ލައިލާ ޚާލިދަކީ ކާކުކަން އެނގޭތަ؟

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
ޖޫން 3, 2026

ލައިލާ ޚާލިދު އުފަންވީ 1944 ވަނަ އަހަރު ފަލަސްޠީނުގެ ހައިފާ ސަހަރަށެވެ. ކުޑައިރު ފަލަސްޠީނުގެ މިނިވަންކަމުގެ ޙަރަކާތާ ގުޅި، ހަރުކަށި އެކްޓިވިސްޓެއްގެ ގޮތުގައި ވަރަށް އަވަހަށް ދުނިޔެއަށް ފެނިގެންދިޔައެވެ.

ލައިލާ ޚާލިދާއި، އޭނާގެ އެކުވެރިން ވަނީ 1968 އާއި 1971 އާ ދެމެދު ހަތަރު ފަހަރެއްގެ މަތިން މަތިންދާ ބޯޓުތައް ހައިޖެކްކޮށްފައެވެ.

ދުނިޔޭގައި އެންމެ އުނދަގޫ އެއް މަސައްކަތަކީ މަތިންދާބޯޓް ހައިޖެކް ކުރުމެވެ، އެއީ ކޮންމެ ޤައުމެއްގެ މަތިންދާބޯޓެއް ކަމުގައިވިޔަސް، ހައިޖެކްކޮށް އެމީހުންގެ ހުށަހެޅުންތައް ޤަބޫލުކުރުމަށް މަޖުބޫރު ކުރުމަކީ ނުރައްކާތެރި މަސައްކަތެކެވެ.

މަތިންދާ ބޯޓް ހައިޖެކް ކުރުން ފަދަ ޖަރީމާއެއްގައި އަންހެނަކު ބައިވެރިވުމަކީ ހައިރާންވާންޖެހޭ ކަމެއް ނަމަވެސް، ޒުވާން އަންހެން ކުއްޖަކު މަތިންދާބޯޓެއް ހައިޖެކްކޮށް، އެއަށްފަހު ޕްލާސްޓިކް ސާޖަރީ ހަދައިގެން ތަކުރާރުކޮށް މަތިންދާބޯޓް ހައިޖެކް ކުރުމަކީ ހަމަ ޔަގީނުންވެސް ފިލްމެއްގައި ނޫނީ ނުފެންނާނެ ފަދަ އަޖައިބު ކުރުވަނިވި ވާހަކައެކެވެ. އެކަމަކު، ދުނިޔޭގައި ފުރަތަމަ ފަހަރަށް އެކަން ކުރި އަންހެނަކީ، ދުނިޔޭގައި އެފަދަ ދެވަނަ މިސާލެއް ނުވާ ފަލަސްޠީނުގެ ލައިލާ ޚާލިދެވެ.

”ޕެލެސްޓައިން ލިބަރޭޝަން ފްރަންޓާ“ ގުޅުމަށް ފަހު 1969 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ފުރަތަމަ ބޯޓު ހައިޖެކް ކުރިއިރު، އެއީ ބޮއިންގް 707 މަރުކާގެ މަތިންދާ ބޯޓެކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެ މަތިންދާބޯޓުގައި ތިބި ފަސިންޖަރުންގެ ތެރޭގައި، އިޒުރޭލުން އެމެރިކާއަށް ކަނޑައަޅާފައި ހުރި ސަފީރު އިސްޙާޤު ރަބީން ވެސް ހިމެނެއެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި، އޭނާ އެ މަތިންދާބޯޓުން ދަތުރުކޮށްފައި ނުވެއެވެ. މަތިންދާބޯޓު އޭޝިއާގެ ވައިގެ ސަރަހައްދަށް ވަނުމާއެކު މޫނު ނިވާކޮށްގެން ހުރި އަންހެނަކު މުޅި ބޯޓުގެ ކޮންޓްރޯލް ނެގިއެވެ. އޭނާ ވަނީ އިޓަލީވިލާތުގެ ރޯމުން ފުރައިގެން ފަލަސްޠީނުގެ ޠެލްއަވީވަށް ދަތުރުކުރަމުން ދިޔަ، އެ މަތިންދާބޯޓު ސީރިއާގެ ދިމިޝްޤުގެ ވައިގެ ބަނދަރަށް މިސްރާބު ބަދަލުކުރުމަށް ޕައިލެޓަށް އަމުރު ކޮށްފައެވެ. މަތިންދާބޯޓް ދިމިޝްޤުގެ ވައިގެ ބަނދަރުގައި ޖެއްސުމުގެ ކުރިން އޭނާ ބޭނުންވީ އޭނާގެ އުފަން ރަށް، ހައިފާ މަތިން ބަލައިލާށެވެ.

އެ އަންހެން މީހާއާއި، އޭނާގެ އެކުވެރިން ބޮންތައް ގޮއްވާލާނެކަމުގެ އިންޒާރުދިނުމުން، ޕައިލެޓް އެމީހުންގެ އަމުރަށް ބޯލަނބައި، މަތިންދާ ބޯޓު ދިމިޝްޤުގެ ވައިގެ ބަނދަރަށް ޖެއްސިއެވެ. އެއަށްފަހު، އެމީހުން ބޯޓުގެ ފަސިންޖަރުން ރަހީނުކޮށް ފަލަސްޠީނުގެ މިނިވަންކަމަށް މުޠާލިބާ ކުރިއެވެ. އެ ހާދިސާއާ ގުޅިގެން، އިޒުރޭލުން ފަލަސްޠީނުގެ ރައްޔިތުންނަށް ކުރާ އަނިޔާތަކަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބިގެން ދިޔައެވެ. މަޝްވަރާތަކަށް ފަހު ރަހީނުކޮށްފައިވާ ފަސިންޖަރުން ދޫކޮށްލީ އިޒުރޭލުގެ ޖަލުތަކުގައި ނުޙައްޤުން ހައްޔަރުކޮށްފައި ތިބި ފަލަސްޠީނުގެ ގައިދީން ދޫކޮށްލުމާއި، ބޯޓް ހައިޖެކް ކުރި މީހުން ރައްކާތެރިކަމާއެކު ސަލާމަތުން ޖޯޑަންގެ ވެރިރަށް ޢަންމާނަށް ދިއުމުގެ ޝަރުޠުތަކާ އެކުގައެވެ.

އެ ހާދިސާއަށްފަހު، ހަ ފަހަރު މަތިން އޭނާގެ ނޭފަތާއި، ދަށްދޮޅީގެ ޕްލާސްޓިކް ސާޖަރީ ހަދައި، އޭނާގެ ސިފަ ބަދަލުކޮށް، 06 ސެޕްޓެމްބަރ 1970 ގައި ނެދަރލޭންޑްސްގެ އެމްސްޓެޑަމްއިން ފުރައިގެން ނިއުޔޯކަށް ދަތުރުކުރި، އިޒުރޭލުގެ ޤައުމީ އެއަރލައިން މަތިންދާ ބޯޓެއް ކަމަށްވާ އެލްއާލް 219 ހައިޖެކްކޮށް ލަންޑަންގެ ހީތުރޯ އެއަރޕޯޓަށް ޖެއްސުވިއެވެ. އެ ހާދިސާގައި، ލައިލާ ޚާލިދު ހައްޔަރުކޮށް، ފަހުން ރަހީނުންތަކެއް ބަދަލުކުރުމުގެ ތެރެއިން އޭނާ ދޫކޮށްލިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޓީވީ ނިއުސް ޗެނަލްތަކާއި، ނޫސްތަކުން ލައިލާ ޚާލިދުގެ އިންޓަވިއުތައް ގެނެސްދިނެވެ. އަދި، އިސްލާމީ ދުނިޔޭގެ ލޮލުގެ ނޫރު ކަމުގައި އޭނާ ވެގެން ދިޔައެވެ. އޭގެ ކުރިން އެއްވެސް މުސްލިމް އަންހެނަކަށް ޙާޞިލު ނުކުރެވޭ ފަދަ މަޝްހޫރުކަމެއް އޭނާގެ ފޮޓޯތަކަށް ލިބިގެން ދިޔައެވެ. އޭނާގެ މަގުބޫލުކަން ބޮޑުކަމުން ޔޫރަޕްގައި ދިރިއުޅޭ އަންހެން ކުދިން، އޭނާގެ އިސްތަށިގަނޑާއި، ކޫފިއްޔާއާއި، އަދި އޭނާގެ އަތުގައި އަޅާފައިވާ އަނގޮޓިއަށް ދަންދެން ކޮޕީކޮށް އޭނާގެ ފުރަކާރަ ނުވަތަ ސްޓައިލަށް ތަބާވިއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *