ދިވެހީންގެ ރަސްކަމާއި ދިވެހީންގެ ލަޝްކަރު
ދިވެހީންނާއި ދިވެހިރާއްޖޭގެ ސަރަޙައްދާ އެކު ދިވެހި ދައުލަތް ދިފާޢުކޮށް ރައްކާތެރިކޮށް ބެލެހެއްޓުމަށް ދިވެހި ކާބަފައިން ލަޝްކަރެއް އުފައްދައި ދަމަހައްޓާފައިވަނީ ހަރުދަނާ އުސޫލުތަކަކާއި ނިޒާމުތަކާއި އަސްކަރީ ފަލްސަފާއެއްގެ މަތީގައެވެ. ދިވެހި ލަޝްކަރުން ހަނގުރާމައިގެ ޢަމަލީ މައިދާންތަކުގައި ކާމިޔާބާއި ނަޞްރާއި ފަތަޙަ ހޯދާފައިވަނީ ތަބާވަމުން ދިޔަ ވަރުގަދަ ނިޒާމަކާއި ދެމެހެއްޓި ހަރުދަނާ އިންތިޒާމުތަކާ އެކުގައެވެ. ދިވެހި އަސްކަރީ ފަލްސަފާ ބިނާވެފައި އޮތީ ހަނގުރާމައާއި، އަސްކަރީ ބާރުގެ ބޭނުންކުރުމާއި، ލަޝްކަރާއި ދިވެހި ރަސްކަމާ އޮތް ގުޅުމުގެ މައްޗަށެވެ. ދިވެހި ކާބަފައިން ވަނީ ދިވެހިރާއްޖެއަށް ކުރިލާންޖެހޭ ނުރައްކާތަކާއި ކުރަންޖެހޭ ހަނގުރާމައިގެ ތަބީޢަތް ދެނެގަނެ، އެކަމުގައި ޢަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅާފައެވެ. ދައުލަތުގެ ތެރޭގައި އަސްކަރިއްޔާގެ ދައުރު އޮތީ ސާފުކޮށް ފެންނާށެވެ. އެއީ ރަސްކަމަށް ލަޝްކަރުން ބޯލަނބައި ކިޔަމަންގަތުމާއި އެކު، ރައްޔިތުންގެ ޙައްޤުގައި ބަސްބުނުމުގެ ބާރާއި އިޚުތިޔާރު ލަޝްކަރަށް ލިބިދީފައި އޮތް ނިޒާމެކެވެ.
ދިވެހީންގެ ރަސްކަމާއި ދިވެހީންގެ ލަޝްކަރާ އޮތީ ވަރަށް ބަދަހި ގުޅުމެކެވެ. މި ގުޅުމުގެ ބަދަހިކަމާއި އެކަތިގަނޑެއްގެ ސިފަ، ލަޝްކަރަށް މުޚާޠަބު ކުރެވޭ ގޮތުން އެނގެއެވެ. ދިވެހި ލަޝްކަރަށް މުޚާޠަބު ކުރެވެނީ ރަދުންގެ ލަޝްކަރު ނުވަތަ ރަނިކަމަނާގެ ލަޝްކަރުގެ ނަމުންނެވެ. ދިވެހި ލަޝްކަރުގެ އެންމެ އިސްވެރިޔަކީ ރަސްގެފާނު ނުވަތަ އެވަގުތަކު ދިވެހި ސިންގާސަނާ ފަޅުފިލުއްވާ ވެރިއެކެވެ. މިގޮތަށް މި ނިޒާމު ދިވެހީން ކަނޑައަޅައި ހިނގަމުން އައީ ކޮން ޒަމާނަކުން ފެށިގެންކަމެއް ނޭނގެއެވެ. ރަސްކަމުގެ ނިޒާމަކީ އިންސާނީ ތާރީޚު ދަންނަ އެންމެ ދުވަސްވީ ވެރިކަން ކުރުމުގެ ނިޒާމެވެ. ރާއްޖޭގައި ވެސް އެންމެ ދުރުން ފެންނަނީ ރަސްކަމުގެ ނިޒާމެއް ހިންގަމުން އައިކަމެވެ. މިއީ ވިރާސަތުން ވާރުތަވާ ގޮތަށް އޮތް ރަސްކަމެކެވެ. ރަސްކަމުގެ ނިޒާމުން އާންމުކޮށް ފެންނަ ދެ ބާވަތުގެ ރަސްރަސްކަލުން ރާއްޖޭގެ ތާރީޚުން ވެސް ފެނިފައިވެއެވެ. މީގެތެރެއިން ޚުދުމުޚުތާރު އަދި އަނިޔާވެރި ރަސްރަސްކަލުން ފެނިފައި ވަނީ ނިސްބަތުން ވަރަށް މަދުންނެވެ. މިގޮތުން ބަލާއިރު ދިވެހި ރަސްކަމަކީ މަޝްވަރާގެ މަތިން ހިނގަމުން އައި އަދުލްވެރި ރަސްކަމެއް ކަމުގައި ދެންނެވިދާނެއެވެ. ދިވެހިރާއްޖޭގައި އެވޭލާ ޒަމާނުއްސުރެ އޮތީ ރަސްމީ ގޮތުން ވިރާސީ ރަސްކަމަށް ވިޔަސް އެއީ ރަސްކަމުގެ ބޮޑުންގެ މެދުގައި މަޝްވަރާކޮށްގެން ރަސްރަސްކަލުން ”އިންތިޚާބު“ ކުރެވޭ ޒާތަކަށް ހިނގަމުންދިޔަ ރަސްކަމެކެވެ. ނުވަތަ އެއީ ރައްޔިތުންގެ ޤަބޫލާއިއެކު ތަޚުތަށް ރަސްކަލަކު އިސްކުރެވޭ އަދި ވަކި ކުރެވޭ (ޢަޒުލުކުރެވޭ) ނިޒާމެކެވެ. މި ނިޒާމުގައި ރައްޔިތުންގެ ދައުރު އަދާކުރަނީ ދިވެހި ލަޝްކަރުންނެވެ. އެއީ ހަވަރެވެ.
ދިވެހިރާއްޖޭގައި ރަސްކަލަކު ރަސްކަމަށް އިސްކުރުމާއި ވަކިކުރުމުގައި ލަޝްކަރަށް ބާރުތަކެއް ލިބިދީފައި އޮވެއެވެ. ވެރިކަން ހިންގުމުގެ ހުރިހާ ކަމެއްގައި ވެސް ލަޝްކަރުން ޢަމަލީގޮތުން ބައިވެރިވެއެވެ. ރަސްކަމުގެ ކީރިތިކަމާއި މޫރިތިކަން ދައްކައިދިނުމުގެ އިތުރުން ރަސްކަން ދިފާޢުކޮށްދިނުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ލަޝްކަރުންނެވެ. ދިވެހިރާއްޖޭގައި ރަސްކަލަކު ރަސްކަމަށް އިސްކުރެވެނީ ރަސްކަމުގެ ބޮޑުންގެ މަޖިލިހަކުން ނިންމާ ނިންމުމެއްގެ މައްޗަށެވެ. އެއަށްފަހު ރަސްކަމަށް އިސްވެ ވަޑައިގަތް ރަދުންނާމެދު ”ހަވަރު“ ނުވަތަ ލަޝްކަރުގެ ބަހެއް ހޯދުމަކީ ދިވެހީންގެ މުސްކުޅި އާދަކާދައިގެ ތެރޭގައި އޮތްކަމެކެވެ. ލަޝްކަރުގެ ރުހުންނެތި ރަސްކަމަކަށް ނޯވެވެއެވެ. ރާއްޖޭގައި ކުރު މުއްދަތެއްގެ ތެރޭގައި ބަދަލުވެފައިވާ ގިނަ ރަސްކަންތައް ބަދަލުވީ އެއް ސަބަބަކަށް މިކަން ވާނެއެވެ.
ރަސްކަމުގެ ތެރޭގައި ލަޝްކަރަށް ލިބިދީފައިވާ އެންމެ ބޮޑު އެއް ބާރަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަސްކަމުގެ ތެރޭގައި ހިނގާ ނުރަގަނޅު ކަންތައްތައް އިސްލާހުކުރުމަށް ނުވަތަ ރަސްކަން ނިމުމަކަށް ގެނައުމަށް ރަދުންނަށް ދެންނެވުމުގެ ބާރެވެ. މިގޮތުން ހަވަރު ހުއްޓިލެއްވުމުގެ އާދަ ޤާއިމުވެ ހިނގަމުން އައިސްފައިވެއެވެ. ހަވަރު ހުއްޓި ލެއްވުމަކީ ހަވަރުގެ ފަރާތުން ރަދުންގެ އަރިހުގައި ރަސްމީގޮތުން ކޮންމެވެސް ބޮޑުކަމަކާ މެދު އެއްޗެއް ދެންނެވުމަށް ޓަކައި ގުޅަކުޅޭ ފަސްގަނޑަށް ހަވަރު އެއްވުމެވެ. މި އެއްވުން ގިނަ ފަހަރަށް އެއްވަނީ ހުކުރު ދުވަހު ހުކުރުން ފޭބުމަށް ފަހުގައެވެ. މި ކަންކަމަކީ ވަރަށް ބޯދާ ޒަމާނުއްސުރެ ހިނގަމުން އައި ކަންކަމެވެ. ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ލަޝްކަރަށް ތެދުވުމުގެ ބާރު ލިބިދީފައި އޮތުމަކީ މުޅި ޤައުމާއި ރައްޔިތުންނަށް އެކަމުގެ ފައިދާއައި ލާބަ ލިބިފައިވާ ކަންތައްތަކެކެވެ.
އާންމު ގޮތެއްގައި ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް ދައުލަތާއި ސަރުކާރު ހިންގުމުގެ ބާރުތަކާއި ރޭވުންތައް ބިނާވެފައި ހުންނަނީ އެބައެއްގެ ދީނީ އަޤީދާއާއި ޤަބޫލުކުރުންތަކުގެ މައްޗަށެވެ. މިގޮތުން ދިވެހީން އިސްލާމްދީން ޤަބޫލުކުރުމުގެ ކުރިން ރަސްކަން ހިންގި ގޮތާއި ރޭވުންތައް ހުންނާނީ އޭރު ދިވެހީން ތިބި އަޤީދާއާ އެއްގޮތަށް ކަމަށް ގަބޫލުކުރަން ޖެހެއެވެ. ދިވެހިރާއްޖެ އިސްލާމްވި އިރު އޮތީ ބުދުދީނުގެ ރަސްކަމެއް ކަމުގައި ވިޔަސް، އޭގެކުރިން ހިންދޫ ދީން ވެސް ރާއްޖޭގައި އޮތެވެ. ދިވެހީންގެ ސަގާފަތުގައި އިޖުތިމާޢީ ދަރަޖަތަކެއް (ކާސްޓް ސިސްޓަމެއް) ގެ އަސަރުތައް އަށަގެންފައިވަނީ އެ ދީނުގެ ގަބޫލުކުރުންތަކުގެ ތެރެއިންނެވެ. އެހެން ނަމަވެސް ދިވެހިރާއްޖެ އިސްލާމްވުމަށްފަހު އެ ނިޒާމުން ފެޔަށް ޖެހެމުން، އަދި އެ ނިޒާމު އިސްލާމީ ގިއުގަނޑުގެ ތެރެއިން އިސްލާހު ކުރަމުން ދިއުމަކީ ޠަބީޢީ ކަމެކެވެ.
ހިންދީންނާ ޚިލާފަށް ދިވެހީންގެ ތެރޭގައި މީހަކު ވަކި ދަރަޖައަކަށް އުފަންވިޔަސް ލިބޭ މަގާމެއްގެ ސަބަބުން ނުވަތަ ކުރެވޭ ކައިވެނީގެ ސަބަބުން ދަރަޖަ މައްޗަށްޖެހެއެވެ. މިގޮތުން ދިވެހި ލަޝްކަރުގެ ކޮންމެ މީހަކީ ކޮންމެ ދަރަޖައެއްގެ އާއިލާއަކަށް ނިސްބަތްވާ މީހަކަށް ވިޔަސް އަސްކަރީ ޚިދުމަތުގައި އެއީ ބޭކަލެކެވެ. ކުރީ ޒަމާނުގައި ހަނގުބޭކަލުންނެވެ. ފަހުން ސިފައިންގެ ބޭކަލުންނެވެ.
ހިންދޫންގެ ކާސްޓް ސިސްޓަމަކީ އެ މީހަކު އުފަންވާ އާއިލާއަކަށް ނުވަތަ ގިންތިއަކަށް ބިނާކޮށް، މުޖުތަމަޢުގެ ތެރޭގައި މީހުން ތަފާތު ދަރަޖަތަކަށް ބަހާލެވޭ އިޖުތިމާޢީ ނިޒާމެކެވެ. މި ނިޒާމު ބެހިފައި އޮންނަނީ މައިގަނޑު ހަތަރު ބަޔަކަށެވެ. އެއީ ދީނީ ޢިލްމުވެރިންނާއި ހާމުދުރުން ހިމެނޭ އެންމެ މަތީ ދަރަޖަކަމުގައިވާ ”ބްރަހްމިނުން“ ނާއި، ވެރިންނާއި ހަނގުރާމަވެރިން ހިމެނޭ ”ކްޝަތުރިޔާއިން“ ނާއި، ވިޔަފާރިވެރިންނާއި ދަނޑުވެރީން ހިމެނޭ ”ވައިޝްޔާއިން“ ނާއި މަސައްކަތްތެރިންނާއި އަޅުން ހިމެނޭ ”ޝޫދްރާއިން“ ނެވެ. ބައެއް ދިވެހި ރަސްރަސްކަލުންގެ ކޮލީ ނަންފުޅުގެ ތެރޭގައި ހިމެނޭ ”ކައްތިރި“ އަކީ ”ކްޝަތުރިޔާ“ އިން އައިސްފައިވާ ލަފުޒެކެވެ. މި ލަފުޒުމާނައަކީ ހަނގުރާމަވެރި އަދި ގަދަފަދަ އެވެ.
ދިވެހީން އިސްލާމްވުމަށްފަހު ދިވެހީންގެ ހިތްތަކުގައި އެންމެ މަތިވެރި ފަރާތަކީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެއަށްފަހު ދެން އެންމެ މަތީ ދަރަޖައެއް ދީފައި ވަނީ ކީރިތި ރަސޫލާއަށާއި މަލާއިކަތުންނަށާއި، ރަސޫލު ބޭކަލުންނަށާއި ނަބީ ބޭކަލުންނަށެވެ. އެއަށްފަހު ކީރިތި ރަސޫލާގެ އާލުންނާއި އަސްހާބުންނާއި ވަލީވެރިންނާއި ދަންނަބޭކަލުންނަށެވެ. ދިވެހީންގެ ތެރެއިން އެންމެ މަތީ ދަރަޖައަކީ ރަސްގެފާނު ނުވަތަ ރަނިކަމަނާގެ ދަރަޖައެވެ. އެއަށްފަހު އޮންނީ ކިލެގެ ބޭކަލުންނާއި ކަނބަލުންގެ ދަރަޖައެވެ. އެއަށްފަހު އޮންނަނީ ރަސްމަތިފުށުގެ ބޭފުޅުންގެ ދަރަޖައެވެ. މިއީ މަނިއްޕުޅާއި ގޮމާ ނުވަތަ ގޮމަފުޅުގެ ދަރަޖައެވެ. މި ދަރަޖައަށް ފަހު އޮންނަ ދަރަޖައަކީ ”ދީދި“ އެވެ. މިއީ ރަސްކަލަކަށް މުނިކާފާފުޅު ވިދާޅުވާ ބޭފުޅުންގެ ދަރަޖައެވެ. ދީދީންނަށްފަހު އޮންނަ ދަރަޖައަކީ ”މަނިކުފާނު“ އާއި ”މަނިކެފާނު“ އިންގެ ދަރަޖައެވެ.
ރަސްދަރިކޮޅަކަށް ނިސްބަތް ނުވާ އެންމެ މަތީ ދަރަޖައަކީ އާންމުކޮށް ސަރުކާރުގެ އެކިއެކި އިސް މަގާތުތައް ފުރުއްވާ ބޭކަލުންގެ ދަރަޖައެވެ. މިގޮތުން ވަޒީރުކަމާއި، ފަނޑިޔާރުކަމާއި، ކަތީބުކަމާއި، ނާއިބުކަމާއި މަލިންކަމާއި، މުދިންކަމާއި، ވާރުވެރިކަންފަދަ އިސް މަގާމުތައް ފުރުއްވާ ބޭކަލުންގެ ދަރަޖައަކީ ”ތަކުރުފާނު ނުވަތަ ބީފާނު“އާއި ”ކަލޭގެފާނު ނުވަތަ ކަނބުލޭގެފާނު“ އާއި ”މަނިކު ނުވަތަ މަނިކެ “ އާއި ”ފުޅު“ ގެ ދަރަޖައެވެ. ދެން އޮންނަ ދަރަޖައަކީ މެދުފަންތި ނުވަތަ މެދުކެނބީންގެ ދަރަޖަައެވެ. މިއީ އާންމުކޮށް ދިވެހީންކޮށް އުޅުނު އެކިއެކި ހުނަރުވެރި މަސައްކަތްތައް ކޮށްއުޅުނު މަސައްކަތްތެރީންނާއި ދައުލަތުގެ އާންމު ޚިދުމަތްތެރީންގެ ދަރަޖައެވެ. މަސްވެރީންނާއި، ދަނޑުވެރީންނާއި، ވަޑިންނާއި، ތިލޭރުންނާއި އެދުރުންނާއި އެދުރުދައިތައިންނާއި، ބޭކިނބީންފަދަ ހުނަރުވެރި މަސައްކަތްތެރީންގެ ދަރަޖައެވެ. އަދި ހަނގުބޭކަލުންނާއި ކުދިބޭކަލުންނާއި، ކަލާސީން ފަދަ ޚިދުމަތްތެރީންގެ ތެރެއިން އާދައިގެ މީހުންގެ ދަރަޖައެވެ. އިހުޒަމާނުގައި ދިވެހީން ދަރަޖަތަކަށް ބަހައި ގިންތިކޮށް އުޅުނު އިރު އެންމެ ދެރަ ބަޔަކީ ރައިވެރީންނެވެ. އެއީ ރައިވެރިކަން ކުރާ މީހުންނާއި އެ ޒަމާނުގައި ދެރަކަމަށް ބަލައި އުޅުނު މަސައްކަތްތައް ކޮށްއުޅުނު މީހުންނެވެ.
މިއިން ކޮންމެ ދަރަޖައެއްގެ ޢާއިލާއަކަށް ނިސްބަތް ވިޔަސް އަސްކަރީ ޚިދުމަތްތެރިއަކަށް ވެއްޖެނަމަ އެއީ އިހުތިރާމާއި ގަދަރު ލިބިގެންވާ ބޭކަލެކެވެ. އަދި މިއިން ކޮންމެ ދަރަޖައަކުން ރަސްކަމަށް ވަޑައިގަތަސް އެ ބޭފުޅަކާއި އެ ބޭފުޅެއްގެ އާއިލާގެ ދަރަޖަ އެންމެ މާތް ދަރަޖައަށް އުފުލިދެއެވެ.
ދިވެހިރާއްޖޭގައި ރަސްކަން އާންމުގޮތެއްގައި ބަދަލުވެފައި ވަނީ ރަސްކަމުގައި ހުންނަވާ ރަސްކަލަކު އަވަހާރަވެގެން ނުވަތަ އެ ބޭފުޅަކު ރަސްކަން ދޫކޮށްލައްވައިގެން ނުވަތަ އެހެން ބޭފުޅަކު ރަސްކަމުގެ މައްޗަށް ގަދަވެގަނެ ރަދުން ރަސްކަމުން ދުރުކޮށްގެން ނުވަތަ ގަތުލުކޮށްގެންނެވެ. މިއިން ކޮންމެ ގޮތަކަށް ރަސްކަން ބަދަލުވިޔަސް އާ ރަސްކަމެއް ފެށެނީ ލަޝްކަރުގެ ރުހުން އޮވެގެންނެވެ. ދިވެހިރާއްޖޭގައި ރަސްކަލަކު އަވަހާރަވެއްޖެ ނަމަ ދެބައިލަޝްކަރަށް ބެރުޖަހައި ދެބައިލަޝްކަރު އެއްކުރެއެވެ. މިއީ ޤައުމަށް އަންނަ ވަރަށް ޙުޟޫރަތްތެރި ވަގުތުކޮޅެކެވެ. މި ވަގުތުކޮޅުގައި ރާއްޖޭގެ ނިޒާމުތައް ހިންގައި ބަލަހައްޓައި ރަދުން ފަސްދާނުލުމުގެ ކަންތައްތައް ކުރަނީ ދެބައިލަޝްކަރީންނެވެ. ނަމަވެސް ދެން ރަސްކަމަށް އިސްކުރައްވާ ބޭފުޅެއްގެ މައްސަލަ ހަމަޖައްސަވަނީ ރަސްކަމުގެ ބޮޑުންގެ މެދުގައި މަޝްވަރާ ކުރައްވައިގެންނެވެ. ދިވެހީންގެ މުސްކުޅި ވާހަކަތަކުގައި ކިޔާގޮތުން ރަދުން ހިނަވައި ކަފުންކުރައްވައި ސަންދޯއްޕުޅުގައި ވަޑުވައި ރަސްކަމުގެ ބޮޑުންނާއި ސާހިބުންގެ އަރިހުގައި ދެބައިލަޝްކަރީން ދަންނަވައެވެ. ”ރަސްކަލަކު އިސްކޮށްފައި ނޫނީ އަނެއް ރަސްކަލަކު ފަސްދާނުގައި ލައިގެން ނުވާނެއެވެ.“ މިއިން ކޮންމެ ކަމަކުން ވެސް އެނގެނީ ރަސްކަމާއި ލަޝްކަރާ އޮތް ގުޅުމާއި ބާރުތައް ހިއްސާކުރާގޮތާއި ތަރުތީބެވެ. ދިވެހިރާއްޖޭގެ ރަސްކަމުގެ ނިޒާމަކީ ކޮންމެ ފަހަރަކު ވަލީއަހުދެއް ހުރެގެން ރަސްކަން ވާރުތަވަމުން އައި ނިޒާމެއްނޫނެވެ. މިކަން ރާއްޖޭގެ ރަސްކަންތައް ބަދަލުވެ ފުރޮޅެމުން އައިގޮތުން ފެނެއެވެ. އަދި ލަޝްކަރަކީ ސިޔާސީ ނިންމުންތައް ނިންމާ ބައެއް ނޫނެވެ. އެކަމަކު އެ ޒަމާނުގައި ސިޔާސީގޮތުން ބަސް ބުނުމުގެ އިޚުތިޔާރު ލަޝްކަރަށް އޮތެވެ.
ދިވެހިރާއްޖޭގެ ރަސްކަން އެއް ޒަމާނެއްގައި ވާރުތަވަމުން އައީ މައިފުށުން ނުވަތަ މެޓްރިލިނިއަލް ސިސްޓަމަށެވެ. ފަހުން ރަސްކަންތައް ވާރުތަވެފައި ވަނީ ބަފާފުށުން ނުވަތަ ޕެޓްރިލިނިއަލް ސިސްޓަމަށެވެ. އެހެން ނަމަވެސް ރަސްކަން ވާރުތަވާން ހުންނެވި ބޭފުޅަކީ ލަޔާޤަތާއި ޤާބިލިއްޔަތުގެ ގޮތުން އެކަމަށް އެކަށީގެންވާ ބޭފުޅެއްކަމަށް ރަސްކަމުގެ ބޮޑުންނަށް ފެނިވަޑައި ނުގަންނަވާނަމަ އެ ދަރިކޮޅުން އެހެން ބޭފުޅަކަށް ރަސްކަން ހަވާލުކުރެއެވެ. އަދި ރަސްކަން ކުރަމުން އައި ދަރިކޮޅުން ރަސްކަން ވާރުތަވާން އެކަމަށް އެކަށީގެންވާ މީހަކު ނެތްނަމަ އައުލާދުއްރަސޫލު (ކީރިތި ރަސޫލާގެ މާތް ނަސަބުފުޅުގެ ) ގެ ބޭފުޅަކަށް ރަސްކަން ހަވާލުކުރެއެވެ. ރާއްޖޭން ބޭރުގެ ބައެއް ބޭފުޅުން ރާއްޖޭގައި ރަސްކަން ކުރައްވާފައިވަނީ މިގޮތުންނެވެ.
ދިވެހި ރަސްރަސްކަލުން ދިވެހި ރައްޔިތުންނާއި ދިވެހީންގެ ލަޝްކަރަށް ޚާއްޞަ އަހުމިއްޔަތު ކަމެއް ދެއްވިއެވެ. ރަސްރަސްކަލުން ދިވެހި ރައްޔިތުންނާމެދު ދެކެ ވަޑައިގަތީ އެއީ ދިވެހީންގެ ލަޝްކަރުކަމުގައެވެ. ދިވެހި ލަޝްކަރަކީ ދިވެހީންގެ ޚަޒާނާ (އިގުތިސާދު) ކަމުގައެވެ. އަލްޤާޟީ ޙަސަން ތާޖުއްދީން ތާރީޚު އިސްލާމި ދީބާމަޙަލްގައި ލިޔުއްވާފައި ވެއެވެ. ”އަދި ކީއެއްތަ؟ ރައްޔިތުން ބެލެވެނީ ޤައުމުގެ ލަޝްކަރުގެ ގޮތުގައެވެ. މިސާލަކަށް ވިސްނާލާށެވެ. ޤައުމުގައި ވިހި ހާސް ރަށް އޮވެފައި އެއިން ކޮންމެ ރަށަކުން އެންމެ އަސްވާރަކު ނިކުތް ކަމުގައި ވިޔަސް މެއެވެ. ދެންފަހެ، ދައުލަތުގެ ޚަޒާނާ ހިމެނެނީ ރައްޔިތުންގެ މުއްސަނދިކަމާއި އެއުރެންނަށް ލިބިފައިވާ އަމާންކަމުގެ މައްޗަށެވެ. އަދި ޤައުމީ ލަޝްކަރެއް ދެމިއޮތުމަކީ ޚަޒާނާއެވެ.“






