ބޮޑު ބަދަލުގެ އަޑުއިއްވަން، ރައީސް ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް މާދަމާ އައްޑުއަށް ވަޑައިގަންނަވާނޭ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
މި ދެބޭފުޅުން އައްޑުއަށް ވަޑައިގަންނަވާނީ މާދަމާ މެންދުރުފަހު 1:00 ގައި ކަމަށްވެސް މަޢުލޫމާތު ވަނީ ލިބިފައެވެ. މި ދެބޭފުޅުންނަށް މަރުޙާބާ ވިދާޅުވުމަށް ވީހާވެސް ގިނަބަޔަކު ގަންއިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންނެވުމުގެ ދަޢުވަތު ވަނީ އަރުވައިފައެވެ.
މި ދެބޭފުޅުން ވަނީ ”ބޮޑުބަދަލު“ ނަމުގައި ވަރުގަދަ ކެންޕޭނެއް ފަށައިފައެވެ. އެއީ ރާއްޖޭގެ ވެރިކަންހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވެ ފަށްޓަވައިފައިވާ ކެންޕޭނެކެވެ.
މިވަގު އެބޭފުޅުން ގެންގުޅުއްވަނީ ވެރިކަމުގެ ނިޒާމް ބައްޓަން ކުރައްވަން ބޭނުންފުޅުވާ ގޮތުގެ ޑްރާފްޓް ކޮންސެޕްޓެކެވެ. އެ ފައިނަލް ކުރައްވާނީ ރައްޔިތުންގެ ގާތަށް ވަޑައިގެން ޚިޔާލު ހޯއްދެވުމަށްފަހު ކަމަށް މި ދެބޭފުޅުން ވަނީ ވިދާޅުވެފައެވެ. މިކޮންސެޕްޓުގައި އެތައްކަމެއް ހިމަނާފައިވެއެވެ. އޭގެ ތެރެއިން މައިގަނޑު ގޮތެއްގައި ފާހަގަކުރެވިފައިވަނީ ރައްޔިތުންގެ ބާރުގަދަކޮށް ވެރިންގެ ބާރު މިހާރަށްވުރެ ލިމިޓް ކުރެވޭގޮތަށް އޮތް އޮތުމެވެ.
މިދަތުރުފުޅުގައި މިދެބޭފުޅުން މިއާ ބެހޭއިތުރު ތަފްސީލް ރައްޔިތުންނާ ޙިއްސާ ކުރައްވައި ރައްޔިތުންގެ ޚިޔާލު ހޯއްދަވާނެއެވެ. މި ދެބޭފުޅުންވަނީ ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ޚިޔާލު ހޯއްދަވައިފައެވެ.






