ދެކުނު އޭޝިއާގެ ޤައުމުތަކަށް ކޮރަޕްޝަންގެ ފައިސާ އަނބުރައި ލިބޭނެ ނަމަ

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 7, 2024

ދެކުނު އޭޝިއާގެ ޤައުމުތަކުގެ ކޮރަޕްޓް ފަރާތްތަކުން ޤައުމުން ބޭރުގައި ފޮރުވާފައިވާ ބިލިއަން ޑޮލަރު ހޯދައި، ކުށްވެރިންނަށް އަދަބު ދިނުމަށް ރައްޔިތުން އެދެއެވެ. ނަމަވެސް އެކަން ކޮށްދޭނެ ހިތްވަރެއް ސިޔާސީ ވެރިންގެ ކިބައި ގައި ނުހުރެއެވެ.

ވޮޝިންޓަންގައި ހުންނަ ތިންކް ޓެންކް ކަމަށްވާ ގްލޯބަލް ފައިނޭންސް އިންޓެގްރިޓީ (ޖީއެފްއައި) އިން ކުރިއަށް ގެންދިޔަ ތަހުގީގެއްގައި ބުނަނީ، 2009 އާއި 2017 އާ ދެމެދު ސްރީލަންކާއިން 36 ބިލިއަން އެމެރިކާ ޑޮލަރު ގައުމުން ބޭރަށް ވަގަށް ފާއްދާލާފައިވާ ކަމަށެވެ. މިފައިސާއަކީ މުދާ އެކްސްޕޯޓު ކުރުމުން ސްރީލަންކާއަށް އަށް ލިބެންވާ ފައިސާއެވެ.

ކޮލަމްބޯ ޓެލެގްރާފްގައި ލިޔުއްވަމުން ޑަބްލިއު ވިޝްނޫ ގުޕްތާ ވިދާޅުވަނީ، އެ 36 ބިލިއަން އެމެރިކާ ޑޮލަރުގެ ކުޑަ އިންސައްތައެއް އަނބުރާ ސްރީލަންކާއަށް ލިބުނުނަމަ، އައިއެމްއެފްއިން ހޯދި 3 ބިލިއަން އެމެރިކާ ޑޮލަރަށް ކޮލޮމްބޯއަށް އާދޭސްކުރަން ނުޖެހުނީސް ކަމަށެވެ.

2015 ވަނަ އަހަރު ސްރީލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ސަރުކާރުން ވަނީ، ބޭރުގައި ފޮރުވާފައިވާ ފައިސާ ހޯދުމަށް ރިޔާސީ ޓާސްކްފޯހެއް އުފައްދާފައެވެ. ނަމަވެސް އެކަމުން ވީފައިދާއެއް ނެތެވެ.

މިވަގުތު ސްރީލަންކާގެ ވެރިކަމުގައި އޮތް ކަނާތުފިޔައިގެ ނޭޝަނަލް ޕީޕަލްސް ފްރަންޓް (އެންޕީޕީ) އިން ވަނީ އިންތިޚާބުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވާނެ ކަމަށް ވައުދުވެފައެވެ. ނަމަވެސް އެ ޕާޓީގެ އިންތިހާބީ މެނިފެސްޓޯގައި ބޭރުގައި ފޮރުވާފައި ހުރި ފައިސާ އަނބުރާ ގެނައުމުގެ ވާހަކައެއް ބުނެފައެއް ނުވެއެވެ.

އިންޑިއާއިން ވެސް އެއް ޓްރިލިއަން ޑޮލަރު ފާއްދާލާފައިވާ ކަމަށް ދައްކައެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާ ސަރުކާރުން ބުނެފައި ވަނީ އިންޑިއާއަށް ލިބެން ޖެހޭ 181 ބިލިއަން އެމެރިކާ ޑޮލަރާއި 1.8 ޓްރިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއް ޤައުމުން ބޭރުގައި ފޮރުވާފައިވާ ކަމަށެވެ. އިންޑިއާއިން ވަނީ ޢަފޫޢާންމު ސްކީމެއްގެ ތެރެއިން 623 މިލިއަން އެމެރިކާ ޑޮލަރު ހޯދާފައެވެ.

ޕާކިސްތާނުން ގެއްލިފައިވާ ފައިސާއާ ބެހޭ ގޮތުން، ފެޑެރަލް ބޯޑް އޮފް ރެވެނިއުގެ ކުރީގެ ޗެއާމަން ސައީދު ޝައްބާރު ޒައިދީ ވިދާޅުވަނީ، ގާތްގަނޑަކަށް 150 ބިލިއަން އެމެރިކާ ޑޮލަރު ބޭރުގައި ފޮރުވާފައިވާ ކަމަށެވެ. މީގެ ތެރެއިން 100 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިސާގެ އެއްވެސް ހެއްކެއް ފެންނާން ނެތް ކަމަށެވެ.

ޑިސެމްބަރު 2023 ގެ ނިޔަލަށް ޕާކިސްތާނުގެ ޖުމްލަ ބޭރު ދަރަނީގެ އަދަދަކީ 131.15 ބިލިއަން އެމެރިކާ ޑޮލަރެވެ. ޕާކިސްތާނުން ބޭރުގައި ފޮރުވިފައިވާ ފައިސާ އެގައުމަށް އަނބުރައި ލިބުނު ނަމަ، އައިއެމްއެފްއިން 7 ބިލިއަން އެމެރިކާ ޑޮލަރު ހޯދަން ޕާކިސްތާނަށް ސަލާން ޖަހަން ނުޖެހުނީސް ކަމަށް އޭނާ ވިދާޅުވެއެވެ.

ބަނގްލަދޭޝްގެ ދަ ޑެއިލީ ސްޓާގައި 2 އޮކްޓޯބަރު 2024 ގައި ލިޔުއްވަމުން ބަންގްލަދޭޝްގެ މާލީ ތަޖުރިބާކާރު ތަސްނީމް ރައިހާން ވިދާޅުވީ ބަނގްލަދޭޝްއިން ބޭރަށް 100 ބިލިއަން އެމެރިކާ ޑޮލަރު ބަންގްލަދޭޝްގެ ވިޔަފާރިވެރިން ލޯންޑަރ ކޮށްފައިވާ ކަމަށެވެ. 100 ބިލިއަން އެމެރިކާ ޑޮލަރަކީ ބަންގްލަދޭޝްގެ ދެ އަހަރުގެ ގައުމީ ބަޖެޓާއެއް ވަރުގެ އަދަދެކެވެ.

ބަންގްލަދޭޝް އައިއެމްއެފްއަށް ސަލާން ޖަހައިގެން 2023 ވަނަ އަހަރު 4.7 ބިލިއަން އެމެރިކާ ޑޮލަރު ހޯދިއެވެ.

ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ މަގާމުން ވަކިވުމަށްފަހު ބަނގްލަދޭޝްގެ އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޮފިޝަލުން ވަނީ ބޭރުގައި ފޮރުވާފައިވާ ފައިސާ ހޯދައި ދިނުމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި އދގެ ޑްރަގްސް އެންޑް ކްރައިމް އިދާރާ (ޔޫއެންއޯޑީސީ) ގައި އެދިފައެވެ. މީގެ އިތުރުން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޜަރީގެ އެސިސްޓެންޓް ސެކްރެޓަރީ ބްރެންޓް ނައިމަން ވަނީ ވަގުތީ ސަރުކާރުގެ އޮފިޝަލުންނާ ވެސް ބައްދަލުކުރައްވާފައެވެ.

އެމެރިކާއިން ވަނީ މެލޭޝިއާ، ފިލިޕީންސް، އަދި ނައިޖީރިއާ ފަދަ ގައުމުތަކުން ލޯންޑަރ ކޮށްފައިވާ ފައިސާތައް ހޯދުމުގައި ކާމިޔާބުކަމާއެކު އެހީތެރިވެދީފައެވެ.

