ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބޭހޭގޮތުން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރޖެނެރަލް މުޙައްމަދު ޝަމްއާން ވަޙީދު މީޑިއާގައި މިއަދު ދެއްކެވީ ދޮގުވާހަކަތަކެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ދިވެހި ބައެއް މީޑިއަމްތަކާ މިއަދު ވާހަކަދައްކަވަމުން ޝަމްއާން ވަނީ ރާއްޖޭގެ ދާޚިލީ ވަޒީރު ކޮޕްރަޕްޝަންގެ ފައިސާގައި ހިއްޕެވި ކަމަށް ތުހުމަތު ކުރައްވައިފައެވެ. ދާޚިލީ ވަޒީރު އެކަން ކުރެއްވީ ބޭރު މީހުންނަށް ކޯޓާތައް ދޫކުރުމުގެ ތެރެއިން ކަމަށް ޝައްމާން ވަނީ ވިދާޅުވެފައެވެ. އެކަން އެނގުމުން ރައީސުލް ޖުމްހޫރިއްޔާގެ ސަމާލުކަމަށް އެކަން ގެންނެވި ކަމަށް ވެސް ޝައްމާން ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސް އެކަން ގަބޫލުފުޅު ނުކުރެއްވި ކަމަށް ޝައްމާން ވިދާޅުވިއެވެ.
އެހެންނަމަވެސް މިވާހަކަތައް ސަރުކާރުގެ އިސްތަރުޖަމާނު މިވަނީ ދޮގު ކުރައްވައިފައެވެ. ޝައްމާން ވިދާޅުވީ އަދާ ހަމައަށް އެވާހަކަ ނުދައްކަވާ ހުންނެވީ އެކަށީގެންވާ ވަގުތެއްގައި ދެއްކެވުމަށް ކަމަށެވެ. މިއަދަކީ އޭނާގެ މައްޗަށް ހުކުމްކުރި ދުވަހަށްވުމުން މިއީ އެންމެ ރަނގަޅު ވަގުތުކަމަށް ދެކި އެވާހަކަ ހާމަކުރެއްވީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޝައްމާން ވިދާޅުވެފައިވަނީ މިއީ ވައްކަން ކުރާ ސަރުކާރެއް ކަމަށާއި މިއީ ރާއްޖޭގައި ބާއްވަން ހެޔޮވާނޭ ވެރިކަމެއްނޫން ކަމަށެވެ. އޭނާ އެދެނީ 2028 ގެ ކުރީން މި ސަރުކާރު ނިންމުމަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ކޮންޓްރޯލަރ ޖެނެރަލްކަމުގެ މަގާމުން ޝައްމާން ވަކިކުރީ އިމިގްރޭޝަނުގެ ބައެއް މުވައްޒަފުން މެދުވެރިކޮށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމުގެ ތުހުމަތުގައެވެ. އެ ކަމުގެ ތުހުމަތަށް ހައްޔަރުކޮށް މިއަދުވަނީ އޭނާގެ މައްޗަށް ހުކުމް އިއްވައިފައެވެ.






