ސިފައިންގެ ޚިދުމަތަކީ ހަމައެކަނި ވަޒީފާއެއް ނޫނެވެ. އެއީ ޤައުމާއި ދީނަށް ޓަކައި ވާންޖެހޭ މަތިވެރި ގުރުބާނީއެކެވެ. ކޮންމެ ޤައުމެއްގައި ވެސް ސިފައިންގެ ލަޝްކަރުގައި، އެ ބައެއްގެ އަސްކަރީ އަޚުލާޤާއި، ހިތްވަރާއި، ޕްރޮފެޝަނަލިޒަމްގެ ނަމޫނާ ދައްކުވައިދޭ ޝަޚުސިއްޔަތުތަކެއް ވެއެވެ. މިގޮތުން ދުނިޔޭގެ އަސްކަރީ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ނަމަކީ ސާޖަންޓް އޯޑީ މާފީ އެވެ. މިއަދު އޭނާގެ ނަމުގައި އެމެރިކާގެ އެންލިސްޓެޑް ސިފައިންނަށް ދެވޭ އެވޯޑަކީ ކޮންމެ އެންލިސްޓެޑް ސިފައިންގެ މީހަކު ވެސް ބޭނުންވާ އަގުހުރި ޝަރަފެކެވެ.
ސާޖަންޓް އޯޑީ މާފީއަކީ ކާކު؟
ސާޖަންޓް އޯޑީ ލިއޯ މާފީ (1925-1971) އަކީ ދެވަނަ ބޮޑުހަނގުރާމައިގައި އެމެރިކާގެ ސިފައިންގެ ތެރޭގައި ހިމެނުނު އެންމެ ގިނަ މެޑެލި ނުވަތަ އަސްކަރީ ޝަރަފުގެ ނިޝާން ހާސިލުކުރި އެއް ބަޠަލެވެ. ވަރަށް އާދައިގެ ޢާއިލާއަކުން އައި އެ ޒުވާނާ އަސްކަރިއްޔާއާ ގުޅުނީ އުމުރުން އެންމެ 17 އަހަރުގައެވެ. ހަނގުރާމައިގެ މައިދާނުގައި އޭނާ ދެއްކި އާދަޔާޚިލާފު ހިތްވަރާއި، ދުޝްމަނުންގެ ކުރިމަތީގައި ދެއްކި ސާބިތުކަމަކީ މިއަދު ވެސް ހުރިހާ ސިފައިންނަށް ހުރި އަގުހުރި ފިލާވަޅެކެވެ.
އޯޑީ މާފީއަކީ އަމިއްލަ ފުރާނައަށް ނުރައްކާތެރި އެތައް ހާދިސާއެއްގައި އޭނާގެ ޖެހިލުން ކުޑަކަމާއި، ބިރު ކުޑަކަން ސާބިތުކޮށްދީފައިވާ އަސްކަރީ ފަހުލަވާނެކެވެ. އޭގެ އެއް ހާދިސާއަކީ 1945 ވަނަ އަހަރުގެ ޖަނަވަރީ 26 ވަނަ ދުވަހު ހިނގި ހާދިސާއެކެވެ. އަސްކަރީ އެންމެ މަތީ ޝަރަފު ނުވަތަ މެޑެލް އޮފް އޮނަރ އޭނާއަށް އެރުވުނީ މި ހާދިސާގެ ސަބަބުންނެވެ. ފަރަންސޭސިވިލާތުގެ ހޮލްޓްޒްވިހްރު ކައިރީގައި އޮންނަ ކޮލްމާ ޕޮކެޓްގައި ހިނގި ކުރިމަތިލުމެކެވެ. އޭރު އޯޑީ މާފީއަކީ ސެކަންޑް ލެފްޓިނަންޓް އެކެވެ. އޭނާ ހުރީ 3 ވަނަ އިންފަންޓްރީ ޑިވިޜަންގެ 15 ވަނަ އިންފަންޓްރީ ރެޖިމެންޓްގެ 1 ވަނަ ބަޓަލިއަންގެ ’ބްރާވޯ ކޮމްޕެނީ‘ ގެ ކޮމާންޑަރުގެ މަގާމުގައެވެ.
އޭނާގެ ކޮމާންޑަށް ޖަރުމަނުވިލާތުގެ ހަ ޓޭންކަރާއި، ގިނަ އަދަދެއްގެ ސިފައިން ހިމެނޭ ފައުޖުތަކަކުން ވަރުގަދަ ހަމަލާތަކެއް ދިނެވެ. އެ ހިނދު، އޭނާގެ ދަށުގައި ތިބި ސިފައިންނަށް ކައިރީގައިވާ ޖަންގަލީގައި ހަދާފައިހުރި ރައްކާތެރި މަގާމުތަކަށް ފަހަތަށް ޖެހުމަށް އަމުރުކުރިއެވެ. ނަމަވެސް، އޭނާ އެކަނި ކޮމާންޑް ޕޯސްޓުގައި މަޑުކޮށް، ދުޝްމަނުންނާ ކުރިމަތިލިއެވެ. އަދި ފޯނުން އާޓިލަރީ ފައުޖުތަކުގެ އެހީތެރިކަމަށް އެދި އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދިނެވެ.
އޯޑީ މާފީގެ މީރާސް (ލެގެސީ)
އޯޑީ މާފީ އަސްކަރީ ޚިދުމަތް ފެށީ ”އެންލިސްޓެޑް“ ސިފައިންގެ މީހެއްގެ ގޮތުގައެވެ. އޭނާގެ ކާމިޔާބީތަކާއި ހިތްވަރުގެ ސަބަބުން، ހަނގުރާމައިގެ މައިދާނުގައި އޭނާއަށް ވަނީ ”ބެޓްލްފީލްޑް ކޮމިޝަން“ ގެ ދަށުން ކަމިޝަން އޮފިސަރަށް މަޤާމުގެ ކުރިއެރުން ދެއްވާފައެވެ. އޭނާ ވަނީ ހަނގުރާމައިގައި މައިދާނުން ދުޝްމަނުންގެ ތެރެއިން 241 ސިފައިން މަރާލާފައެވެ.
އޯޑީ މާފީގެ ހަޔާތުންނާއި އަސްކަރީ ޚިދުމަތުން ލިބިދޭ ފިލާވަޅުތަކަކީ ސިފައިންގެ ޕްރޮފެޝަނަލިޒަމް ނުވަތަ ސިފަވަންތަކަން ހަރުދަނާކުރުމަށް ބޭނުންކުރެވިދާނެ މުހިންމު އުސޫލުތަކެކެވެ. މިގޮތުން ކެރުމާއި ހިތްވަރާއި،، ލީޑަރޝިޕާއި އިސްނެގުމާއި، ފަންނީ ޤާބިލުކަމާއި، ނަފުސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމަކީ އޭނާގެ އަސްކަރީ ހަޔާތުން ފެންނަ މުހިންމު ސިފަތަކެވެ.
އޯޑީ މާފީގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ އޭނާގެ ހިތްވަރުގަދަކަމެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި އެކަނިމާއެކަނި ދުޝްމަނުންގެ ގިނަ އަދަދެއްގެ ސިފައިންނާ ކުރިމަތިލައި، އޭނާގެ ސަފުތައް ސަލާމަތްކުރުމުގައި ދެއްކި ނަމޫނާއަކީ ސިފައިންގެ ޢަޒުމް ވަރުގަދަކުރުމަށް އޮތް މިސާލެކެވެ. ހަމައެހެންމެ އޯޑީ މާފީއަކީ ހަމައެކަނި ހަނގުރާމަވެރިއެއް ނޫނެވެ. އޭނާއަކީ ދަށުން މަސައްކަތްކުރާ ސިފައިންނަށް އޯގާތެރި، އަދި ނުރައްކާތެރި ދަނޑިވަޅުތަކުގައި އިސްނަގައިގެން މަސައްކަތްކުރި ކުޅަދާނަ ލީޑަރެކެވެ. އޭނާއަކީ ސިފައިންގެ ތެރޭގައި އޮންނަންޖެހޭ ”ނަމޫނާ މިސާލުން މަގުދެއްކުން“ (ލީޑް ބައި އެގްޒާމްޕަލް) މި ސިފަ އޭނާގެ ހަޔާތުގައި ދައްކައިދިން ލީޑަރެކެވެ.
ސިފަވަންތަކަން ހަރުދަނާކުރުމުގައި އޯޑީ މާފީގެ އަނެއް ފިލާވަޅަކީ، ބޭނުންކުރާ ހަތިޔާރާއި އުކުޅުތަކަށް ފަރިތަވުމެވެ. އޭނާގެ ކާމިޔާބީގެ އެއް ސިއްރަކީ އަސްކަރީ ތަމްރީނުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ހަނގުރާމައިގެ މައިދާނުގައި ހުޝިޔާރުކަމާއެކު ހަރަކާތްތެރިވުމުގެ ފަންނީ ޤާބިލުކަން ހުރުމެވެ.
ކޮންމެ މީހަކަށް ވެސް ޖިސްމާނީ ދުޅަހެޔޮކަމެކޭ އެއްގޮތަށް ނަފުސާނީ ދުޅަހެޔޮކަން ވެސް ބޭނުންވެއެވެ. އަދި ޖިސްމާނީ ޢަނިޔާތަކުންނާއި ބަލިތަކުން އަރައުގަތުމަށް އެހެން މީހުންގެ އެހީތެރިކަމާއި އެއްބާރުމުން ބޭނުންވާ ފަދައިން ނަފުސާނީ އުނދަގޫތަކުން އަރައިގަތުމަށް ވެސް އެހެން މީހުންގެ އެހީތެރިކަމާއި އެއްބާރުލުން އަދި ހޭލުންތެރިކަން މުހިންމުވެއެވެ. ހަނގުރާމައަށްފަހު އޯޑީ މާފީއަށް ވެސް ’ޕޯސްޓް ޓްރައުމެޓިކް ސްޓްރެސް ޑިސްއޯޑަރ‘ ކުރިމަތިވިއެވެ. އެ ވާހަކަތައް އޭނާ ފާޅުކަން ބޮޑުގޮތެއްގައި ހިއްސާކުރިއެވެ. މިއީ ސިފައިންގެ ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ދުނިޔެއަށް ހާމަކޮށްދިން ކަމެކެވެ. ސިފައިންގެ ޕްރޮފެޝަނަލިޒަމް ހަރުދަނާކުރުމަށް ޓަކައި، ސިފައިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަޅާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އޯޑީ މާފީގެ މީރާސް ނުވަތަ އޭނާ ދޫކޮށްދިޔަ ތަރިކައަކީ ސިފައިންނަކީ ހަމައެކަނި ހަނގުރާމަވެރި ބައެއް ނޫންކަމާއި، އެއީ އަޚުލާގީ ގޮތުން މަތިވެރި، ހުނަރުވެރި، އަދި އެކަކު އަނެކަކަށް އަޅާލާ ބަޔަކަށް ވާންޖެހޭނެކަމެވެ. ސިފައިންގެ ޕްރޮފެޝަން ހަރުދަނާކުރުމުގައި ވެސް މިފަދަ ބަތަލުންގެ ހަޔާތުން ލިބޭ އިބުރަތްތަކަކީ އަގުހުރި ފިލާވަޅުތަކެކެވެ. އޯޑީ މާފީގެ މީރާސް ބިނާވެފައިވަނީ ހަމައެކަނި ހަނގުރާމައިގައި ހޯދި މެޑެލިތަކުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި، ސިފައިންގެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ އަސްކަރީ އަޚުލާގާއި، އަމިއްލަ ނަފްސަށްވުރެ ޤައުމާއި އެކުގައި މަސައްކަތްކުރާ ސިފައިން އިސްކުރުމުގެ ސިފައަށެވެ.
ސާޖަންޓް އޯޑީ މާފީ އެވޯޑް
އޯޑީ މާފީގެ ހަނދާނުގައި އަދި އޭނާ ދެއްކި ރިވެތި ނަމޫނާ ދެމެހެއްޓުމަށް ޓަކައި ”ސާޖަންޓް އޯޑީ މާފީ އެވޯޑް“ (SAMA) ވަނީ ތައާރަފުކުރެވިފައެވެ. މިއީ އެންމެ މަތީ ފަންތީގެ ނޮން-ކޮމިޝަންޑް އޮފިސަރުންނަށް ދެވޭ ޝަރަފުވެރި އެވޯޑެކެވެ. މި އެވޯޑް ހާސިލުކުރެވެނީ ވަރަށް ވަރުގަދަ އިމްތިހާނުތަކާއި، ސިފައިންގެ ހުނަރުތައް ދައްކައިދީގެންނެވެ. މިއީ ހަމައެކަނި ހިތްވަރުގަދަވުމުން ދޭ އެވޯޑެއް ނޫނެވެ. މިއީ ލީޑަރެއްގެ ގޮތުން ދަށުން މަސައްކަތްކުރާ ސިފައިންގެ ކުރިއެރުމަށާއި، އެމީހުންގެ ދުޅަހެޔޮކަމަށް މަސައްކަތްކުރާ މިންވަރަށް ބަލައި ސާޖަންޓް އޯޑީ މާފީ ކުލަބުން ދޭ އެވޯޑެކެވެ.
އޯޑީ މާފީ ފަދަ ހިތްވަރުގަދަ އެންލިސްޓެޑް އެތައް ސިފައިންނެއް އަސްކަރިއްޔާތައް ދެކެފިއެވެ. ޢަޒުމާއި ކެރުމާއި ހިތްވަރުގަދަކަން ދައްކައިދެމުން ޝަހީދުވެއްޖެއެވެ. މިއިން ކޮންމެ ބޭކަލެއްގެ މިރާސް (ލެގެސީ) އަކީ ސިފައިންނަށް އަގުހުރި ނަމޫނާއެކެވެ. ސިފައިންގެ ޕްރޮފެޝަން ހަރުދަނާކުރުމަށް ޓަކައި، މިފަދަ ސިފައިންގެ ހިތްވަރާއި، އިޚުލާޞްތެރިކަމާއި، ލީޑަރޝިޕްގެ ސިފަތަކުގެ ވާހަކަތައް ދައްކަން ޖެހެއެވެ. އެންލިސްޓެޑް ސިފައިންނަކީ ހަމައެކަނި އަމުރުތަކަށް ތަބާވާ ބައެއްގެ ބަދަލުގައި، އެއީ ތޫނުފިލި، ހިތްވަރުގަދަ އަދި ގާބިލު ލީޑަރުންނަށް ވުމަކީ އަސްކަރިއްޔާއެއް ކުރިއަރައިދާނެ އެންމެ ބޮޑު ސަބަބެވެ.
(ނޯޓު: މިއީ ޔޫއެސް އާމީ އެންސީއޯ ޖާނަލް (މޭ 2026) ގައި ”ސިފައިންގެ ޕްރޮފެޝަން ހަރުދަނާކުރުން: އޯޑީ މާފީގެ މީރާސް“ މި ސުރުޚީގެ ދަށުން
މާސްޓަރ ސާޖަންޓް އެންޖެލް އައި އަލެމަންމޮންޑްރަގޮން ލިޔެފައިވާ ލިޔުމުގައިވާ މަޢުލޫމާތުގެ އަލީގައި ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުމުގައިވާ ފޮޓޯތަކަކީ އެ ޖާނަލުން ނަގާފައިވާ ފޮޓޯތަކެކެވެ.)






