ފާރިސްކަރައަކީ މިހާތަނަށް އެއްވެސް ބަޔަކަށް އަޅުވެތި ކުރެވުނު ގައުމެއްނޫން!

މުޙައްމަދު ނަސީރު ޢަލީ
އޭޕްރިލް 9, 2026

ތާރީޚް ހެކިދޭ ގޮތުގައި، އީރާނު ނުވަތަ ފާރިސްކަރައަކީ، މިހައިތަނަށް އެއްވެސް ބަޔަކަށް އަޅުވެތިކުރެވުނުތަނެއް ނޫނެވެ. އޭގެ ބަދަލުގައި، އެޤައުމު އަޅުވެތިކުރަން އުޅުނު ކޮންމެ ބަޔަކު ވަނީ ބަލިވެފަ އެވެ. އެކަމަށް މަސައްކަތްކުރަން އުޅުނު ޝަހެންޝާހީ ބާރުތައް ވަނީ ކުދިކުދިވެގެން ވެއްޓިފައެވެ.

ތާރީޚުން ފެންނަން އޮތް ގޮތުގައި ފާރިސްކަރައާ އެންމެ ފުރަތަމަ ދިމާކުރީ އެލެގްޒެންޑަރ ދަ ގްރޭޓް 334 ބީސީ ގައެވެ. ޓެކްނިކަލްގޮތުން އޭނާ ފާރިސްކަރައިގެމައްޗަށް ގަދަވެގަތެވެ. ނަމަވެސް 4 އަހަރުފަހުން، އޭނާ މަރުވެ، މެސެޑޯނިއަން އެމްޕަޔަރ ވެއްޓި، އެ ގަދަފަދަ ވެރިކަން ނެތި ދިޔައީ އެވެ. ޖެހިގެން އައި 500 އަހަރު މެދުއިރުމަތީގައި ވެރިކަންކުރީ ފާރިސީންނެވެ.

ދެވަނައަށް ފާރިސީންނާއި ދިމާކުރީ ރޯމަނުންނެވެ. 300 އަހަރުވަންދެން ރޯމަނުން ފާރިސީންނާ ހަނގުރާމަކުރުމަށްފަހު ފާރިސްކަރަޔަށް ވަންނަން އުޅުނީ 44 ބީސީ ގައި ޖޫލިއަސް ސީޒަރެވެ. އެކަން ނުކުރެވެނީސް އޭނާ ޤަތުލުކުރެވުނީ އެވެ. އެއަށްފަހު ހިނގި ކާރހައިގެ ހަނގުރާމައިގައި 53 ބީސީއީ ގައި ރޯމަނުންގެ ވެރިކަން ނިމުނީ އެވެ.

އެމްޕެރަރ ޓްރާޖަން (116 އޭޑީ އިން 117 އޭޑީއަށް) ފާރިސީންނާ ހަނގުރާމަކުރިއެވެ. އަދި ޓެކްނިކަލްގޮތުން ކާމިޔާބުވެސް ކުރިއެވެ. އެކަމަކު ރައްޔިތުންގެ އުތުރިއެރުމުގެ ސަބަބުން އޭނާގެ ވެރިކަން އެތާނގައި ދެމެހެއްޓޭނެ ގޮތެއް ނުވިއެވެ. އެމްޕެރަރ ޖޫލިއަން ވެސް ފާރިސްކަރައާ ދިމާކުރި އެވެ. އެއީ 363 ބީސީއީ ގައެވެ. އެކަމަކު އޭނާ ހަނގުރާމައިގެ މައިދާނުގައި މަރުވެ، އޭނާގެ ލަޝްކަރު ފާރިސީންނަށް އަމާންދިނީއެވެ. ރޯމަނުން ބަލިވެ ސަސާނިދުންގެ ފާރިސީ ވެރިކަން ދެމިއޮތެވެ.

ޢަރަބި ޚަލީފާއިން ފާރިސްކަރައާ ހަނގުރާމަ ކުރީ މީލާދީން 633 ން 651 އާ ދެމެދުގައެވެ. ފާރިސީންގެ ރާޖާ ޔަރްދުކަރްދު 3 މަރުވެ، ޒޮރޯސްޓްރިއަނިޒަމަށް ނިމުންއައި ނަމަވެސް އެއީ އަޅުވެތިކުރުމުގެ ހަނގުރާމައެއް ނޫނެވެ. އެއީ ދީން ފެތުރުމުގެ ހަނގުރާމައެކެވެ. ފާރިސީން އިސްލާމްދީން ގަބޫލުކުރުމަށްފަހު އެ މީހުންގެ ޙަޟާރަތުގައި، އެމީހުންގެ ގޮތުގައި ދެމިތިބީ އެވެ.

ހަތަރުވަނައަށް އީރާނާ ދިމާކުރީ މޮންގޯލިއަނުންނެވެ. 13 ވަނަ ގަރުނުގައި މޮންގޯލިއަނުން އީރާނާ ދިމާކުރުމުން ވީ މުޅިން އެހެން ގޮތެކެވެ. އެ މީހުން އިސްލާމްދީން ގަބޫލުކޮށް، ފާރިސީ ސަގާފަތަށް އެނބުރުނީ އެވެ. ފާރިސީންގެ ޙަޟާރަތު އުވިގެނެއް ނުދިޔައެވެ.

ދެން އީރާނާ ދިމާކުރީ ސޮވިއެޓް ޔުނިއަން އެވެ. ފުރަތަމަ ބޮޑުހަނގުރާމައާއި ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައެވެ. ނަމަވެސް އެ ދެފަހަރުމެ ސޮވިއެޓުން އީރާނުން އެނބުރި ދާން މަޖްބޫރުވީ އެވެ. 1946 ގައި ސްޓާލިން އޭނާގެ ފައުޖުތައް އުތުރު އީރާނުން ނުބައިލަން އުޅުނު ނަމަވެސް ނިއުކްލިއަރ ހަތިޔާރުވެސް ހުރެމެ އޭނާއަކަށް އެކަމެއް ކާމިޔާބެއް ނުވިއެވެ.

އީރާނަކީ، ހަމައެކަނި ޤައުމެއް ނޫނެވެ. އެއީ ޙަޟާރަތީ ބާރެކެވެ. ސިވިލައިޒޭޝަނަލް ފޯސް އެކެވެ. އެތާނގައި މެދުނުކެނޑި އާބާދީއެއް ދިރިއުޅޭތާ 3000 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެ ތަން ޙިޞާރުކޮށް، އަޅުވެތިކުރަން އުޅުނު ކޮންމެ ބަޔަކު ބަލިވެގެން ދަނީ އެވެ. ނުވަތަ އެމީހުންގެ މައްޗަށް އީރާނުގެ ޙަޟާރަތީ ބާރުގަދަވެ އެ މީހުން އީރާނުގެ ޙަޟާރަތަށް އެނބުރެނީއެވެ.

2026 އެޕްރީލް 7 ވަނަދުވަހުގެރޭ ދިވެހިރާއްޖޭގެ ގަޑިން ފަތިހު 5 ޖަހާއިރު، އީރާނަށް ނިއުކްލިއަރ ޙަމަލާއެއް ދޭނެކަމުގެ ނުސީދާ އިންޒާރެއް އެނބުރިކާގެ ރެކިފުތު ދިނެވެ. އިންސާނީ ކާރިސާއެއްގެ ތަޞައްވުރާއެކު މުޅި ދުނިޔެއަށް ސިހުން ލިބި، ނަޞާރާ ފައްޅީގެ ޕޯޕް ލިއޯ، ވައިޓްހައުސްގެ ދީނީ މުޝީރު މެދުވެރިކޮށް، ރެކިފުތަށް ނަސޭހަތްދީ އެކަން ހުއްޓުވުމަށް އެންގި ނަމަވެސް، އީރާނުގެ ކުދިބޮޑު އެންމެން ޤައުމީ ޖޯޝާއި ފޯރީގައި ނިކުތީ މަގުތަކަށެވެ. ތަކްބީރުގެ އަޑުގަދަކޮށް ޝަހީދުވާން ތައްޔާރަށް ތިބިކަމަށް ހަރުއަޑުން ގޮވަމުންދިޔަތަން ފެނި މުޅި ދުނިޔެ ޙައިރާންވި އެވެ. އެންމެފަހުން، ރެކިފުތު ޖެހުނީ ސައިޒުވެ ހަނގުރާމަ ހުއްޓާށެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *