ގެއެއްގެ ދިހަވަނަ ފަންގިފިލާއިން ވެއްޓުނު މީހަކު ޖެހިގެންހުރި ގޭގެ ފުރާޅުގައި ޖެހި އަނިޔާ ވެއްޖެއެވެ. ވެއްޓިފައިވަނީ ބަނގަލްދޭޝްގެ ފިރިހެނެކެވެ. އޭނާގެ އުމުރަކީ ތިރީސް އަހަރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
އޭނާ ވެއްޓިފައިވަނީ މާފަންނު، ސަބުދެލިމަގުގައި ހުރި ގެއަކުންނެވެ. މި ހާދިސާ ހިނގާފައިވ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު އިރުއޮއްސި 18:20 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާގައި ވެއްޓުނު މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް މިހާރު ދަނީ ފަރުވާ ދެމުންނެވެ. މި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.






