އިމްރާން ޚާން ޕާޓީގެ ލީޑަރުން ހައްޔަރު ކުރުމަށް އެދިއްޖެ

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 8, 2024

އިސްލާމްއާބާދުގައި މުޒާހަރާ ކުރުން މަނާކޮށްފައި ވަނިކޮށް، ވެރިރަށުގައި މުޒާހަރާ ކުރުމުގެ ސަބަބުން ޕީޓީއައިގެ އިސްމީހުންނާ ދެކޮޅަށް ތޭރަ މައްސަލައެއް ފުލުހުން ހުށަހަޅައިފިއެވެ.

އެ މައްސަތައް ހުށަހަޅާފައިވަނީ ޕީޓީއައިގެ ބާނީއާއި އިމްރާން ޚާނާއި، އެ ޕާޓީގެ ލީޑަރުންނާއި، އެކްޓިވިސްޓުންނާ ދެކޮޅަށެވެ. މީގެ އިތުރުން ޚައިބަރު ޕަޚުތޫން ޚުވާގެ ޗީފް މިނިސްޓަރ ހައްޔަރު ކުރުމުގެ އަމުރަކަށްވެސް ފުލުހުން އެދިފައިވެއެވެ. އަދި އިމްރާން ޚާންގެ ކޮއްކޮއިން ކަމަށްވާ އަލީމާ އާއި އުޒްމާ ގޭގައި ބަންދު ކުރުމަށްވެސް އެދިފައި ވެއެވެ.

ޕާކިސްތާން ތަޙުރީކޭ އިންސާފް (ޕީޓިއައި) ގެ ލީޑަރުންނާ ދެކޮޅަށް ރަޖިސްޓްރީކޮށްފައިވާ އެފްއައިއާރުތަކުގައި ތުހުމަތުކޮށްފައި ވަނީ ޖަލުގައި ހުރި ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން، ފާއިތުވި ތިން ދުވަހުގެ ތެރޭގައި ”ޕާޓީގެ އެކްޓިވިސްޓުންނަށް ދައުލަތާއި ދައުލަތުގެ މުއައްސަސާތަކާ ދެކޮޅަށް ހަމަނުޖެހުން ހިންގުމަށް ބާރުއެޅި“ ކަމަށެވެ.

އިސްލާމްއާބާދުގައި 13 މައްސަލައެއްގެ ރަޖިސްޓްރީ ކުރުމުގެ އިތުރުން ހަސަންއަބްދަލް ޕޮލިސް ސްޓޭޝަނުން ވަނީ ޕީޓީއައިގެ ޢިމްރާން ޚާނާއި އެ ޕާޓީގެ އިތުރު 63 ލީޑަރުންނާއި 3،000 އަށް ވުރެ ގިނަ އެކްޓިވިސްޓުންގެ މައްޗަށް ފިތުނަ އުފެއްދުމާއި ޓެރަރިޒަމަށް ހިތްވަރު ދިނުމާއި މީހަކު މަރާލަން އުޅުނު ކަމަށް ތުހުމަތުކޮށްފަ އެވެ.

އިސްލާމްއާބާދުގައި ހުށަހެޅި ގިނަ މައްސަލަތަކުގައި ބުނެފައި ވަނީ އިމްރާން ޚާން، ޖަލުގެ ގަވާއިދާ ޚިލާފަށް، ބޭރު މީހުންނާ މުއާމަލާތްކޮށް ޒިޔާރަތްކުރާ މީހުން ތިބުމަށް ފުރުސަތުދީ، އާދަޔާ ހިލާފަށް ޖަލުގެ ވަސީލަތްތައް ބޭނުންކޮށް، ”ކޯޓް އަމުރުތަކުގެ ފައިދާ ނަގަމުން“ ގެންދާ ކަމަށެވެ.

އެ އިންތިޒާމުތަކުގެ ސަބަބުން، ކުރީގެ ބޮޑުވަޒީރު ދައުލަތާއި ދައުލަތުގެ މުއައްސަސާތަކާ ދެކޮޅަށް ސިޔާސީ މަސައްކަތްތެރިންގެ މެދުގައި މެދުނުކެނޑި ނަފްރަތު އުފައްދަވަމުން ގެންދަވައި، ޕާޓީގެ ލީޑަރުންނަށް ހަލަބޮލިކަން އުފައްދައި ހިނގާލުމެއް ކުރިއަށް ގެންދިއުމަށް ބާރުއެޅުއްވި ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިން ޕެޓްރޯލް ބޮން ގޮއްވާލި ކަމަށާއި، އޮށް ގަލުން ފުލުހުންނަށް ހަމަލަ ދީފައިވާ ކަމަށް ވެސް އެފްއައިއާރުތަކުގައި ފާހަގަކޮށްފައިވެ އެވެ.

މި މުޒާހަރާތަކުގައި އިސްވެ ހުންނެވީ، ޚައިބަރު ޕަޚްތުންޚްވާގެ ޗީފް މިނިސްޓަރު އަލީ އަމީން ޣަންޑާޕޫރު އެވެ. ފުލުހުން ކޮންޓެއިނާތައް ބަހައްޓައިގެން ޑީ ޗޯކާއި ރެޑްޒޯން ބަންދު ކުރުމުންވެސް މީހުން ވަނީ މުޒާހަރާތައް ބާއްވާފައެވެ.

އިމްރާން ޚާންގެ ޕާޓިއަކީ ޓެރަރިސްޓް ޕާޓިއެއް ކަމަށް ނިންމުމަށްވެސް ވެރިކަން ކުރާ މުސްލިމު ލީގް (ނ) އިން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.

 

މި ލިޔުމާ ގުޅޭ