ޙަޟުރަތު ރާބިޢާ ބަޞަރީއާއި، ސުވަރުގެ!
އެއްފަހަރަކު، ޙަޟުރަތު ރާބިޢާ ބަޞަރީ رحمه الله ކޮންމެވެސް ތަނަކަށް ވަޑައިގެންނެވި މަގުމަތީގައި ބަޔަކު މީހުން ފެނިވަޑައިގަތެވެ. އެކަމަނާއަށް ފެނިވަޑައިގަތީ މީހަކު ސުވަރުގެއާ ބެހޭގޮތުން މީސްތަކުންނަށް އުއްމީދާއި، ޔަޤީންކަން ދޭތަނެވެ.
ރާބިޢާ ބަޞަރީ ހުއްޓިވަޑައިގެން ވިދާޅުވިއެވެ.
”އަހުރެންގެ އެކުވެރިޔާއެވެ. الله އަށް ބިރުވެތިވާށެވެ. الله ގެ ލޯތްބާ މެދު މީސްތަކުން ޣާފިލުކޮށްފައި ބައިތިއްބާނީ ކިހާ ދުވަހަކު ހެއްޔެވެ؟ ފުރަތަމަ އެމީހުންނަށް ދަސްކޮށް ދޭން ވާނީ، ކަލޭގެ ކަލާނގެ ދެކެ ލޯބިވާށެވެ. ދެން އެއަށްފަހު، އެމީހުން ލައްވާ ސުވަރުގެއަށް އެދުންވެރި ކުރުވާށެވެ.“
އެކަމަނާގެ ބަސްފުޅުތައް އެ މީހާއަށް، އަޑުއިވުމުން ބިރުން ސިހިފައި ބުންޏެވެ.
”އޭ މޮޔައާއެވެ. ދާށެވެ. ކަލޭ އަމިއްލަ މަގަށް ކަލޭ ރުޖޫޢަވާށެވެ.“
ޙަޟުރަތު ރާބިޢާ ބަޞަރީ رحمه الله ވިދާޅުވިއެވެ.
”އަހުރެންނަކީ މޮޔައެއް ނޫނީމެވެ. އެކަމަކު، ތިބާއަކަށް ނޭނގެއެވެ. ތިބާއަށް ސިއްރުތަކެއް ފަހުމެއް ނުވެއެވެ. الله އާ ކުއްތަން ނުވެވޭނަމަ، އަދި އެކަލާނގެ ދީދާރުފުޅު ފެނުމުގެ ނަޞީބު ނުލިބިއްޖެނަމަ، ސުވަރުގެއަކީ ހުރަގެއެކެވެ. އަދި މުޞީބާތުގެ ގެއެކެވެ. އާދަމް عليه السّلام ގެ މައްޗަށް الله ގެ ރަޙުމަތުގެ ހިޔަނި އަޅުއްވާފައި ހުންނެވިހައި ހިނދަކު، އެކަލޭގެފާނު އެ ސުވަރުގޭގެ މޭވާ ފަރިއްކުޅުއްވައި، އެތަނުގައި އުޅުއްވި ގޮތުގެ ވާހަކަ ކަލެއަށް އަޑު އިވިފައި ނުވޭހެއްޔެވެ؟ މާތް الله ނަހީކުރެއްވި ގަހުގެ މޭވާ ފަރިއްކުޅުއްވުމުން ފާފަވެރިވެ، އެކަލާނގެ ރަޙުމަތުގެ ހިޔަނި، އެކަލޭގެފާނުގެ ކިބައިން ފިލައިގެން ދިއުމުން، ހަމަ އެ ސުވަރުގެ އާދަމް عليه السّلام ގެ މައްޗަށް ވެގެން ދިޔައީ މުޞީބާތުގެ ގެއަކަށެވެ. އަދި ހުރަގެއަކަށެވެ.“
އެއަށްފަހު ވިދާޅުވިއެވެ. ”الله ގެ ޚަލީލް އިބްރާހީމް عليه السّلام ގެ ޙާލުކޮޅު، ކަލެއަށް ނޭނގޭ ހެއްޔެވެ؟ އިލާހީ ލޯބިން އެކަލޭގެފާނު ހިތްޕުޅު ފުރިގެން ބަންޑުންވީ ހިނދު، އަލިފާނުގެ ތެރެއަށް އެކަލޭގެފާނު ވައްޓަވައި ލެވުނެވެ. އެ އަލިފާން، އެކަލޭގެފާނުގެ މައްޗަށް ސުވަރުގެއަކަށް، އަދި ދުޅަހެޔޮކަން ލިބިގެންވީ ތަނަކަށް ބަދަލުވީކަން، ކަލެއަށް ނޭނގެނީ ހެއްޔެވެ؟“
”އެހެންކަމުން، ސުވަރުގޭ ވެރި އިލާހުގެ ލޯބި ހިތުގައި ފުރަތަމަ އާލާކުރާށެވެ. އެއަށްފަހު، ދެން ސުވަރުގެއަށް ދިއުމަށް އެދޭށެވެ. ތިބާގެ މައްޗަށް، الله ތަޢާލާގެ ރަޙުމަތުގެ ހިޔަނި ނުވާ ސުވަރުގެއެއްގައި، ތިބާ ކުރާނީ ކޮންކަމެއް ހެއްޔެވެ؟ ސުވަރުގެ އެދޭ މީހަކަށް ސުވަރުގެ ލިބުނަސް، އެތަނުން الله ތަޢާލާގެ ދީދާރުފުޅު ފެނުމުގެ ނަޞީބު ނުލިބިއްޖެނަމަ އެފަދަ ސުވަރުގެއެއްގެ ބޭނުމަކީ ކޮބައިތޯއެވެ؟“
”އަދި، الله ދެކެ ލޯބިވާ ބަޔަކަށް ނަރަކަ ލިބި، އެތަނުން الله ގެ ދީދާރުފުޅު ފެނުމުގެ ނަޞީބު ލިބިއްޖެނަމަ، އެފަދަ ނަރަކައަކީ، ތިޔަ ސުވަރުގެއަށް ވުރެ މިލިޔަން ދަރަޖަ ރަނގަޅު ތަނެކެވެ. އެތަން ޖޯޝާއެކު ހޯދާށެވެ. މި ދުނިޔެއާއި، ދުނިޔޭގައި ލެއްވިހައި އެއްޗަކާއި، އަދި މުޅި ކައުނުގައިވެސް ބޭނުންތެރި އެއްޗެއް ވާނަމަ، އެ އެއްޗަކީ الله ގެ ލޯތްބެވެ.“
އިންސާނާއަކީ ކީރިތި الله ގެ ގެކޮޅެވެ. އަދި އެ ގެކޮޅު ވަނީ އިންސާނާގެ ހިތުގައެވެ. ޙަޤީޤީ އިންސާނާ، ޔަޢުނީ އިންސާނާގެ ރޫޙު، މި ދުނިޔެއަށް ފޮނުއްވުނީ، މި ދުނިޔޭގައި الله ތަޢާލާއާ ބައްދަލުކޮށް، އެކަލާނގެ މަޢުރިފާކޮށް ދެނެގަތުމަށް ޓަކައެވެ. އަދި، الله މަޢުރިފާކޮށް ދެނެގަތުން ޙާޞިލުކުރެވޭނީ ތިބާގެ އެތެރެއިން، ޔަޢުނީ ތިބާގެ ހިތުން، الله ގެ މަތިވެރި އިސްމުފުޅުތަކުން ޒިކުރު ކުރުމުންނެވެ.






