މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަން ކޮށްފައިވާ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިއަހަރުގެ މާރިޗު ސޯޅަވަނަ ދުވަހު ހަވީރު 17:49 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެ އެޕާޓުމެންޓުން ޖުމުލަ 4،000،000 (ހަތަރު މިލިއަން) ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެ ފައިސާގެ ތެރެއިން ހޯދިފައިވަނީ 50،000 (ފަންސާސް ހާސް) ދިވެހި ރުފިޔާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މި މައްސަލާގައި ފަސް މީހަކަށް ތުހުމަތު ކުރެވެއެވެ. އޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށް، މިވަގުތު ތިބީ ފުލުހުންގެ ބަންދުގައެވެ. އަނެއްމީހާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު، ކަސްތޫރިމާގެ މުޙައްމަދު ނޫރު އަޙްމަދާއި، ސ. މީދޫ، ލައިޓްވިލާ، މުޙައްމަދު އަފްރާޙާއި، ރ. މަޑުއްވަރީ، ދާރުލް އައްވަލް، އިސްމާޢީލް ޢާޞިފާއި، މާލެ، މ. އޭސިއާ، އަޙްމަދު ފާރިސް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވައިފައެވެ. ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.






