އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލައްވާފައިވާ މީކާއީލް އަޙުމަދު ނަސީމަކީ ޕާޓީގެ މިހާރުގެ ހާލަތު ބަދަލުކޮށް ހަރުދަނާ ކުރުމަށް ބޭނުންވާ ފެންވަރާއި ތަޖުރިބާ ހުރި ބޭފުޅެއް ކަމަށް، ނިމިދިޔަ ކައުންސިލް އިންތިޚާބުގައި، އައްޑޫސިޓީ ފޭދޫ މާދެލަ ދާއިރާގެ ކައުންސިލް މެންބަރު ކަމަށް އަމިއްލަގޮތުން ވާދަކުރެއްވި އާމިނަތު މުޒުނީނާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް އަޙްމަދު ނަސީމާއެކު ނަންގަވާފައިވާ ފޮޓޯއަކާއެކު ފޭސްބުކުގައި މުޒުނީނާ ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”ޕާޓީގެ ހައްޤުގައި އަޑުއުފުލުމާއި ސާބިތުކަމާއެކު މަސައްކަތް ކުރުމުގެ ހުނަރުވެރިކަން ލިބިވަޑައިގެންފައިވާ އެމްޕީ މީކާއީލް ނަސީމަކީ، ޕާޓީގެ މިހާރުގެ ޙާލަތު ބަދަލުކޮށް ހަރުދަނާ ކުރުމަށް ބޭނުންވާ ފެންވަރާއި ތަޖުރިބާ ހުރި ބޭފުޅެއް،“ ކަމަށެވެ.
މީކާއީލް ގެންދަވަނީ މެދުނުކެނޑި އެމްޑީޕިގެ ކުރިއެރުމަށް އެތައް މަސައްކަތެއް ކޮށްދެއްވަމުން ކަމަށްވެސް މުޒުނީނާ ވިދާޅުވެފައިވެއެވެ. މި ސަބަބުތަކަށްޓަކައި އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ނުވަތަ ކެންޑިޑޭޓަކީ މީކާއީލް ކަމާމެދު އެއްވެސް ޝައްކެތް ނެތް ކަމަށް މުޒުނީނާ ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމު ހުސްވީ ކުރިން އެމަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވުމުންނެވެ. މިހާރު އެމްޑީޕީގައި ހުންނެވީ ވަގުތީ ޗެއަރޕާސަނެކެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފައެވެ. އެ މަޤާމަށް ކުރިމަތިލައްވާނޭކަން މިހާތަނަށް އިޢުލާން ކުރައްވާފައިވަނީ މީކާއީލްގެ އިތުރުން ކުރީގެ ރައީސް އަދި ކުރީގެ ޗެއަރޕާސަން މުޙައްމަދު ނަޝީދު (އަންނި) އެވެ.






