އެއީ ތާރީޚީ ޢިލްމުވެރިއެކެވެ. ޖޯގުރަފީގެ މާހިރެކެވެ. އަދި ދަތުރުވެރިއެކެވެ. އަލް މަސްޢޫދީގެ ފުރިހަމަ ނަންފުޅަކީ އަބުލް ޙަސަން ޢަލީ އިބްނު ޙުސައިން އިބްނު ޢަލީ އަލް މަސްޢޫދީ އެވެ. މިއީ ޔޫނާނީ (ގްރީކް) ފަލްސަފާގެ ނުފޫޒުން އެއްކިބާވެ، ޤުރުއާނުގެ ޢިލްމީ މަންހަޖުގެ ތެރެއިން އިސްލާމީ ޢިލްމުވެރިކަން ކުރިއަރައިގެންދިޔަ ދުވަސްވަރުގެ ބޭފުޅެކެވެ. އަލް މަސްޢޫދީއަކީ މާތް ނަބިއްޔާގެ އަޞްޙާބު ބޭކަލެއް ކަމުގައިވާ ޢަބްދުﷲ އިބްނު މަސްޢޫދުގެ ދަރިކޮޅުން ވަޑައިގެންނެވި ބޭފުޅެކެވެ. އަލް މަސްޢޫސީ އުފަންވެވަޑައިގެންނެވީ މީލާދުން 896 ވަނަ އަހަރު ބަޣުދާދުގައެވެ. ޢިލްމީ ދުނިޔޭގައި އޭނާ މަޝްހޫރުވެފައިވަނީ ”ޢަރަބިންގެ ހެރޮޑޮޓަސް“ ގެ ނަމުންނެވެ. އަލް މަސްޢޫދީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވައި، އެ ތަންތަނުގެ ތާރީޚާއި ސަގާފަތް ދިރާސާކުރެއްވި ބޭފުޅެކެވެ.
ދަތުރުކުރެއްވި ސަރަހައްދުތައް
އަލް މަސްއޫދީ ދުނިޔެ ބައްލަވާލެއްވުމުގެ ދަތުރު ފެށްޓެވީ އުމުރުން އެންމެ 20 އަހަރުގައެވެ. ފުރަތަމަ ވަޑައިގަތީ ފާރިސްކަރައިގެ ޕްރޮވިންސްތަކުގެ ތެރެއިން އާރުމީނާ އާއި ޖޯޖިއާ ހިމެނޭ ސަރަހައްދަށެވެ. ޖެހިގެން އައި އަހަރު ބަޣުދާދަށް އެނބުރި ވަޑައިގަތުމަށްފަހު، ދެން ވަޑައިގަތީ މަންސޫރާއާއި މުލްތާނަށެވެ. އެއީ މިހާރުގެ ޕާކިސްތާނެވެ. މަންސޫރާއަކީ އޭރު އިސްލާމީ އުންމަތުގެ ބޯޑަރުގެ ގޮތުގައި އޮތް ސިންދު ޕްރޮވިންސްގެ ވެރިރަށެވެ. ބޮޑު ކޯރެއްގެ ކައިރީގައި އޮތް މި ތަނަވަސް ސަރަހައްދަކީ ގިނަ ޒުވާނުންގެ ހިތްތައް އަތުލައިގަތް ހިތްގައިމު ތަނެކެވެ. މަންސޫރާއިން އަލް މަސްޢޫދީ ދަތުރުކުރެއްވީ ގުޖުރާތުގެ ސޫރަތަށެވެ. އެތަނުން އޭނާއަށް ހިންދޫ ރަށްވެހިކަން ވަރަށް ގާތުން ތަޖުރިބާ ކުރެއްވުނެވެ. އެއީ އިސްލާމީ ފަލަކީ އިލްމަށް އާރިޔަބާޓާގެ މަސައްކަތްތައް ހަދިޔާކުރި ތަމައްދުނެވެ. އެއަށްފަހު ދެކުނަށް ދަތުރުކުރައްވައި އިންޑިއާގެ ހުޅަނގު އައްސޭރީގެ މަލަބާރަށް ފައިބައިވަޑައިގެން، ސްރީލަންކާއަށް ޒިޔާރަތްކުރެއްވިއެވެ.
ސްރީލަންކާއަށްފަހު އިންޑޮނޭޝިއާގެ ސުމަޓްރާއާއި މެލޭޝިއާގެ މަލާކާއަށް ވަޑައިގަތެވެ. އޭރުވެސް އަދި މިހާރުވެސް، މަލާކާ ކަނޑުއޮޅިއަކީ އިންޑިއާ ކަނޑުން ދެކުނު ޗައިނާ ކަނޑަށް ދަތުރުކުރާ އުޅަނދުފަހަރުގެ މައި މަގެވެ. އިންޑިއާގެ އިރުމަތީ އައްސޭރިއާއި މަލާކާއާ ދެމެދު އޭރު އޮތީ ވަރަށް ބޮޑު ވިޔަފާރި ގުޅުމެކެވެ. އެތަނުން އަލް މަސްޢޫދީ ވަޑައިގަތީ ޗައިނާގެ ކެންޓަންއަށެވެ. މީލާދީން 865 ވަނަ އަހަރު ބޭރު މީހުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގައި އެ ސިޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، 920 ވަނަ އަހަރު މަސްއޫދީ އެތަނަށް ޒިޔާރަތްކުރެއްވިއިރު، އެ ސިޓީގެ ވިޔަފާރި ވަނީ އަލުން އާރާސްތުވާން ފަށާފައެވެ.
އިންޑިއާ ކަނޑުގެ އައްސޭރިތަކުން އެނބުރި ވަޑައިގަންނަވަމުން، އަލް މަސްޢޫދީ ދެކުނަށް މަޑަގަސްކަރައަށާއި އެފްރިކާގެ އިރުމަތީ އައްސޭރިއަށް ދަތުރުކުރެއްވިއެވެ. އޭނާ ސޮފާލާ ސިފަކުރެއްވީ ރަނުގެ ސިޓީއެއްގެ ގޮތުގައެވެ. އަދި އެފްރިކާގެ ސިޓީތަކަކީ މުއްސަނދި އަދި ތަނަވަސް ތަންތަނުގެ ގޮތުގައި ސިފަކުރެއްވިއެވެ. މީލާދީން 922 ވަނަ އަހަރު ބަސްރާއަށް އެނބުރި ވަޑައިގެން، އޭނާގެ ފުރަތަމަ ތާރީޚީ ފޮތް ކަމަށްވާ ”މުރޫޖުއް ޛަހަބު ވަ މަޢާދިނުލް ޖައުހަރު“ (Meadows of Gold and Mines of Gems) ލިޔުއްވިއެވެ. ”ރަނުގެ ބިމާއި ޖަވާހިރުގެ މައުދަންތައް“ މި ނަން ދެއްވާފައިވާ މި ފޮތުގައި އަލް މަސްޢޫދީ ޒިޔާރަތްކުރެއްވި ރަށްތަކާއި ސަހަރުތަކާއި ޤައުމުތަކުގެ އާބާދީއާއި، ޖޯގުރަފީ އަދި ތިމާވެށީގެ މަޢުލޫމާތު ވަރަށް ތަފްސީލުކޮށް ގެނެސްދެއްވާފައިވެއެވެ.
އަލް މަސްޢޫދީ އާއި ދިވެހިރާއްޖެ
އަލް މަސްޢޫދީގެ ދަތުރުތަކުގެ ތެރޭގައި އިންޑިއާކަނޑުގެ ސަރަޙައްދަށް ކުރެއްވި ދަތުރުތަކަކީ ވަރަށް ފާހަގަކޮށްލެވޭ ދަތުރުތަކެކެވެ. ދިވެހިރާއްޖެއާ ބެހޭ ގޮތުން އެންމެ ކުރީގައި ލިޔުއްވި ބޭރުގެ މުޞައްނިފުންގެ ތެރޭގައި އަލް މަސްޢޫދީ ހިމެނިވަޑައި ގަންނަވައެވެ. އޭނާ ރާއްޖެއާ ބެހޭ މަޢުލޫމާތު ހޯއްދަވައި އެ ވާހަކަތައް ލިޔުއްވާފައި ވަނީ ސްރީލަންކާއަށް މީލާދީން 916 ވަނަ އަހަރު ކުރެއްވި ޒިޔާރަތުގައެވެ.
ދިވެހިރާއްޖެއާ ބެހޭ ގޮތުން އަލް މަސްޢޫދީ ވަނީ ވަރަށް މުހިންމު މަޢުލޫމާތުތަކެއް އޭނާގެ ލިޔުންތަކުގައި ހިމަނުއްވާފައެވެ. އެގޮތުން ދިވެހިރާއްޖެއަކީ ”ހާހަކަށްވުރެ ގިނަ ޖަޒީރާ“ އެކުލެވިގެންވާ ތަނެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ރަށްތަކުގައި ހެދިފައިވާ ދިވެހިރުކާއި، އެ ރުކުން އުފައްދާ ތަކެއްޗާ ބެހޭގޮތުން ލިޔުއްވާފައިވެއެވެ. ޚާއްޞަކޮށް، ރާއްޖެއިން ލިބޭ މާވަހަރާއި، ކަހަނބުފަތްފަދަ ތަކެތީގެ ވާހަކަ ފާހަގަކުރައްވާފައިވެއެވެ. ދިވެހިރާއްޖޭގެ މީހުންނަކީ ހީވާގި، މަސައްކަތްތެރި ބައެއްގެ ގޮތުގައި ވެސް އޭނާ ސިފަކުރައްވާފައިވެއެވެ.
އަލް މަސްޢޫދީގެ އެންމެ ބޮޑު ޚިދުމަތަކީ ތާރީޚު ލިޔުއްވުމުގައި ގެންގުޅުއްވި އާ ގޮތްތަކެވެ. އޭނާ ހަމައެކަނި ރަސްރަސްކަލުންގެ ވާހަކަތައް ލިޔުއްވުމުގެ ބަދަލުގައި، އެކި ޤައުމުތަކުގެ ސަގާފަތާއި، ދީނާއި، ޖޯގްރަފީ އަދި އިޖުތިމާޢީ ދިރިއުޅުމުގެ މައްޗަށް ބައްލަވައިލައްވާފައިވެއެވެ. މިއީ އޭރުގެ ތާރީޚު ލިޔުންތެރިކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
އަލް މަސްޢޫދީގެ ހަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ ދަތުރުފަތުރު ކުރެއްވުމުގައެވެ. ބަޣުދާދުން ފެށިގެން އީރާން، އިންޑިއާ، ސްްރީލަންކާ، ޗައިނާ އަދި އެފްރިކާގެ އިރުމަތީ ބިތަށް އޭނާ ދަތުރުކުރެއްވިއެވެ. މި ދަތުރުތަކުގައި ފެނިވަޑައިގެންނެވި މަންޒަރުތަކާއި އިވިވަޑައިގެންނެވި އަޑުތައް ވަރަށް ތަފްޞީލުކޮށް ވަނީ ރެކޯޑު ކުރައްވާފައެވެ.
ލިޔުއްވި ފޮތްތައް
އަލް މަސްޢޫދީ ލިޔުއްވި ފޮތްތަކުގެ ތެރެއިން އެންމެ މަޝްހޫރު ފޮތަކީ ”މުރޫޖުއް ޛަހަބު ވަ މަޢާދިނުލް ޖައުހަރު“ އެވެ. މިއީ ތާރީޚާއި ޖޯގްރަފީ އެކުލެވޭ ވަރަށް މުހިންމު އެންސައިކްލޯޕީޑިއާއެކެވެ. މީގެ އިތުރުން ”ކިތާބުލް ތަންބީހު ވަލް އިޝްރާފު“ އަކީވެސް އޭނާގެ ފާހަގަކޮށްލެވޭ ފޮތެކެވެ. އޭނާ ވަނީ 20 އަށްވުރެ ގިނަ ފޮތް ލިޔުއްވާފައެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ފޮތްތަކެއް ވަނީ ގެއްލިފައެވެ. އަލް މަސްޢޫދީ ވަނީ އޭރުގެ ދުނިޔޭގެ ޗާޓެއް ކުރައްސަވާފައެވެ. މިއީ އޭގެ ކުރިން ކުރަހާފައިވާ ޗާޓުތަކަށްވުރެ ފުރިހަމަ ޗާޓެކެވެ.
ޢިލްމީ ދުނިޔެއަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކުރެއްވުމަށްފަހު، އަލް މަސްޢޫދީ އަވަހާރަވީ މީލާދީން 957 ވަނަ އަހަރު މިޞްރުގެ ފުސްޠާޠު (ގާހިރާ) ގައެވެ. އޭނާ ދޫކުރެއްވި ޢިލްމީ ތަރިކައަކީ މިއަދުވެސް ތާރީޚު ދިރާސާކުރާ ފަރާތްތަކަށް ހުރި އަގުހުރި މަޞްދަރުތަކެކެވެ. އޭނާގެ ލިޔުންތަކަކީ އިސްލާމީ ތާރީޚުގެ މުހިންމު ސަފުހާތަކެކެވެ.
މަޢުލޫމާތު؛
އިސްލާމިކް ހިސްޓްރީ ވެބްސައިޓް






