މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. އަތޮޅުން ދެމީހުން ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ނ. މާފަރު، އަނޫޝާހައުސް، ޢަލީ ފައިޞަލާއި، ހއ. އުތީމު، ރޭނިގެ، މުޙައްމަދު ރާމިޒެވެ. މި ދެ މީހުންގެ ތެރެއިން މުޙައްމަދު ރާމިޒް ހައްޔަރުކޮށްފައި ވަނީ ނ. އަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މަނަދޫ ޕޮލިހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެ ރިސޯޓުން އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އެޕްރީލް މަހު 29 ވަނަދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ތިން ދަޅު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޢަލީ ފައިޞަލް ހައްޔަރުކޮށްފައިވަނީ މާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން މާފަރު ޕޮލިހުންނާއި މަނަދޫ ޕޮލިހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ އެޕްރީލް 28 ވަނަ ދުވަހު އެވެ. މި އޮޕަރޭޝަންގައި، މާފަރު ބަނދަރު ސަރަހައްދުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 122.44 ގުރާމް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މި ދެ މައްސަލަ ވެސް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.






