އޭއައިއަކީ ހަމައެކަނި ނަމަކަށް ނުވަތަ ޝަރަފަކަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންކުރާނެ މުހިންމު ވަސީލަތެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ”ގްލޯބަލް ޑައިލޮގް އޮން އޭއައި ގަވަރނެންސް“ ސަމިޓު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މޯލްޑިވްސް 2.0ގެ ދަށުން ރާއްޖެއިން މަސައްކަތް ކުރަމުން ދަނީ އޭއައި ބޭނުންކޮށްގެން ޚިދުމަތްތައް ދިނުމުގައި ބަދަލެއް ގެނައުމަށް ކަމަވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެކަން ބިނާވަނީ މަޢުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ސައިބަރސެކިއުރިޓީ ކަށަވަރުކުރުމާއި ޒިންމާދާރުކުރަނިވި ނިޒާމެއްގެ ތެރެއިންކަމަށް ވަޒީރު ވިދާޅުވިއެވެ.
”ރާއްޖެ ފަދަ ޤައުމަކަށް އެންމެންގެ ބައިވެރިވުން ފެށިގެންދަނީ އެ ބިންގަލުގެ މަތީގައި. އޭއައިއާ ނުލައި ހަމަހަމަކަން ކަށަވަރުކުރުމަށް ހުރަސްތަކެއް އެބަހުރި. އޭއައިގެ ކުރިއެރުން ބިނާ ވަނީ މޮޅެތި ސިސްޓަމްތަކަށްވުރެ ބޮޑަށް އާދައިގެ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރުގެ މައްޗަށް،“ ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖެ އާއި ޔުނެސްކޯއާ ގުޅިގެން ފުރަތަމަ އޭއައި ރެޑިނެސް އެސެސްމަންޓް މިހާރު ހަދާފައިވާ ކަމަށެވެ. މިހާރު އޭއައި ޑޭޓާ ލެބް ނުވަތަ މޯލްޑިވްސް އޭއައި ލެބް ޤާއިމުކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ހަމައެކަނި އެޕްލިކޭޝަންތަކަށް އިންވެސްޓްކުރުމުގެ ބަދަލުގައި އޭއައި ނުވަތަ އެދާއިރާ ބިނާކުރުމަށް އިންވެސްޓްކުރަން ޖެހޭކަމަށެވެ. އޭގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ދާއިރާގެ އިންސާނީ ވަޞީލަތްތައް ބިނާކުރުމާއި ހިންގުމުގެ ނިޒާމުގެ އަސާސަކީ ހުރިހާ ދާއިރާއެއް ގުޅޭނޭހެން މަޢުލޫމާތު ހިއްސާކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ މުހިންމުކަމެއް ކަމަށްވެސް ވިދާޅުވިއެވެ.






