ރޭގެ މަގުމަތީ ހަރަކާތުގައި މީހަކަށް އަނިޔާކޮށްފައި ނުވާނެ: ފުލުހުން

މުހައްމަދު އަލީ
އޭޕްރިލް 22, 2026

ރޭ މާލޭގައި އެމްޑީޕީން ބޭއްވި މަގުމަތީ ހަރަކާތުގައި މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނީ ފުލުހުން އަނިޔާކޮށްގެން ނޫންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެމީހާއަށް އަނިޔާވީ ފުލުހުންގެ ސަބަބުން ކަމަށް ދެކެވޭ ވާހަކަތައް ސަމާލުކަމަށް އައިސް ފައިވާ ކަމަށެވެ. ”ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވެފައިވަނީ، އެއްވުމާ ގުޅިގެން ފުލުހުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުގެ ސަމާލުކަމަށް ވަނީ އައިސްފައެވެ،“

ފުލުހުން ވިދާޅުވީ ”އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އެއްވެސް ހަރަކާތަކާ، އެ މީހާއަށް އަނިޔާ ލިބުމާ ނުވަތަ ހާލު ދެރަވުމާ ގުޅުމެއް ނެތެވެ. ފެތުރެމުންދާ ވާހަކަތަކާ ހިލާފަށް، ރޭގެ އެއްވުން ކޮންޓްރޯލް ކުރުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައެއް ނުވެއެވެ. އަދި އެއީ އެއްވުމާ ގުޅިގެން ފުލުހުން އެޅި އެއްވެސް ފިޔަވަޅެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫންކަމުގެ ޔަގީންކަން އަރުވަމެވެ.“

ފުލުހުން ވިދާޅުވީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށެވެ. އެހެންކަމުން، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު މެނުވީ މައުލޫމާތު ނުފެތުރުމަށް އިދާރާތަކަށާއި މީޑިއާތަކަށާއި އާންމުންނަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާ ފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *