ޅ. ނައިފަރަށް ބަނގުރާ އެތެރެކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ ހައްޔަރު ކޮށްފައިވަނީ ކ. ކާށިދޫ، ވިލާރަތްލާގޭ، އިބްރާހީމް ތިހްނާން ޛަހީނެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. އޮޕަރޭޝަން ހިންގާފައިވަނީ ނައިފަރު ޕޮލިސް ސްޓޭޝަނާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންމެވެ.
އުމުރުން 18 އަހަރުގެ އެ ޒުވާނާ ހައްޔަރުކޮށްފައިވަނީ މި މެއި މަހުގެ 24 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އޭނާ ބަލައި ފާސްކުރިއިރު ތިން ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން އިބްރާހީމް ތިހްނާން ޛަހީންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.






