އާބަކުރު ރަސްގެފާނު ވާހަކަ

ޢަބްދުﷲ ސަޢީދު
ޖޫން 6, 2026

އާބަކުރު ރަސްގެފާނު ރަސްކަމުގައި ހުވަދު އަތޮޅު އަތޮޅުވެރީން ވާރުއޮޑީގައި މާލެ ދުރުވެއްޖެއެވެ. ރަސްކަމުގެ ގަނޑުވަރަށް ދުރުވެ އާބަކުރު ރަސްގެފާނުގެ ފައިޕުޅުދުށުމަށްފަހު (ރަސްގެފާނާ ބައްދަލު ކުރައްވާފައި) ދެންނެވިއެވެ. ކޮޅުމަޑުލު ކޮޅުފުށީގައި ރަދުން ކައިވެނިފުޅު ބައްލަވައިގަންނަވަން ރަނގަޅު ކަނބަލެއް އެބަ އިންނެވިއެވެ. އެކަމަނާއަށް ކިޔަނީ ރެކި ކަމަނާއެވެ. އަތޮޅުވެރިންގެ ވާހަކަ އަޑުއައްސަވައި އޮޑިކޮޅު ތައްޔާރުކުރައްވައި ދެބައި ލަޝްކަރީންގެ ތެރެއިން 25 ސިފައިން އޮޑިއަށްލައްވައި އެ ސިފައިންނަށް އަމުރުކުރުމަށް ކޮމާންޑަރެއް ލައްވައި ކޮޅުފުށްޓަށް ފުރުވާލެއްވިއެވެ. ސިފައިން ގޮސް ކޮޅުފުށީ ރެކީ ކަމަނާ ގޮވައިގެން މާލެއައުމުން އާބަކުރު ރަސްގެފާނު އެ ކަމަނާއާ ކައިވެނިފުޅު ބައްލައިގެންފިއެވެ.

ކައިވެނި ކުރެއްވި ތަނާ ކެރީކަމަނާ އާލާސްވެ އިންނަވާ އަންހެން ބޭފުޅަކައިގެން ރައްކައުވިއެވެ. (ރައްކުވުމަކީ ވިހެއުމަށް މާތްބަހުންނާއި އެންމެ މާތް ބަހުން ކިޔާގޮތެވެ.) ރަދުންގެ ދެ ކަނބަލުންގެ ދަރިކަބަލުންނަށް ދެއްވި ނަންފުޅަކީ ރެއްކާ ކަމަނާއެވެ. އާބަކުރު ރަސްގެފާނުގެ މި ދަރިކަނބަލުން ބޮޑުފުޅު ވެސް ނުވަނީސް އަނބިކަނބަލުން އަވަހާރަވެއްޖެއެވެ. ދެން އެ ރަސްގެފާނު މާލޭން ބޭކަނބަލަކާ ކައިވެނިފުޅު ބައްލަވައި ގަނެގެން ގަނޑުވަރަށް ގެންނަވައިފިއެވެ. ރެއްކާ ކަމަނާއާއި ދޮންމަންމާފުޅާ އޮތީ ވަރަށް ގާތް ގުޅުމެކެވެ. ރެއްކާ ކަމަނާ ބޮޑުފުޅުވަމުން އައިއިރު ރަސްގެފާނު ވަނީ އެ ކަމަނާ އިސްތަށިފުޅު ވަޑުވަންލައްވާފައެވެ. (ކުރީ ޒަމާނުގައި ބޯވަޑުވަންލުން ކިޔަނީ އަންހެން ކުދީން އުމުރުން އަށްނުވަ އަހަރުގައި ބޯނުބާލަން ގަސްދުކޮށް އިސްތަށިގަނޑު ދިގުކުރާން ބެހެއްޓުމަށެވެ.)

އާބަކުރު ރަސްގެފާނު އަލަށް ގުރާބުކޮޅެއް ބަންނަވަން ބޭނުންފުޅުވެއްޖެއެވެ. މި ގުރާބުކޮޅު ބެންނެވުމަށް ގެންނެވީ ހިމިތީ މާވަޑިކޮޔެވެ. އޭރު މި ކޮއި ހުރީ އެ ޒަމާނުގައި ރާއްޖޭގައި ހުރީ އެންމެ މޮޅު މާވަޑިޔާކަށްވާ މި ކޮއިގެ ބައްޕަ ހިމިތީ މާވަޑިކަލޭގެއަށްވުރެ ކުރިއަރާފައެވެ. ސިފައިން ފޮނުއްވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން ރުއްވަރަކާއި ގަސްލަކުޑި ކަނޑުއްވައިގެން މާލެ ގެންނަވައި 22 ރިޔަނުގެ ގުރާބުކޮޅެއް ބެންނެވިއެވެ. މާލޭ މެދުތުނޑީގައި ގުރާބުކޮޅު ބަނދެ ނިމުމުން އާބަކުރު ރަސްގެފާނު ނިންމެވީ ގުރާބުކޮޅު މޫދަށް ބޭލުމުގެ ކުރިން ކުދިބޮޑު އަންހެންނަށް ދައްކަވާލައްވާށެވެ. ފައި އިދޭފުރައިން (ހިނގާބިނގާވެ އުޅެވޭ އުމުރުން) ފެށިގެން ހުރިހާ އަންހެނުންނަށް ގުރާބުކޮޅު ދެއްކެވުމުގެ މަސައްކަތް ހަވާލުކުރެއްވީ ރަސްގެފާނުގެ އަނބިކަނބަލުންނަށާއި ދަރިކަނބަލުންނަށެވެ. ގުރާބަށް މި ބޭފުޅުން ވަޑައިގެންނެވިއިރު މާވަޑިކޮއި އުޅެނީ ކުރެހުމުގެ މަސައްކަތުގައެވެ. މިތަން ދެކެވަޑައިގެން އާބަކުރު ރަސްގެފާނުގެ ދަރިކަނބަލުން ރެއްކާ ކަމަނާ މާވަޑިކޮއި ދެކެ ލޯބިފުޅު ވެއްޖެއެވެ. މިކަން ދޮންމަންމާފުޅަށް އެނގިވަޑައިގަނެގެން ރަސްގެފާނުގެ އަރިހުގައި ދެންނެވިއެވެ.

ރަނގަޅު ހެޔޮ ދުވަހެއް ބައްލަވައި ރަދުންގެ ދަރިކަނބަލުންނަށް ލިބާސް ލައްވައި ހިމިތީ މާވަޑިކޮޔާ ކައިވެނިކޮށް ދެއްވައިފިއެވެ. އަދި މި ދެކަނބަލުން ދިރިއުޅުއްވަން ކަނބާފާނު ގަނޑުވަރު ދެއްވައިފިއެވެ. ރެއްކާ ކަމަނާގެ ދޮންމަންމާފުޅުގެ ހިތްޕުޅު އެ ކަމަނާއާމެދު ނުބައިވާން ފެށީ ދެނެވެ. ރެއްކާ ކަމަނާއަށް ބޭފުޅަކު ލިބިވަޑައިގެންފިނަމަ އާބަކަރު ރަސްގެފާނަށްފަހު ރަސްކަން ލިބިވަޑައިގަންނަވާނީ އެ ބޭފުޅަކަށް ކަމަށްވާތީ އާއި ދޮންމަންމާފުޅަށް ދަރިކަލަކު ލިބިވަޑައި ނުގަންނަވާތީ އެކަމަނާ އަވަހާރަކޮށްލެއްވުމަށް ނިންމެވިއެވެ. މިގޮތުން ގިނަދުވަހު ބަލިވެ އުޅެ ބަލި ބޮޑުވަމުންގޮސް އަވަހާރަވާ ކަހަލަ ޒަޚަރެއް ލައްވައިގެން ދޮންމަންމާފުޅު ފަރިއްކޮޅެއް ތައްޔާރުކުރައްވައި އެކަމަނާގެ ގަނޑުވަރަށް ފޮނުއްވިއެވެ. އެ ފަރިއްކޮޅު ކޭންބެއްލެވިތަނުން ރެއްކާ ކަމަނާއަށް އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވިއެވެ. މި ޚަބަރު އައްސަވައި އާބަކުރު ރަސްގެފާނު ރާއްޖޭގެ އެކި ކަންކޮޅުތަކުން ހަކީމުންނާއި ފަންޑިތަވެރީން ގެންނެވިއެވެ. އެކަމަކު އެކަމަނާއަށް އެއްވެސް ލުއިފުޅެއް ނުލިބި ހާލުކޮޅު ދެރަވަމުންގޮސް އެންމެ ފަހުން އަވަހާރަވެއްޖެއެވެ.

ރެއްކާ ކަމަނާ އަވަހާރަވުމުން ހިނަވައި ކަފުންކޮށް، ސަންދޯއްފުޅު އެޅުމަށްފަހު ރަސްގެފާނު ނިންމެވީ އެ ދުވަހު ވަޅުފުޅު ލާހާ މޫސުން ނެތުމުން ހެނދުނު ވަޅުފުޅުކުމަށް ބޭއްވުމަށެވެ. ދެބައި ލަޝްކަރު އެއްކުރައްވައި ސަންދޯއްފުޅު ދޮށުގައި ކިޔެވުމަށާއި ގާޑުކުރާނެ ސިފައިން ލައްވައި އެހެން މީހުން ހެނދުނު ޖަނާޒާގައި ބައިވެރިވުމަށް އަންނަން ފޮނުވާލެއްވިއެވެ. ގަނޑުވަރު ތެރެއިން މީހުން މަދުވެލުމުން މާވަޑިކޮއި ހިތްހަމަ ޖައްސާލުމަށް ގަނޑުވަރުގެ ދޮރޯށިމައްޗަށް ނިކުމެލިއެވެ. އެ ވަގުތު މީހެއްގެ ހިޔަނިވިހެން ހީވެގެން ބަލާލިއިރު އެއީ ހިމިތީ މާވަޑިކޮއިގެ ބޮޑު ބޭބެއެވެ. ހިކުމަތްތެރި ދުރުވިސްނޭ ބޭކަލެކެވެ. މަޝްހޫރު ނޫނަކަސް ވަރަށް މޮޅު ބޭސްވެރިއެކެވެ. ދެ މީހުން ހާލު އަހުވާލު ބެލިއިރު، ބޮޑުބޭބެއަށް ވީގޮތަކީ ދަތުރުވަރިއެއްގައި މާލެ އާދެވުމުން ކޮއްކޮ ރަސްދަރިކަނބަލަކާ ކައިވެނި ކުރައްވައިގެން އުޅުއްވާ ޚަބަރު ލިބިގެން ބައްދަލުވޭތޯ އައީއެވެ. މާވަޑިކޮއި އަނބިކަމަނާ އަވަހާރަވުމުން ސަންދޯއް އަޅާފައި ނިކުމެހުރީއެވެ. އަނބިކަމަނާގެ ބަލީގެ ވާހަކަތަކާއި ވަލިވާން ދިމާވިގޮތް ކިޔައިދިނުމުން ބޮޑުބޭބެ ބޭނުންވީ އެކަމަނާގެ މޫނުފުޅު ދެކިލާށެވެ. ހަނދާނެ ގޮތަކާމެދު މަޝްވަރާ ކޮށްފައި ސަންދޯއް ކައިރީގައި ތިބި ސިފައިން ފޮނުވާލެއްވީއެވެ. ސިފައިން ދިޔައީ އެ ބޭކަލުން މިވަގުތު ތަބާވާން ޖެހޭނީ އެކޮއިގެ އަމުރަށް ކަމަށް ދެންނެވުމުންނެވެ. ”މިރޭ މި ގަނޑުވަރުގެ ޙުކުމްދާރަކީ ތިމަންނައެވެ. އަދި މިވަގުތު މި ކަމަނާގެ ޙުކުމްދާރަކީ ވެސް ތިމަންނައެވެ.“ އެކޮއި ދެންނެވިއެވެ.

ސިފައިން ދިއުމުން ސަންދޯއްފުޅު މަތިން އަޅާފައި އޮތް ދޮނަމަތި ނަގައި، ސަންދޯއްފުޅު މޮހާލިއެވެ. އަދި މޫނުފުޅު މަތިގައި ހުރި ކަފުން ފޭކޮށް ބޮޑުބޭބެއަށް އެކަމަނާގެ މޫނުފުޅު ދެއްކިއެވެ. ދެން ފައިތިލަފުޅު ދައްކާށޭ ބުނީމާ ކަފުން ފޭކޮށް ފައިތިލަފުޅު ދެއްކެވިއެވެ. އެވަގުތު ބޮޑުބޭބެ ބުނެއްޕެވެ. ކޮއްކޯއެވެ. އަނބިކަމަނާ އަވަހާރައެއް ނުވެއެވެ. އަވަހަކަށް މިވެނިއެވެނި ބޭހެއް ހޯއްދަވާށެވެ. އޭރު އެ ގަނޑުވަރުގައި އެ ކަމަނާއަށް ފަރުވާ ކުރުމަށް ނުހޯދާ ބޭހެއްނެތެވެ. އެހެންވެ ބޮޑުބޭބެ ބުނި ބޭސްތައް ހޯދާކަށް މާގިނައިރެއް ނުވިއެވެ. އެ ބޭސް ހަދައިގެން ހިކުނަނުދީ އިރުގަނޑަކު އުނގުޅުމަށްފަހު ބޮޑުބޭބެ ބުނެގެން އެ ކޮއި އަނބިކަމަނާއަށް ގޮވާލެއްވިއެވެ. އެވަގުތު އެ ކަމަނާ ލޯހުޅުވާލިއެވެ. ދެން ބޮޑުބޭބެ ބުނިގޮތަށް ސަންދޯއްފުޅުން އެކަމަނާ ނަންގަވައި ސަންދޯއްފުޅަށް ބޮޑު ދެގާ ލައި ކަފުންތައް މަޅައި ސަންދޯއްފުޅު ކުރިން ހުރިގޮތަށް ހެދިއެވެ. ހެނދުނު ރަސްގެފާނު ވަޑައިގެން ރަސްމީ އިއްޒަތުގައި ދަރިކަނބަލުންގެ ޖަނާޒާގެ ިަކަންތައްތައް ފުރިހަމަ ކުރައްވައިފިއެވެ. އަދި ކުރިން ވެސް އުޅެމުން ދިޔަގޮތަށް ކަނބާގަނޑުވަރުގައި މާވަޑިކޮއި ދިރިއުޅުން ކުރިއަށް ގެންދަން ހުއްދަބަސް ދެއްވާފައި ވަޑައިގެންފިއެވެ. ދެން މާވަޑިކޮޔާއި ބޮޑުބޭބެއާ ދެ މީހުން ވެގެން އެ ގަނޑުވަރުގައި ސިއްރު ވަޅުގަނޑުވަރެއް ހައްދަވައި އެ ތަނުގައި އަނބިކަމަނާ ގެންގުޅުއްވަން ފަށްޓަވައިފިއެވެ.

ހިމިތީ މާވަޑިކޮއިގެ ބޮޑުބޭބެ ރަށަށް ގޮސް އޭނާގެ އަންހެނުން މާލެގެނެސް އެ ގަނޑުވަރުގައި ބޭންދިއެވެ. އެއީ ވަރަށް މޮޅު ބޭކިނބި ދައިތައެކެވެ. ރެއްކާ ކަމަނާ އެއްކޮށް އާލާސްކަންފުޅުން ސަލާމަތްވެވަޑައިގެން، އާލާސްވެ އިންނަވަން ފަށްޓަވައިފިއެވެ. ފުރަތަމަ ލިބިވަޑައިގަތީ ފިރިހެން ބޭފުޅެކެވެ. ދެން އަންހެން އަންހެން ބޭފުޅެކެވެ. އޭގެފަހުން ލިބިވަޑައިގަތީ އަނެއްކާ ވެސް ފިރިހެން ބޭފުޅެކެވެ. މި ތިން ބޭފުޅުން ލިބިވަޑައިގެން ފަހުން ރެއްކާ ކަމަނާ އެއް ދުވަހަކު ބައްޕާފުޅު ދެކެލާހިތްޕުޅު ބޮޑުވެގެން އެވާހަކަ ވިދާޅުވިއެވެ. މިހެން ވިދާޅުވުމުން ޖެހިގެން އައި ހުކުރު ދުވަހު އާބަކަރު ރަސްގެފާނަށް މެންދުރުގެ ފަރިއްކޮޅަށް ކާވަޑިކޮއި ދައުވަތު ދެއްވިއެވެ. ހުކުރުން ރަސްމީ އިއްޒަތުގައި ގަނޑުވަރަށް ވަޑައިގަންނަވައި ކަނބާ ގަނޑުވަރަށް ރަދުން ވަޑައިގަތެވެ. ފަރިއްކޮޅަށް ރަދުންގެ އަތްޕުޅު ދޮވެދެއްވަން ތުނި ފަރުދާއެއްގެ އެތެރޭގައި ހުންނެވި ދަރިކަނބަލުންނާ ހަތަރުކަޅި ހަމަވިއެވެ. އެވަގުތު ރަދުންގެ ހިތްޕުޅަށް ވަރަށް ގިނަ ސުވާލުތައް އެރިއެވެ. އެންމެފަހުން ނީންނެވިގެން އެއީ ކޮން ކުއްޖެއްތޯ ސުވާލު ކުރެއްވިއެވެ. މާވަޑިކޮއި ދެންނެވިއެވެ. އެއީ މާތް ސާހިބާގެ ދަރިކަނބަލުން ރެއްކާ ކަމަނާއެވެ. ދެން ކަންތައްތައް ހިނގާދިޔަގޮތް ދެންނެވިއެވެ. އަދި ފަރުދާގެ އަނެއް ފަރާތުގައި ތިއްބެވި ކާފަ ވިދާޅުވާ ބޭފުޅުންނާއެކު ދަރިކަނބަލުން ނިކުމެވަޑައިގަތުމުން އެކަމަނާއާއި އެ ބޭފުޅުގެ ގައިގައި ބޮސްދެއްވައި، ކާފަވިދާޅުވާ ބޭފުޅުން އުރުވަޑުވައި ހެއްދެވިއެވެ. އަދި އެދުވަހުން އެ ދުވަހަށް އަނބިކަމަނާ ވަރިކުރައްވާ ފޮނުވާލެއްވިއެވެ.

ތުންތުންމަތިން ކިޔެމުން އަންނަ އާބަކުރު ރަސްގެފާނު ވާހަކައިގައި ކިޔާ ރަސްގެފާނަކީ އައްސުލްޠާން އަބޫބަކުރު (އެއްވަނަ) ސިރީ ބަވަނަ ސުންދުރަ މަހާރަދުން (1425-1426) ކަމަށް ބެލެވެއެވެ. މި ރަދުންނަކީ ހިލާލީ ދަރިކޮޅުގެ ބާނީ އައްސުލްޠާނުލް ޙަސަނުލް ހިލާލީ (1368-1378) ގެ ދަރިކަލެކެވެ. އެހެން ނަމަވެސް މި ރަސްގެފާނުގެ ރަސްކަމުގެ މުއްދަތަށް ބަލާއިރު ވާހަކައިގައި ކިޔާ ހުރިހާ ހާދިސާއަކީ މި ރަދުންގެ ރަސްކަމުގައި ހިނގާފައިވާ ކަންކަން ކަމަކަށް ނުބެލެވެއެވެ. ޙަސަން ތާޖުއްދީނު (2020) ގެ ތާރީޚު އިސްލާމި ދީބާމަޙަލްގެ ދިވެހި ތަރުޖަމާގައާއި، މުޙައްމަދު އަމީނު (1949) ލިޔުއްވާފައިވާ ތަންޤީހު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅުގައި މި ރަދުންގެ ރަސްކަމުގެ މުއްދަތެއް ކަމުގައި އޮންނަނީ ހަތް މަސްދުވަސް ކަމަށެވެ. ނަސީމާ މުޙައްމަދު (2022) ދިވެހިރާއްޖޭގެ ރަހުންނާއި ރަނީންގައި މި ރަދުންގެ ރަސްކަމުގެ މުއްދަތު އެއް އަހަރަށް ހައްދަވާފައިވެއެވެ.

ވާހަކައިގައި ކިޔަނީ އާބަކުރު ރަސްގެފާނު ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން ނާޞިރުއްދީން (1388-1391) އަށްފަހުގައި ކަމަށެވެ. އެހެން ނަމަވެސް އެ ރަދުންނަށްފަހު އާބަކުރު ރަސްގެފާނާ ދެމެދު ހަ ބޭފުޅުން ރަސްކަން ކުރައްވާފައިވާކަން ތާރީޚުން ކަށަވަރުވެއެވެ. މި ބޭފުޅުންގެ ތެރެއިން މި ރަދުންގެ ކުރިން ރަސްކަން ކުރެއްވި މި ރަދުންގެ އަޚެއް ކަމުގައިވާ އައްސުލްޠާން ޔޫސުފް (ދެވަނަ) ވަނީ 23 އަހަރު ރަސްކަން ކުރައްވާފައެވެ. ދެން ތިއްބެވި އެއްވެސް ރަސްކަލަކު އަހަރު ދުވަހު ވެސް ރަސްކަން ކުރައްވާފައެއް ނުވެއެވެ. ދިވެހި ތާރީޚުގައި މަޝްހޫރު ބުރެކި ރަނިންނާއި ދޮންބުޅާ ފާށަނާ ނުވަތަ އައްސުލްޠާން ޢަލީ (ފަސްވަނަ) އަކީ ވާހަކައިގައި ކިޔާގޮތުން އާބަކުރު ރަސްގެފާނުގެ ރެއްކާ ކަމަނާއަށް ލިބިވަޑައިގެންނެވި ދެ ބޭފުޅުންނެވެ. ތިންވަނަ ބޭފުޅާ ބޮޑުފުޅުވި ފަހުން އަވަހާރަވީއެވެ. އާބަކުރު ރަސްގެފާނަށް ފަހު ރަސްކަމަށް އިސްވެވަޑައިގަތީ އެ ރަދުންގެ ދަރިކަލުން ހަދި ޙަސަން ރަސްގެފާނު (1426-1453) އެވެ. ތާރީޚީ ޙަޤީޤަތްތަކަށް ބަލާއިރު ތުންތުންމަތިން ކިޔަމުން އަންނަ އާބަކުރު ރަސްގެފާނުގެ ވާހަކައި ހަގީގަތާ ޚިލާފު ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަވެއެވެ.

ފޮޓޯ: އޭއައި ޖަނަރޭޓްކޮށްފައިވ ޚިޔާލީ ކުރެހުމެއް.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *