅުގަނޑު ހޮއްވަވައިދެއްވާ. އެއަށްފަހު އަޅުގަނޑުގެ ޒިންމާ އަދާކުރާގޮތް ބައްލަވާ. މިއީ ބޮޑު ޒިންމާއެއް. މިއީ އެތައްބައެއްގެ ހައްގުތައް ބޮލުއަޅައިގެން މަސައްކަތް ކުރަންޖެހޭ ކަމެއް. އެކަން އެންމެ ފުރިހަމަ ގޮތުގައި އިރާދަކުރެއްވިއްޔާ ކޮށްދޭނަން،“ އޭނާ ވިދާޅުވިއެވެ. ގޮނޑިއަށް ހޮވުމަށްފަހު ދާއިރާގެ އެއްވެސް ރައްޔިތަކު އިސްތިސްނާނުކޮށް ރައްޔިތުންނާ ބައްދަލުކުރެވޭނެ ޕްލެޓްފޯމެއް ތަޢާރަފުކޮށްދެއްވުމަކީ ވެސް އޭނާ ކުރައްވާނޭ ކެމެކެވެ.

ކޮމިޔުނިޓީ ޕްލެޓްފޯމް

އުހުދު ވަނީ ދާއިރާގެ ކަންކަން ގާތުން އަދި ފަސޭހައިން ދެނެގަތުމަށް، ދާއިރާގެ ޕްލެޓްފޯމެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށްޓަވައިފައެވެ. އެގޮތުން ދާއިރާގެ ރައްޔިތުންނަށް އެހީތެރިވާނެ ފީޗާސްތަކާއެކު ޕްލެޓްފޯމް ޑިވެލޮޕްކުރަމުން ގެންދާކަމުގެ އުފާވެރި ހަބަރުވަނީ ދެއްވައިފައެވެ. އޭގެ ތެރޭގައި، ދާއިރާގެ ޚަބަރުތައް، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެކި އެކި ޑޮނޭޝަން ހޯދޭނެ ގޮތްތައް، ކޮމިއުނިޓީ މެސެޖިންގް ސާވިސް، ރައްޔިތުންގެ ޚިޔާލު ހޯދޭނެ ފަދަ ގޮތަށް އެ ސިސްޓަމް އިމްޕްލިމެންޓް ކުރެއްވުމަށް ވަނީ ރާވައިފައި ކަމަށް ވިދާޅުވިއެވެ. މިއާއި އެކު ސިޓީކައުންސިލުން ދޭ ޚިދުމަތްތައް ޑިޖިޓަލައިސްކުރުމަށް އުހުދު މަސައްކަތް ކޮށްދެއްވާނެއެވެ.

ޒުވާނުން

ޒުވާނުންނަކީ މާދަމާގެ މަސްއޫލުވެރީންނެވެ. އެހެން ކަމުން ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯއްދަވަވައިދެއްވައި އެމީހުން ބާރުވެރި ކުރިވަރަކަށް ގައުމުގެ ދުވެލިދާނީ ބާރުވަމުންނެވެ. އެހެން ކަމުން ޒުވާނުންނަށް ޚާއްސަ ސަމާލުކަމެއް ދެއްވާނޭ ކަމަށް އުހުދު ވިދާޅުވިއެވެ. އެގޮތުން ދާއިރާގެ ޒުވާނުންނަށް ބޭނުންވާ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފުރުސަތު އިތުރުކޮށް ފަހިކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނޭކަމުގެ އުފާވެރި ޚަބަރު އޭނާ ރައްޔިތުންނަށް ދެއްވައެވެ. މިކަންކަން ހާސިލް ކުރެއްވުމަށް މަސައްކަތްކުރައްވާނީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް އުފާވެރިކަމާއެކު އުޅެވޭނޭ މާހައުލެއް ކަށަވަރުކޮށްދިނުމަކީ އުހުދު އިސްކަންދެއްވާ އެއްކަމެވެ.

ޒުވާނުން ބޭނުންވާ ކަންކަން އިތުރުކޮށް ކުރިއަށްގެންދާނީ އެމީހުންނާ ވާހަކަ ދައްކައިގެން އެމީހުންގެ އިހުސާސްތަކާ އެއްގޮތަށެވެ. މިފަދަ ކަންކަމަކީ ޒުވާނުން ބޭނުންވާގޮތަށް ބަދަލުވެގެންދޭނޭ ކަންކަމެވެ. ތަރައްގީގައި އެއްވެސް މީހަކު ބާކީއެއް ނުކުރައްވާނެއެވެ. ޒުވާނުންގެ ކަންކަން އަބަދުވެސްދާނީ ރަނގަޅުވަމުން ކަމަށް އެނާ ވިދާޅުވިއެވެ.

މަގުތައް އަމާންކުރުން

އުހުދު ވިދާޅުވީ ދާއިރާގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަންތަނަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނޭ ކަމަށެވެ. އެކަން ކުރައްވާނީ ރައްޔިތުންގެ ޚިޔާލާއެކު ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ. މަގުތައް މަރާމާތު ކުރުންފަދަ ކަންކަން ކުރައްވާއިރު ދުއްވާ މީހުންނާއި ހިނގާބިނގާވެ އުޅޭ މީހުންނަށް، ނުކުޅަދުންތެރިކަން ހުންނަފަރާތްތަކަށް ދަތިނުވާނޭ ގޮތަށް ކަންކަން އިންތިޒާމް ކުރުމަކީ އޭނާގެ މުހިންމު މަސައްކަތްތަކެއް ކަމަށް ވިދާޅުވިއެވެ.

ކުރުކޮށް ބުނާކަމަށްވާނަމަ ލާމަރުކަޒީ ގާނޫނުން ކައުންސިލަރުންގެ މައްޗަށް ލާޒިމްކޮށްފައިވާ ހުރިހާކަމެއް ތުނޑުންތުނޑަށް ކުރުމަކީ އަމާނާތެއް ކަމަށް ދެކިލައްވައި އެކަންކުރަން މަސައްކަތްކުރާނެކަމަށް އުހުދު ވިދާޅުވިއެވެ.

އުހުދުގެ ކެންޑިޑޭޓު ނަންބަރަކީ ލަކީ ސެވަން (7) އެވެ. ވޯޓު ކަރުދާސް އަތަށް ލިބޭއިރަށް އުހުދުގެ ނަން އޮންނަ ދިމާ ގޮޅީގައި ހެޔޮ ފާހަގަ ޖަހައި އަވަހަށް އޭނާއަށް ފުރުސަތު ދެއްވާށެވެ. މިފުރުސަތަކީ ބޭކާރު ފުރުސަތަކަށް ވިޔަނުދޭނޭ ކަމުގެ ޔަގީންކަން ދާއިރާގެ ހުރިހާ ރައްޔިތުންނަށް އުހުދު ދެއްވައެވެ. އެޕްރީލް 4 ގައި ނުކުމެ އުހުދަށްވޯޓުދީ ފޮށިފުރާލާށެވެ. އެއަށްފަހު އުހުދުގެ ޚިދުމަތް ލިބިގަތުމަށް ދާއިރާގެ ރައްޔިތުން ތައްޔާރުވާށެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *