ފުލުހުންގެ ވަޒީފާގައި އުޅުއްވަނިކޮށް ވަކިކޮށްފައިވާ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙުމަދު ޝިޔާމަށް އަލުން ފުލުހުންގެ ވަޒީފާދޭން ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ފުލުހުންގެ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ 2014 ވަނަ އަހަރު މެއިމަހުގައެވެ. އޭރު އޭނާ ހުންނެވީ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރަކަށެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ މަގާމުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން އަމިއްލަ ފައިދާއަށް ކަންތައްތަކެއް ހިންގި ކަމުގެ ތުހުމަތުގައެވެ. އެހެންނަމަވެސް އޭރުން ފެށިގެން އަދާ ހަމައަށް ޝިޔާމް އެކަންކަން ދޮގުކުރައްވައެވެ.

ވަޒީފާއިން ވަކިކުރުމުން ޝިޔާމް އޭނާގެ ހައްގު ހޯދަން ސިވިލްކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ ކޯޓުން އޭނާއަށް ކާމިޔާބުނުވުމުން ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ. އޭނާ ހައިކޯޓަށް މައްސަލަ ހުށަހެޅި 2021 ވަނަ އަހަރުއެވެ. އެ މައްސަލަ އެކޯޓުން ނިންމީ މިއަދުއެވެ.
ހައިކޯޓުން މިއަދު ހުކުމްކުރީ ޝިޔާމަށް އަލުން ވަޒީފާ ދިނުމަށެވެ. އަދި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ އިޔާދަ ކުރުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދޭންވެސް ކޯޓުން ކުރި ހުކުމުގައިވެއެވެ.

ޝިޔާމް ފުލުހުންގެ ވަޒީފާގައި އުޅުއްވިއިރު ޕޮލިސް މީޑީއާގެ އިސް ބޭފުޅެއް ނުވަތަ ފުލުހުންގެ ތަރުޖަމާނެއްގެ ގޮތުގައި ވަނީ މަސައްކަތް ކުރައްވައިފައެވެ. އެ ދުވަސްވަރު ނޫސްވެރިންނާ ބޭއްވި ގާތްގުޅުމުގެ ސަބަބުން ނޫސްވެރިންގެ މެދުގައި އޭނާ މަގުބޫލުވެގެން ދިޔައެވެ.