1993 އާއި 1998 އާ ދެމެދު ނައިޖީރިއާގެ ޚުދުމުހުތާރު ވެރިޔާ ސާނީ އަބަޗާ އާއި އޭނާގެ ބައިވެރިން ގާތްގަނޑަކަށް 5 ބިލިއަން އެމެރިކާ ޑޮލަރު ވަގަށް ނަގާފައިހުއްޓެވެ. އޭގެ ތެރެއިން ބޮޑު ބައެއް ޖަމާކޮށްފައި އޮތީ ސްވިޒަލޭންޑް، އެމެރިކާ، އިނގިރޭސިވިލާތް އަދި ބައިނަލްއަގްވާމީ ބޭންކުތަކުގެ އޮފްޝޯ އެކައުންޓްތަކުގައެވެ. އަބަޗާ މަރުވުމަށްފަހު ނައިޖީރިއާ އިން ވަނީ އެ ފައިސާ ހޯދުމަށް މަސައްކަތްތަކެއް ފަށާފައެވެ.

ސްވިޒަލޭންޑުން އަބަޗާގެ އެސެޓްތައް ފްރީޒްކޮށް 1999 ވަނަ އަހަރު ސްވިޒަލޭންޑްގެ ފެޑެރަލް ސުޕްރީމް ކޯޓުން ވަނީ ލޯންޑަރ ކުރި ފައިސާގެ ތެރެއިން 500 މިލިއަން އެމެރިކާ ޑޮލަރު ނައިޖީރިއާއަށް އަނބުރާ ދީފައެވެ. އަދި 2006 ވަނަ އަހަރުގެ ނިޔަލަށް ސްވިޒަލޭންޑުން ވަނީ ފްރީޒްކޮށްފައިވާ ގިނަ އެސެޓްތައް އަނބުރާ ނައިޖޭރިއާއަށް ފޮނުވައި، އެ ފައިސާ އިންފްރާސްޓްރަކްޗާ، ސިއްހަތު، އަދި ތައުލީމު ފަދަ އާންމު މަޝްރޫއުތަކަށް ބޭނުންކުރުމަށް އެއްބަސްވުން ހަދާފައެވެ. އަދި އެ ފައިސާ އަލުން ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭނެ ގޮތް ހެދުމަށްޓަކައި ވޯލްޑް ބޭންކް ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވަނީ ނައިޖީރިއާ އިން އެ ފައިސާ ބޭނުންކުރާ ގޮތް ވަރަށް ގާތުން ބަލާފައެވެ.

ނައިޖީރިއާގެ ރިކަވަރީ މަސައްކަތުގައި 2014 ވަނަ އަހަރު ވެސް އެމެރިކާއިން ވަރަށް މުހިންމު ދައުރެއް އަދާކުރި އެވެ. މިކަމުގެ ސަބަބުން ފްރާންސް، އިނގިރޭސިވިލާތް، އަދި އިނގިރޭސި ޗެނަލްގައި އޮންނަ ޖާރޒީ ޖަޒީރާފަދަ ފަދަ ބައެއް ޖުރިސިޑިކްޓްތަކުގެ އެސެޓްތައް ފްރީޒް ކޮށް 2020އާ ހަމައަށް، ލޯންޑަރ ކޮށްފައިވާ 308 މިލިއަން އެމެރިކާ ޑޮލަރު އަނބުރާ ފޮނުވައި ދިނެވެ.

ދާދި ފަހުން 2022 ވަނަ އަހަރުގެ އޮގަސްޓް މަހު ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ވަނީ ނައިޖީރިއާއަށް އިތުރު 23 މިލިއަން ޔޫ ޑޮލަރު އަނބުރާ ދިނުމަށް އިތުރު އެއްބަސްވުމެއް ހަދާފައެވެ.

މި ލިޔުމާ ގުޅޭ