"ޕްރޮޖެކްޓް ބުލޫ ބީމް"

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
އޭޕްރިލް 19, 2026

މިއަދުގެ ޖެންޒީންނާއި، ވަރަށް ގިނަ އަފުރާދުން ވަނީ، ކަލަކު ވޮޑިގެންވާ ކަމާމެދު ޝައްކާއި ވަހުމުގެ ޝިކާރައަކަށް ވެފައެވެ. އެއީ ސަބަބުތަކެއް ނެތި ހިނގާ ކަމެއް ނޫނެވެ. އެއީ، ސަޙުޔޫނީންގެ ޢާލަމީ ބޮޑު މަޝްރޫޢެކެވެ. ނިކަން ރަނގަޅަށް އެ މަޝްރޫޢާ މެދު ވިސްނައި، ފިކުރުކުރަމާ ހިނގާށެވެ.

”ޕްރޮޖެކްޓް ބްލޫ ބީމް“ އިން، އިންސާނިއްޔަތު ބޮޑު އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށް ވައްޓައިލަނީ ހެއްޔެވެ؟ މިއަދުގެ ދުނިޔޭގައި، ފަންނިއްޔާތު އޮތީ އޭގެ އެންމެ އުސް ކުންނުގައެވެ. ވަރަށް ނުރައްކާތެރި އަދި ކުރިން މީހުންނަށް އެނގިފައިނުވާ ސިއްރެއް ވަނީ ބޭޒާރުވެފައެވެ. ވަރަށް ގިނަ މުފައްކިރުންނާއި، ދީނީ އަދި މަޒުހަބީ ދައުރާތަކުގައި ވަނީ ވަރަށް ބޮޑު ހަލަބޮލިކަމެއް އުފެދިފައެވެ. ”ޕްރޮޖެކްޓް ބްލޫ ބީމް“ ގެ ވާހަކަ ދުވަހަކުވެސް އަޑުއެހިންތޯއެވެ؟

މިއީ އާދައިގެ ސައިންޓިފިކް މަޝްރޫއެއް ނޫނެވެ. އެކަމަކު، އެ ދަޢުވާގައި ބުނަނީ ކުރިއަށް އޮތް ތަނުގައި، ތިބާގެ ލޮލަށް ފެންނަ އެއްޗަކީ ތެދު އެއްޗަކަށް ނުވާނެ ކަމުގައެވެ. އަދި ތިބާގެ ކަންފަތަށް އިވޭނީ، އެހެން މީހަކު ތިބާގެ ސިކުނޑިއަށް އަޅައިދޭ އެއްޗެއް ކަމުގައެވެ.

ސާޖް މޮނެސްޓްގެ އެ ބިރުވެރި ދަޢުވާގެ ވާހަކަ އަޑު އެހިން ހެއްޔެވެ؟ ކެނެޑާގެ މަޝްހޫރު ނޫސްވެރިޔާ ސާޖް މޮނެސްޓް، މީގެ އަހަރުތަކެއް ކުރިން ދުނިޔޭގެ ކުރިމަތީގައި ނިއުޅުވާލި ފައިލެއް ސަބަބުން މީސްތަކުންގެ ސިކުނޑި ސުމަކަށް ދިޔައެވެ. އޭނާ ދަޢުވާކުރި ގޮތުގައި ނާސާއާއި، އެކުވެރި ދައުލަތްތަކުގެ މުނައްޒަމާ ގުޅިގެން ވަރަށް ސިއްރު މިޝަންއެއްގެ މަސައްކަތް ކުރިއަށް އެބަގެންދެއެވެ. މޮނެސްޓް ދުނިޔެއަށް އިންޒާރު ދިން ނަމަވެސް، އެ ދަޢުވާއަށް ފަހު މާގިނަދުވަހެއް ނުވެ، ގޮތްނޭނގޭ، އާދަޔާޚިލާފު ޙާލަތްތަކެއްގެ ޝިކާރައަކަށްވެ، އޭނާ ދުނިޔެ ދޫކޮށް ދިޔައީއެވެ. އަދި، އެކަމުގެ ސަބަބުން އޭނާގެ ނަޒަރިއްޔާ، އިތުރަށް ވަރުގަދަވެގެން ދިޔައެވެ.

އެ މަޝްރޫއުގެ ނުރައްކާތެރި ހަތަރު މަރުޙަލާއެއް ވެއެވެ.

ތުހުމަތު ކުރެވޭ، އެ މަޝްރޫޢުގެ ދަށުން އިންސާނިއްޔަތު އަޅުވެތި ކުރުމަށްޓަކާ، މުހިންމު ހަތަރު ފިޔަވަޅެއް އަޅާނެއެވެ.

ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި، ތާރީޚާއި، ދީން ހަލާކު ކޮށްލެވޭނެއެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި، ޤަދީމީ އާސާރީ ތަކެތިން ދޮގު ހެކިތައް ހޯދާނެއެވެ. އޭގެ މަޤުޞަދަކީ ދީންތަކުގެ ބިންގާ ގުޑުވައިލައި، ޢަޤީދާއާ މެދު މީސްތަކުންގެ ހިތްތަކުގައި ޝައްކު އުފެއްދުމެވެ. މިކަން ވިސްނައި ގަންނާކަށް އުނދަގުލެއް ނުވާނެއެވެ. އެމީހުން، އިންސާނުންނާއި، ޖަނަވާރުންގެ ދުވަސްވީ ކަށިތައް ދިރާސާކޮށް އިންސާނާގެ ވުޖޫދަކީ ތަތައްވުރުގެ ނަޒަރިއްޔާ ނުވަތަ ތިއަރީ އޮފް އިވޮލިއުޝަންގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ކަމަށް ވިސްނުވައި ދެއެވެ.

ޖައްވީ ކުޅިވަރަކީ ދެވަނަ ފިޔަވަޅެވެ. ލޭޒަރ ޓެކްނޮލޮޖީއާއި، ތްރީ ޑައިމެންޝަނަލް ހޮލޮގްރާމް ބޭނުން ކޮށްގެން ޖައްވުގައި އާދަޔާ ޚިލާފު ޝޯއެއް ދައްކާނެއެވެ. އެ ޝޯއިން ދައްކުވައިދޭނީ އުޑުން އިލާހީ ޝަޚުޞެއް ފައިބައިވަޑައި ގަންނަވާ މަންޒަރެވެ. ކޮންމެ ސަރަޙައްދެއްގެ ބަޔަކަށްވެސް، އެބައެއްގެ ޢަޤީދާއާ އެއްގޮތަށް ’މަސީޙު‘ ފެންނާނެއެވެ. މިތަނުގައި އާންމު އާދައިގެ މީހުންނަށް އޮޅުވައިލެވޭނެއެވެ. އެމީހުންގެ ހިތުގައި ސުވާލު އުފެދޭނެއެވެ. ”އެއީ ކަލާނގެ ހެއްޔެވެ؟“

ސިކުނޑީގެ ބާނިތައް ނުވަތަ ”ބްރެއިން ވޭވް“ ހިފެހެއްޓުމަކީ ތިންވަނަ ފިޔަވަޅެވެ. އެކިއެކި އަޑުތައް ސީދާ އިންސާނާގެ ސިކުނޑިއަށް ފޯރުކޮށްދޭނީ އެލްފް ބާނިތައް މެދުވެރިކޮށެވެ. އެ އަޑުތައް ކޮންމެ މީހަކަށްވެސް އިވޭނީ އެމީހެއްގެ އަމިއްލަ ބަހުރުވައިންނެވެ. ’މާތްކަލާނގެ‘ ޚުދު ތިބާއަށް ބަސް ވަޙީކުރައްވާ ފަދަ ގޮތަކަށެވެ. އޭގެ ސަބަބުން، ތިބާގެ ނަފުސާނީ ތަވާޒުނާއި، ތެދު ޙަޤީޤަތް ފަހުމުކޮށް ދެނެގަތުން ގެއްލިގެން ހިނގައިދާނެއެވެ.

މިތަނުގައިވެސް ފަންނިއްޔާތުގެ ބާރުގައި، އާންމު އާދައިގެ އިންސާނުންނަށް ”އެއީ ކަލާނގެ ނުވަތަ ކަލާނގެ ކިބަފުޅުން“ ހިނގާ ކަމެއް ކަމަށް ޤަބޫލުކޮށް ދެވޭނެއެވެ.

ހަތަރުވަނަ ފިޔަވަޅަކީ މަސްނޫއީ ޤިޔާމަތާއި، އެދުވަހުގެ ބިރުވެރިކަމެވެ. ޔޫ.އެފް.އޯގެ ވަޙުމީ ބިރުވެރިކަމާއި، ޖައްވުން ބަޔަކު އައިސް ދުނިޔެއަށް ޙަމަލާދީ، ދުނިޔެ ހިފަން އުޅޭކަމަށް ދައްކުވައި ދޭނެއެވެ. މުޅި ދުނިޔެ، މަރަށް ބިރުން ތުރުތުރު އަޅަމުންދާ ހިނދު، ދެން އެހިސާބުން ފާޅުވާނީ ސުލްޙައަށް ވަޢުދުވާ، ”އައު ޢާލަމީ ނިޒާމު“ ތަންފީޒުކުރާނެ ”ޢާލަމީ މަސީޙާ“ އެކެވެ.

މިއީ ޙަޤީޤަތެއް ހެއްޔެވެ؟ ނުވަތަ ފަސާނާއެއް ހެއްޔެވެ؟

މިއަދު އަޅުގަނޑުމެންގެ ވަށައިގެން ހޯދައި ބަލާއިރު، ޑިޖިޓަލް އައި.ޑީ.ކާޑާއި، މައިކްރޯ ޗިޕާއި، ތާއަބަދު ފާރަލައި ބެލުމާއި، ނުވަތަ އޯލް ޓައިމް ސަރވޭލަންސް އަދި ސިނާރު ނުވަތަ އާޓިފިޝަލް އިންޓެލިޖެންސްގެ ބޮޑު ނެޓްވޯކެއް އުފެދެމުން އަންނަތަން ފެނެއެވެ. މި ހުރިހާ ތައްޔާރީތަކަކީ، އެ ނުރައްކާތެރި ރޭވުމަށްޓަކާ ކުރެވޭ ކަންކަން ހެއްޔެވެ؟ އަހުރެމެންގެ ވިސްނުމާއި، އީމާންތެރިކަމުގެ މައްޗަށް އެއްވެސް ކޮންޓްރޯލެއް ނެތް ޒަމާނަކަށް އަހުރެމެން ލަވަމުން ގެންދަނީ ހެއްޔެވެ؟ މިކަމާ މެދު ތިބާ ވިސްނަނީ ކިހިނެއް ހެއްޔެވެ؟ ޙަޤީޤަތުގައި ފަންނިއްޔާތުން އިންސާނާގެ އީމާންތެރިކަން އިމްތިޙާނު ކުރަން އުޅެނީ ހެއްޔެވެ؟

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *