ކޮލޮމްބޯގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރައްވައިފި

ހިރި ނިއުސް
މެއި 5, 2026

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާގެ ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ހިމެނިގެންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ޙާލުއަޙުވާލު އޮޅުންފިލުއްވައި، ކަންބޮޑުވުންތަކާއި ޝުޢޫރުތައް އަޑުއައްސަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ދިވެހި ސަރުކާރުގެ ބައެއް ވަޒީރުންނާއި، އިސް އޮފިޝަލުންވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ފަރުދީ ފެންވަރުގައި އޮންނަ ގާތް ގުޅުން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ސްރީލަންކާގެ ސަރުކާރާއެކު ކުރިއަށްގެންދެވި މަޝްވަރާތަކުގައި، ވިސާއާ ގުޅުންހުރި މައްސަލަތައް ފަދަ، އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާމެދު ވާހަކަދެކެވުނުކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ދެފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުން އެ ކަންކަމަށް ދެމެހެއްޓެނިވި ޙައްލެއް ލިބޭނޭކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު އިޤްތިޞާދީ އެއްބާރުލުންދިނުން އިތުރުކުރުމާ ގުޅޭގޮތުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މީގެ ތެރޭގައި، ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ގޮތްޕެއް ޤާއިމުކުރުމާއި، ދިވެހި އުފެއްދުންތައް އެ ޤައުމުގެ ބާޒާރަށް ނެރުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޞިއްޙީ ދާއިރާ އާއި ތަޢުލީމީ ދާއިރާއިން ދެ ޤައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، ފިޔަވަޅުތަކެއް އަޅުއްވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނާއެކުވެސް ގާތްގުޅުމެއް ބޭއްވެވުމަކީ އެމަނިކުފާނު އިސްކަން ދެއްވާ ކަމެކެވެ. އަދި އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި، އެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންނާއެކު ވަގުތު ހޭދަކުރެއްވުމަށް އެމަނިކުފާނު ވަރަށްބޮޑު އަހުމިއްޔަތުކަމެއް ދެއްވައެވެ.

ޚަބަރާއިފޮޓޯރައީސްއޮފީސް23

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *