ޚާމަނާއީގެ ޖަނާޒާގައި ބައިވެރި ނުވެވުނީ ޕްރޮޓޮކޯލް އިންތިޒާމަށް އައި ބަދަލެއްގެ ސަބަބުން: ޚާރިޖިއްޔާ

ހިރި ނިއުސް
ޖުލައި 8, 2026

އިރާނުގެ ސުޕްރީމް ލީޑަރ، ޝަހީދު އާޔަތުالله އަލީ ޙާމަނާއީގެ ޖަނާޒާގައި ރާއްޖެއިން ބައިވެރި ނުވެވުނު ސަބަބު ދިވެހި ޚަރިޖިއްޔާއިން ހާމަކުރައްވައިފިއެވެ. ޚާރިޖިއްޔާއިން ވިދާޅުވެފައިވަނީ 03 ޖުލައި ވީ ހުކުރު ދުވަހު ބޭއްވި ޚާމަނާއީގެ ރަސްމީ ޖަނާޒާ ބައިވެރިވެވަޑައިގަތުމަށް ދިވެހި ސަރުކާރަށް ދައުވަތު ލިބުނު ކަމަށެވެ.

އެ ދަޢުވަތު ރާއްޖެއިން ގަބޫލިކޮށް ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނީ ދިވެހިރާއްޖޭން ސަޢުދީ އަރަބިއްޔާއަށާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު ކަމުގައި އިރާން ސަރުކާރަށް އެންގެވި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް ޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ”ސަފީރު ފުރާވަޑައިގަންނަވާ ވަގުތު ކައިރިވެފައި ވަނިކޮށް އިރާން އެމްބަސީން އަންގަވާފައިވަނީ ބޭރުޤައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް އިންތިޒާމް ހަމަޖެއްސުމުގެ އުޞޫލު މިހާރު ހަމަޖެހިފައިވާގޮތުން ސަފީރުންގެ ލެވެލްގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށެވެ.“ މި މަޢުލޫމާތު ލިބުމާގުޅިގެން، ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގެ ބޭފުޅަކު ރާއްޖެއިން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އިރާނަށް ދަތުރު ކުރެއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރެއްވި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް ތެހްރާންއަށް ދިއުމުގެ ފްލައިޓްތަކަށް ހުއްދަދެވޭ ސުންގަޑި ކައިރިވެފައިވާކަމަށާއި، ސްޓޭޓް މިނިސްޓަރ ރާއްޖެއިން ފުރާވަޑައިގެން ތެހްރާނަށް ވަޑައިގެންނެވޭނީ، ޖަނާޒާގެ ރަސްމީބައި ނިމޭފަހުން ކަމުގައި ޚާރިޖިއްޔާއިން ވިދާޅުވެފައެވެ. ހަމަ އެއާއެކު ދިވެހިރާއްޖެއިން ސްޓޭޓް މިނިސްޓަރަކު ޖަނާޒާގައި ބައިވެރިކުރުމަށް ނިންމެވި ނިންމެވުމަށް އިރާން ސަރުކާރުން ރާއްޖެއަށް ޝުކުރުއަދާ ކުރައްވާކަން އެންގެވި ކަމަށްވެސް ޚާރިޖިއްޔާއިން ވިދާޅުވެފައިވެއެވެ. ”އެ ދަތުރުފުޅު މި ވަގުތު ކުރެއްވުމުގެ ބަދަލުގައި ފަހުގެ ތާޜީޚެއްގައި ސަރުކާރުގެ އިސްބޭފުޅަކު ކުރެއްވުމަށް ލަފާދެއްވިއެވެ.“

އިރާންގެ ސުޕްރީމް ލީޑަރ އަވަހާރަވުމާގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ދިވެހި ޚާރިޖީ ވަޒީރުގެ ތައުޒިޔާގެ މެސެޖެއް އިރާން ގެ ޚާރިޖީ ވަޒީރަށްވަނީ ފޮނުވާފައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *