ތީމުގޭ ދަރިކޮޅަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ރަސްކަން ކުރެއްވިކަމަށް ބަލާ މައިގަނޑު ހަތް ދަރިކޮޅުގެ ތެރެއިން ފުރަތަމަ ދަރިކޮޅެވެ. ނަމަވެސް މި ދަރިކޮޅުގެ ކުރިން ސޫރިޔަވަންސަ ނުވަތަ އިރުވަންހަ ދަރިކޮޅާއި، ސޯމަވަންސަ ނުވަތަ ހަނދުވަންހަ ދަރިކޮޅުގެ ރަސްކަން ރާއްޖޭގައި އޮތެވެ. ތީމުގޭ ދަރިކޮޅަކީ ހަނދުވަންހަ ދަރިކޮޅުން އުފެދިފައިވާ ދަރިކޮޅެކެވެ. މި އާއިލާއަށް މާލޭ އާއިލާ ވެސް ކިޔައެވެ.
ތީމުގޭ ދަރިކޮޅު ފެށުމެއް ފެންނާކަށް ނެތެވެ. ނަމަވެސް ލިޔެވިފައިވާ ތާރީޚާއި ރާދަވަޅިތަކަށް ބަލައި މި ދަރިކޮޅު ފެށުނީ ސިރީ މަހާބަރަނަ މަހާރަދުންގެ ރަސްކަމުގައި ކަމަށް ބަލައެވެ. މިގޮތަށް ބަލާނަމަ މި ދަރިކޮޅުން 17 ރަސްކަލަކު ރަސްކަން ކުރައްވާފައިވެއެވެ. މީގެ ތެރެއިން ދިވެހިރާއްޖެ ހިޖުރައިން 548 (މީލާދީން 1153) ވަނަ އަހަރު އިސްލާމްވީ ތީމުގޭ ދަރިކޮޅުގެ ދޮނެއި ނުވަތަ ދޮވިމި ކަލަމިންޖާގެ ރަސްކަމުގައެވެ. އިސްލާމްވެ ވަޑައިގަތުމަށް ފަހު މި ރަދުންގެ ނަންފުޅަކީ އައްސުލްޠާން މުޙައްމަދު އިބްނު ޢަބްދުﷲ ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުންނެވެ. މިރަދުން މަޝްހޫރުވެފައި ވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުންނެވެ. މިއީ ދިވެހިރާއްޖޭގެ ފުރަތަމަ މުސްލިމް ރަސްގެފާނެވެ.
ތީމުގޭ ދަރިކޮޅުން ރަސްކަން ކުރެއްވި ބޭފުޅުންނަކީ:-
1. ސިރީ މަހާބަރަނަ މަހާރަދުން (ކޮއިމަލާ ކަލަމިންޖާ)
2. ސިރީ ދޮނެއި ނުވަތަ ދޮވިމި ކަލަމިންޖާ ( އިސްލާމްވެ ވަޑައިގަތުމަށްފަހު އައްސުލްޠާން މުޙައްމަދު އިބްނު ޢަބްދުﷲ)
3. އައްސުލްޠާން މުތެއި ކަލަމިންޖާ
4. އައްސުލްޠާން ޢަލީ ކަލަމިންޖާ (އެއްވަނަ)
5. އައްސުލްޠާން ދިނެއި ކަލަމިންޖާ
6. އައްސުލްޠާން ދިހެއި ކަލަމިންޖާ
7. އައްސުލްޠާން ވަދީ ކަލަމިންޖާ
8. އައްސުލްޠާން ވައްލާ ދިއޯ ކަލަމިންޖާ
9. އައްސުލްޠާން ހުދެއި ކަލަމިންޖާ
10. އައްސުލްޠާން އައިމަ ކަލަމިންޖާ
11. އައްސުލްޠާން ޢަލީ ކަލަމިންޖާ (ދެވަނަ)
12. އައްސުލްޠާން …. ކަލަމިންޖާ (ސިރީ މަދިނީސްވަރަ މަހާރަދުން)
13. އައްސުލްޠާން މުޙައްމަދު ކައޮލަދި ކަލަމިންޖާ
14. އައްސުލްޠާން ޢަލީ ކަލަމިންޖާ (ތިންވަނަ)
15. އައްސުލްޠާން ޔޫސުފް ކަލަމިންޖާ (އެއްވަނަ)
16. އައްސުލްޠާން …. ކަލަމިންޖާ (ސިރީ ސޯމޭސްވަރަ މަހާރަދުން)
17. އައްސުލްޠާން ދާއޫދު ކަލަމިންޖާ
މި ދަރިކޮޅަށްފަހު ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވީ އުމަރުވީރު ދަރިކޮޅުންނެވެ.
ފޮޓޯ: ދިވެހިރާއްޖެ އިސްލާމްވީ ގޮތާބެހޭގޮތުން އަޙްމަދު މުޙައްމަދު ދީދީ (އަހަންމާ)، ސިނާރު (އޭއައި) ބޭނުންކުރައްވައިގެން ހައްދަވާފައިވާ ”ރަންނަމާރި“ ޑޮކިޔުމެންޓްރީގެ މަންޒަރެއް.






