އެމްޑީޕީން ރާވައިގެން މާލޭގައި މިހާރު ހިންގަމުންދާ މަގުމަތީ ހަރަކާތުގެ ތެރެއިން ރޭގެ ހަރަކާތުގައި މާލޭގެ މޭޔަރު އާދަމް ޢާޒިމް ހުންނަވަނިކޮށް މީހަކު އޭނާއަށް ހަމަލާދީފިއެވެ. އެމީހާވަނީ ޢާޒިމްގެ މޭގައި އަތްއަޅައި ކޮއްޕާލައިފައެވެ. އިތުރު ޙަމަލާއެއް ދިނުމުގެ ފުރުސަތު އެވަގުތު ޢާޒިމްގެ އަރިހުގައި ތިބި މީހުން އޭނާއަށް ނުދިނެވެ. ވަގުތުން އެމީހުންވަނީ އެމީހާ އިތުރަށް ގާތްވިޔަ ނުދީ ކޮއްޕާ ދުރަށް ފޮނުވާލައިފައެވެ.
ޢާޒިމް ބައެއް ނޫސްތަކަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިހަމާލާއަކީ ސަރުކާރުން ރާވައިގެން އޭނާއަށް ދިން ހަމަލާއެކެވެ. އެހެންނަމަވެސް އަދި މިކަމާ ބެހޭގޮތުން ސަރުކާރުން ވެސް ފުލުހުންވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ޢާޒިމް ވިދާޅުވެފައިވަނީ އެމްޑީން މަގުމަތީ ޙަރަކާތްތަކަށް ނުކުތީ ސަރުކާރުން ކަންކަން ގޯހުން ގޯހަށް ކުރަމުންދާތީ ކަމަށެވެ. އެކަންކަން ރަނގަޅުކޮށްދާނަމަ މުޒާހަރާ ކުރަން ނިކުންނަން ނުޖެހުނީސް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ޙަރަކާތް މިހާރަށްވުރެ ބޮޑަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނޭ ކަމަށެވެ.
ރޭގެ މުޒާހަރާގެ ތެރެއިން ޢާޒިމަށް ހަމަލާ ދިނުމުން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވަނީ އެކަން ކުށްވެރި ކުރައްވާފައެވެ. އޭނާ އެ ޢަމަލު ސިފަކުރައްވާފައިވަނީ ވަރަށް ނާތަހުޒީބީ ފިނޑި ޢަމަލެއްގެ ގޮތުގައެވެ.
”މިފަދަ ފިނޑި އަމަލުތަކަކީ ޑިމޮކްރަޓިކް މުޖުތަމައުއެއްގައި ބަލައިގަނެވޭނެ އަމަލުތަކެއް ނޫން. ސަރުކާރުގެ ނާގާބިލުކަމާއި އަނިޔާވެރިކަމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތް ހުއްޓުވައެއް ނުލެވޭނެ،“ ފައްޔާޒު ވިދާޅުވެފައިވެއެވެ.
ފައްޔާޒުގެ އިތުރުން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދުވެސް ވަނީ މޭޔަރަށްދިން މި ޙަމަލާ ކުށްވެރި ކުރައްވައިފައެވެ. ”އެމްޑީޕީއިން މާލޭގައި މިރޭ (ރޭ) ކުރިއަށް ގެންދިޔަ ސުލްޙަވެރި ހިނގާލުމުގެ ތެރެއިން މާލޭ ސިޓީ މޭޔަރު އާދަމް ޢާޒިމަށް ދިން ޙަމަލާ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން،“ ޝާހިދު ވިދާޅުވެފައިވެއެވެ.
ޝާހިދު ވަނީ މިޙަމަލާ ތަހުގީގުކުރުމަށާއި، ވެރިރަށް މާލޭގެ މޭޔަރަށް ދޭން ޖެހޭ ފުރިހަމަ ރައްކާތެރިކަން ދިނުމަށް ވެސް ސަރުކާރަށް ގޮވާލައްވައިފައެވެ. ”އަދި ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހިންގޭނެ މާޙައުލެއް ޤާއިމްކޮށްދިނުމަށް ފުލުހުންނަށާއި ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަން،“ ޝާހިދު ވިދާޅުވެފައިވެއެވެ.






