އިމިގްރޭޝަނުގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް ޝައްމާން ވަހީދަށް ތުހުމަތުކުރި ކުށް ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
އޭނާގެ މައްޗަށް މި ހުކުމް އިއްވީ މިއަދު ހަވީރު 4:00 ގައި ބޭއްވި އަޑު އެހުމެއްގައެވެ. ދައުލަތުން ޝައްމާނަށް ތިން ކުށެއްގެ ދައުވާ ކުރިއެވެ. އެ ތިން ކުށްވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އޭނާގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ވަނީ ކޮށްފައެވެ. އެއީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމާއި، މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. މި ދައުވާތަކަށް ޝައްމާން ވަނީ އިންކާރު ކޮށްފައެވެ. ނަމަވެސް ކޯޓުން މިއަދު ހުކުމްކުރީ އޭނާގެ މައްޗަށް ކުށްސާބިތުވާ ކަމަށެވެ. މަނީ ލޯންޑަރިންގެ ކުށް ސާބިތުވާތީ އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމަކީ 15 އަހަރަށް ޖަލަށް ލުމަށެވެ. ފޭރުމުގެ ކުށަށް އިއްވާފައިވަނީ 8 އަހަރުގެ ޖަލު ހުކުމެކެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާތީ އިއްވާފައިވަނީ 2 އަހަރުގެ ޖަލު ހުކުމެކެވެ.
ޝައްމާން ވިދާޅުވެފައިވަނީ މިއީ އޭނާ ފްރޭމް ކުރުމަށް ދާޚިލީ ވަޒީރާއި ދައުލަތުގެ ބަންޑާރަ ނާއިބު ބަޔަކު މެދުވެރިކޮށް ކުރުވި ކަމެއް ކަމަށެވެ. އޭނާގެ މި ތުހުމަތު ބަންޑާރަނާއިބު ވަނީ ދޮގު ކުރައްވައިފައެވެ.






