ޗައިނާއިން އެމެރިކާއަށް ސައިބާ ސެކިއުރިޓީގެ ނުރައްކަލެއް އޮތް ކމަށް ބުނެ ކޮންގްރެސް މެމްބަރުން ވަނީ އެމެރިކާގެ މުވާސަލާތީ ކުންފުނިތަކުން ނުރައްކަލާ ބެހޭ ތަފްސީލީ ރިޕޯޓެއް ހޯދުމަށް އެދިފައެވެ. އެމެރިކާއިން ބުނަނީ 5 ނޮވެމްބަރުގައ އޮންނަ ރިއާސީ އިންތިޚާބަށް ޗައިނާއިން ދީފާނެ ސައިބަރ ނުރައްކަލުގެ ބިރު ބޮޑު ކަމަށެވެ.
ޗައިނާ އިން ސައިބާ ހަމަލައެއް ދިން ކަމަށްވަނީ، މުވާސަލާތީ ކުންފުނިތައް ކަމަށްވާ ވެރީޒޯން، އޭޓީ އެންޑް ޓީ، އަދި ލޫމެންޓެކްނޯއަށެވެ. އެކުންފުނިތަކުން ތަފްސީލީ ރިޕޯޓަކަށް އެދިފައި ވަނީ، ކޮންގްރެސްގެ ދެ މެމްބަރެކެވެ.
ވޯލް ސްޓްރީޓް ޖާނަލް އިން ވަނީ މި ހަމަލާގެ ވާހަކަ ރިޕޯޓުކޮށްފައެވެ. އެ ނޫހުން ބުނިގޮތުގައި މި ހަމަލާ އެމެރިކާގެ ބައެއް ބްރޯޑްބޭންޑް ޕްރޮވައިޑަރުންގެ ނެޓްވޯކްތަކަށް އަމާޒު ކޮށްފައި ވެއެވެ. އަދި ހަމަލަ އަމާޒުކށްފައި ވަނީ ކޯޓުގެ ހުއްދައާއެކު ފޯނު ކޯލުތައް އަޑުއެހުމަށް ބޭނުންކުރާ ވަޔަރޓެޕިންގެ ވަސީލަތްތަކަށެވެ. ވޯލްސްޓްރީޓުން ކުރި ރިޕޯޓުގައި ބުނެފައި ވަނީ ހެކަރުންނަށް މުހިންމު ނެޓްވޯކް އިންފްރާސްޓްރަކްޗާ އަށް ތަކުރާރުކޮށް ވަދެވުނީތީ ގައުމީ ސަލާމަތަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.
އެމެރިކާއިން ތުހުމަތު ކުރަނީ، މިއީ ޗައިނާއިން ވާގިވެރިވާ ސައިބަރ އެޓޭކްތަކެއް ކަމަށެވެ.
ކޮންގްރެސްގެ ސެލެކްޓް ކޮމިޓީން ބުނާ ގޮތުގައި މި ހަމަލަތަކުގެ މަގްސަދަކީ، ގިނައިން ބޭނުންކުރާ އެންކްރިޕްޝަން އެލްގޮރިޒަމްތަކަށް ހަމަލާއެއް ދިނުމެވެ.
ސައުތު ޗައިނާ މޯނިން ޕޯސްޓުން ބުނާ ގޮތުގައި މިއީ ބޭންކިން އާއި ސިފައިންނާއި ޖާސޫސީ އިދާރާ ފަދަ ދާއިރާތަކަށް ”ހަގީގީ އަދި ބޮޑު ނުރައްކަލެއް“ ކުރިމަތިވާނެ ކަމެއް ކަމެކެވެ.
ސެލެކްޓް ކޮމިޓީން ހޯދާ ރިޕޯޓަކީ މި އާ ނުރައްކާ ތަޙުލީލު ކުރުމަށް ބޭނުންވާ ޑޭޓާއެވެ.
އެކްސްގައި ސެލެކްޓް ކޮމިޓީން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ޗައިނާގެ ސައިބާ އެޓޭކްތައް ކުންފުނިތަކަށް ދިން ކަމަށް ރިޕޯޓްތައް ލިބުމުން ކޮމިޓީގެ ޗެއާމަން ރެޕްރެޒެންޓެޓިވް މޫލެނާރާއި އިސް މެމްބަރު ރާޖާ ވަނީ ވެރީޒޯން، އޭޓީޓީ، އެންޑް ލުމެންޓެކްކޯ އިން ކޮމިޓީއަށް މައުލޫމާތު ދިނުމަށް އެދިފަ އެވެ.
މީގެ އިތުރުން އެމެރިކާގެ ޖާސޫސީ އިދާރާގެ އިސް އޮފިޝަލަކާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުން ބުނެފައިވަނީ މިފަދަ ހަމަލާތަކުގެ ސަބަބުން އެމެރިކާގެ ރިއާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ސީދާ ބިރެއް އެބަ އޮތެވެ.






